ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، އަދި އެންމެ ބޮޑު އެއް އެއަރލައިން ކަމަށްވާ އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ފިލިޕީންސްގައި މަސައްކަތްކުރަމުންދިޔަ 3 ޑޮކްޓަރުން މަރުވެއްޖެކަމަށް އެގައުމުން ބުނެފި އެވެ. އަދި އިތުރު ޑޮކްޓަރުންގެ ހާލަތު ގޯސްކަމަށާއި އެތައް ސަތޭކަ ސިއްހީ ޚިދުމަތްތެރިންނެއް މިވަގުތުވެސް ކަރަންޓީނުގައި ތިބި ކަމަށް އެގައުމުން ބުނެއެވެ. މަރުވި 3 ޑޮކްޓަރުންނަކީ މިލާންގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރަމުންދިޔަ ޑޮކްޓަރުންކަމަށް އެގައުމުން ބުނެއެވެ.
ކޮވިޑް-19 ފެތުރޭތީ ސައުދީ އަރަބިއްޔާގައި 21 ދުވަހުގެ ކާފިއު އިއުލާންކޮށްފި އެވެ. ސައޫދީގެ ރަސްމީ ނޫސް އެޖެންސީ، ސާނާ ބުނާގޮތުން ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވަނީ ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް 21 ދުވަސްވަންދެން މަގުތަކަށް މީހުން ނިކުތުމާއި އެއްވެއޮޅުން މަނާކުރުމުގެ ޝާހީ އަމުރެއްގައި ސޮއިކުރައްވައި އެކަން ތަންފީޒު ކުރުމަށް ސައޫދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފަ އެވެ.
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ޖަޕާނުން އާދިއްތަ ދުވަހު 5 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު މިއީ މިހާތަނަށް އެގައުމުން އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާ ދުވަހެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފަ އެވެ. މިހާތަނަށް އެގައުމުން 1,801 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ.
ކޮވިޑް-19 އިން ގައުމު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ. މަގުތައް ދޮވެ ސާފުކުރަނީ ކްލޮރިން އަޅައިގެންނެވެ. މާލޭ ސިޓީން މި މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި އެމްޑަބްލިއުއެސްސީ އާއި ގުޅިގެންނެވެ.
ކޮވިޑް-19 އިންޑިޔާގައި ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިންޑިޔާގެ މައި ސިޓީ ނިއުދިއްލި އާއި އިތުރު ސިޓީތަކެއް މަރޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރުމަށް ނިންމައިފި އެވެ. އެންމެ ފުރަތަމަ އިންޑިޔާއިން ނިންމާފައިވަނީ 14 ގަޑިއިރު ވަންދެން ލޮކްޑައުންކޮށްފައި ބޭއްވުމަށެވެ. ނަމަވެސް ފަހުން މިވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފަ އެވެ. ލޮކްޑައުންކުރުމަށް ހަމަޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނެނީ މުމްބާއީ، ބެންގަލޯރު، ޕޫނޭ، ހައިދްރައާބާދު އަދި ކޮލްކަތާ އެވެ. މިނިންމުމާއެކު އިންޑިޔާގެ އެތައް މިލިއަން ބަޔަކަށް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މިވަނީ މަޖުބޫރުވެފަ އެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްނުކޮށްފިނަމަ، މި ގޭމްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި އެވެ.
މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.
ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ހޫބޭ ޕްރޮވިންސުން ވައިރަސް ޖެހިފައިވާ މީހަކު ނުފެންނަތާ މިއަދަށް މިއީ 5 ވަނަ ދުވަހެވެ. އާދިއްތަ ދުވަހު ޗައިނާގެ 39 މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު 9 މީހަކު ވަނީ މަރުވެފަ އެވެ. މި 39 މީހުންނަކީ ޗައިނާއަށް އެތެރެވި މީހުންކަމަށް ޗައިނާއިން ބުނެއެވެ. މިހާތަނަށް އާއިރު ޗައިނާއަށް އެތެރެވާ މީހުންގެ ތެރެއިން 353 މީހުން ވަނީ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. މިހާތަނަށް އާއިރު ޗައިނާއިން 72,703 މީހުން ވަނީ ވައިރަސް ޖެހިގެން އެއްކޮށް ރަނގަޅުވެގެން ހޮސްޕިޓަލްތަކުން ދޫކޮށްލާފަ އެވެ.
ކޮވިޑް-19 ޖެހިގެން މިހާތަނަށް އާއިރު މަރުވި މީހުންގެ އަދަދު 14,687 އަށް އަރައިފި އެވެ. ދުނިޔޭގެ 192 ގައުމަކުން މިވައިރަސް ފެނިފައިވާއިރު މިހާތަނަށް 338,724 މީހަކަށް ވަނީ މިވައިރަސް ޖެހިފަ އެވެ. އަދި 99,003 މީހުން ވަނީ ވައިރަސް ޖެހިގެން ރަނގަޅުވެފަ އެވެ. ޗައިނާއިން މިވައިރަސް 81,093 މީހުންނަށް ޖެހިފައިވާއިރު އިޓަލީން މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 59,138 އަށް އަރައެވެ.
ކޮވިޑް-19 އާ ގުޅިގެން އެފްރިކާ ބައްރުގެ ޤައުމުތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19 ގެ އަސަރު އެފްރިކާ ބައްރުގެ 42 ޤައުމަކަށް ކޮށްފައިވާއިރު، 1000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.
އެކަމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްުޔާއިން ވަނީ އެންމެ ނުރައްކާތެރި ޙާލަތަކަށްވެސް ތައްޔާރުވެ ތިބުމަށް އެފްރިކާގެ ޤައުމުތަކަށް ގޮވާލާފައެވެ.
ކެންޓަކީ ރިޕަބްލިކަން އިން ޔޫއެސް ސެނެޓުގެ މެމްބަރެއް ގޮތުގައި އިންނަވާ ރޭންޑް ޕޯލް ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއަކީ ޔޫއެސް ސެނެޓުން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ މެމްބަރެވެ.
ޕޯލް މިހާރު ހުންނެވީ ކަރަންޓީންގައި ކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށް ރިޕޯޓްތައް ބުނެެއެވެ.
އޭގެ އިތުރުން، ޕޯލް ޓެސްޓުކޮށްފައިވަނީ އޭނާގެ ފަރާތުން ވައިރަސްގެ އަލާމާތެއް ފެނިގެން ނޫން ކަމަށާއި، އޭނާގެ ޓްރެވަލް ހިސްޓޮރީއަށް ބެލުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކަރަންޓީންގެ މުއްދަތު ފުރިހަމަކުރެއްވުމަށްފަހު، ޙާލު ރަނގަޅުވުމުން އެނބުރި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކޮވިޑް-19 ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯރސްއާއި، އަދި ކަމާއި ގުޅުންހރުި އިދާރާތަކުގެ އިސް މަސްއޫލުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ތަންފީޒުކުރެއްވުމާއި ގުޅޭގޮތުންނެވެ.
ކޮރޯނާވައިރަސް އާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ކުރާ ހަނގުރާމައިގައި 14 ގަޑީއިރުގެ މުއްދަތަކަށް މަގުތައް ދޫކޮށްލުމަށްފަހު ގޭގައި ހޭދަ ކޮށްފިއެވެ. އެޤައުމުގެ ބޮޑުވަޒީރު މޯދީ ހުސްވި ހަފުތާގައި އިއުލާން ކުރެއްވި ކާފިއު އާ ގުޅިގެން ބިލިއަނަކަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ އިންޑިއާގެ މަގުތައް އާދިއްތަ ދުވަހު ފެނުނީ މުޅިންހެން ފަޅުވެފައި އޮއްވައެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެސިޓީގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފިއެވެ. މިމަސައްކަތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ އެހީތެރިކަމާއި އެކުގައެވެ.
ރާއްޖޭގައި އެކްސްކަރޝަން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.
މިކަން ހާމަކުރައްވާ މައިމޫނާ ނެރުއްވި އެންގެވުމުގައި ވަނީ އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން (ރަށްރަށުން، ރިޒޯޓުތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާއި ދިޔުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ އޮބާލާ ހިފަހައްޓައިގެން ކުރެވޭނެ ކަމެއް ނޫން. ފަރުދީޒިންމާ މިކަމުގައި ބޮޑު. ތިމާތިމާއަށް ތެދުވެރިވާންޖެހޭ ފުރަތަމަ. ކޮންމެ މީހެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެ.
ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީއާއި ކޮންޓެކްޓްވި ބައެއް ފަރާތްތަކުން އެޗްޕީއޭއިން ޓްރޭސްކުރަންދެން އެ މައުލޫމާތު ފޯރުކޮށްދީފައި ނުވޭ. އެފަދަ މީހެއްވާނަމަ ވަގުތުން އެ މައުލޫމާތު ހާމަކުރުމަށް ވަނީ އަންގާފައި.