ކޮވިޑް-19: އެންމެ ފަހުގެ

29,479,503
  • ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގައި ކުއްލި ހާލަތު އިއުލާންކޮށްފި
  • ކޮވިޑް-19:ޑީއެޗް- 11 ގައި ފަރުވާދެމުންދާ 70 އަހަރުގެ މީހާގެ ހާލު ކުރިއަށް ވުރެ ދެރަ
  • ކޮވިޑް-19 އަނަންތަރާ އިން ޕޮސިޓިވް ވި މީހާ ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގައި ކުއްލި ހާލަތު އިއުލާންކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު އެވެ.

ކުއްލި ހާލަތު އެމެރިކާގައި އިއުލާންކުރިއިރު، އެ ޤައުމުގެ 44 ސްޓޭޓާކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކޭސްތައް ފެނިފައިވެއެވެ. އަދި ޖުމްލަ 1920 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 41 މީހަކު އެމެރިކާގައި ވަނީ މަރުވެފަ އެވެ.

14 މާރޗް 2020 | ހޮނިހިރު 00:57
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19:ޑީއެޗް- 11 ގައި ފަރުވާދެމުންދާ 70 އަހަރުގެ މީހާގެ ހާލު ކުރިއަށް ވުރެ ދެރަ

ޑީއެޗް- 11 ގައި ފަރުވާދެމުންދާ 70 އަހަރުގެ މީހާގެ ހާލު ކުރިއަށް ވުރެ ދެރަ ކަމަށް ހުކުރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުރާދު ވިދާޅުވީ އެންމެ ފަހުން ބަލި މީހާގެ ހާލު ބެލިއިރު އެމީހާގެ ހާލު ކުރިއަށް ވުރެ ދެރަކަމަށް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން މިހާރު އޭނާގެ ހަށިގަނޑުގެ އޮކްސިޖަން ލެވެލް ހިފެހެއްޓެނީ އޮކްސިޖަން ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން ކަންތައްތައް ހުރީ ރަނގަޅަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ޑީއެޗްއަށް ބަދަލުކުރެވުނީ ކުރިއަށް އޮތްތަނުގައި އޭނާގެ ހާލަތު ގޯސްވެދާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް މުރާދު ވިދާޅުވިއެވެ.

13 މާރޗް 2020 | ހުކުރު 22:00
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19 އަނަންތަރާ އިން ޕޮސިޓިވް ވި މީހާ ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން

އަނަންތަރާ އިން ޕޮސިޓިވް ވި މީހާ ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

12 ފަރާތެއް މިހާތަނަށް އައިސޮލޭޓް ކުރެވިފައިވާކަމަށާއި އިތުރު ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

13 މާރޗް 2020 | ހުކުރު 21:52
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19އަށް ޕޮސިޓިވްވި މީހަކު ދިޔަ ކައިވެނީގެ ހަފްލާއަކަށް ދިޔަ 4 މީހަކު ސިކްސް ސެންސަސްގައި އައިސޮލޭޓް ކުރެވިފައި

ސިކްސް ސެންސެން ލާމުގައި 4 ބިދޭސީއަކު އެރަށުގައި އައިސޮލޭޓްކުރެވިފައިވާ ކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އެ ރަށުން 4 ބިދޭސީ އަކު އައިސޮލޭޓް ކުރެވުނީ އެމީހުން އެމީހުންގެ އަމިއްލަ ގައުމުގައި އޮތް ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވެފައިވާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހުން އައިސޮލޭޓް ކުރެވުނީ ކައިވެނީގެ ހަފްލާއަށް ދިޔަ މީހެއް ކޮވިޑް-19 އަށް ޕޮސިޓިވްވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

13 މާރޗް 2020 | ހުކުރު 21:49
Writer Profile Picture
އުމްނާ އިސްމާއިލް
ބ. ފެހެންދޫ ވަނީ މޮނީޓަރިންގް ގެ ހާލަތަށް ގެނެވިފައި

ބ.ފެހެންދޫގެ ގެސްޓްހައުސްއަކަށް އައި ބިދޭސީ ޓުއަރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ފެހެންދޫ ވަނީ މޮނީޓަރިނގްގެ ހާލަތަށް ގެނެސްފައިކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގް އާއި ސާމްޕްލިންގް ގެ މަސައްކަތް ކުރުމަށް ޓީމެއް މިހާރު ފެހެންދޫއަށް ދަތުރުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

13 މާރޗް 2020 | ހުކުރު 21:43
Writer Profile Picture
އުމްނާ އިސްމާއިލް
ރާއްޖޭގެ މިހާރުގެ ހާލަތު:

ސާމްޕްލިންގް

ޖުމްލަ: 101 ސާމްޕަލް

9 ފަރާތެއް ވައިރަހަށް ޕޮސިޓިވް

92 ފަރާތެއް ނެގެޓިވް

ލެބޯރެޓްރީ އަށް އައިސް ނަތީޖާ ނުލިބި 18 ސާމްޕަލްއެއް ހިމެނޭ

އެ ސާމްޕަލްތަކަކީ:

ފަރުކޮޅުފުށިން: 1 ސާމްޕަލް

އިރުވެލިން: 1 ސާމްޕަލް

ކުރެއްދޫ އައިލެންޑް ރިސޯޓުން:10 ސާމްޕަލް

ސަރވެއިލެންސް ސާމްޕްލިންގްގެ ތެރެއިން: 6 ސާމްޕަލް

އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ފަރާތްތަކުގެ އަދަދު

ފަރުކޮޅުފުށި: 9 ފަރާތެއް

ވިލިވަރު: 17 ފަރާތެއް

ޑީއެޗް 11: 1 ފަރާތެއް އެޑްމިޓް ކުރެވިފައި

1 ފަރާތެއް ކަރަންޓީނުގައި

ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގްތައް މިހާރުވެސް ހެދެމުންދާ ކަމަށާއި ކޮންމެ މިނެއްޓެއްގައިވެސް އެ އަދަދު ދަނީ ބަދަލު އަންނަމުން ކަމަށެވެ.

13 މާރޗް 2020 | ހުކުރު 21:37
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޖަރުމަން ލީގުގެ މެޗުތައް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަން ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.

ޖަރުމަން ފުޓުބޯޅައިގެ މައި އިދާރާއިން ބުނީ ޖަރުމަން ލީގު ފަސްކުރީ މިހާރު ޖަރުމަންގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކަމަށާއި ލީގުގެ ކުޅުން އަލުން ފަށާނީ އޭޕްރީލް ދެވަނަ ދުވަހު ކަމަށެވެ.

ޖަރުމަން ލީގުގެ މެޗުތައް ކުރިން ކުޅެން ނިންމީ ސަޕޯޓަރުން ނުވައްދައެވެ.

13 މާރޗް 2020 | ހުކުރު 21:30
Writer Profile Picture
އުމްނާ އިސްމާއިލް
މަނީލާގައި ތިބި ދިވެހިންގެ ކަންތައްތައް ދަނީ ވަރަށް ގާތުން ބަލަމުން

ފިލިޕީންސްގެ މަނީލާ ލޮކްޑައުންގައި އޮތުމުން މަނީލާގައި ކިޔަވަމުންދާ ދިވެހި ކުދިން އަދި އެތަނުގައި ތިބި ދިވެހިންގެ ކަންތައްތައް ފޮރިން މިނިސްޓްރީންނާއި ބަންގްލަދޭޝްގައި ހުންނަ ހައި ކޮމިޝަންއާއި ގުޅިގެން ބަލަމުންދާ ކަމަށް ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

13 މާރޗް 2020 | ހުކުރު 21:26
Writer Profile Picture
އުމްނާ އިސްމާއިލް
އިންޑިއާގެ ޑޮކްޓަރުންގެ ޓީމު މަސައްކަތް ކުރަމުންގެންދާނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމާއި އެކު: މަބްރޫކް

އިންޑިއާގެ ޑޮކްޓަރުންގެ ޓީމު މަސައްކަތް ކުރަމުންގެންދާނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމާއި އެކު ކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ:

5 ޑޮކްޓަރުން

2 ނަރުހުން

7 ޕެރެމެޑިކްސް

13 މާރޗް 2020 | ހުކުރު 21:21
Writer Profile Picture
އުމްނާ އިސްމާއިލް
އެއްވެސް ބަޔަކު އިހުމާލު ވެއްޖެ ނަމަ، ފުރިހަމަ ފިޔަވަޅު އަޅާނެ: މަބްރޫކް

އެއްވެސް ބަޔަކު އިހުމާލު ވެއްޖެ ނަމަ، ފުރިހަމަ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ދިވެހި ރާއްޖޭގެ ސަލާމަތަށްޓަކައި ނާޅާނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.

13 މާރޗް 2020 | ހުކުރު 21:17
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިތުރަށް ބަލި ފެތުރުނަނުދީ ރައްކާތެރިކުރެވޭނެ ދުވަހެއް ހޯދުމަށް: މަބްރޫކް

ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިތުރަށް މި ބަލި ފެތުރުނަނުދީ ރައްކާތެރިކުރެވޭނެ ދުވަހެއް ހޯދުމަށްޓަކައި ކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާ ކޮށް ތެދުވެރިވުމަށް ގޮވާލެއްވިއެވެ. އައިސޮލޭޝަންގައި ތިއްބެވި ބޭފުޅުން އައިސޮލޭޝަންގައި ތިބެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލެއްވިއެވެ.

13 މާރޗް 2020 | ހުކުރު 21:16
Writer Profile Picture
އުމްނާ އިސްމާއިލް
އިންޑިއާގެ ޑޮކްޓަރުންގެ ޓީމްއާއި މިނިސްޓަރ އަމީން ބައްދަލުކުރައްވައިފި

އިންޑިއާގެ ޑޮކްޓަރުންގެ ޓީމްއާއި މިނިސްޓަރ އަމީން ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ސިއްހީ ދާއިރާގެ މާހިރުންގެ ޓީމެއް ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހު އެވެ. ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހި ސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް އެދިފަިއވަނީ ބުރާސްފަތި ދުވަހު އެވެ.

13 މާރޗް 2020 | ހުކުރު 20:33
Writer Profile Picture
އުމްނާ އިސްމާއިލް
މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު މެޑިކަލް ރިޕޯޓާ ނުލާ ވިސާދޫކުރާނެ: އިމިގްރޭޝަން

ކޮވިޑް-19 އާ ގުޅިގެން ވާރކް ވިސާ އަދި އެހެނިހެން ވީސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާތީ ދަތުރު ފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި، ވާރކް ވިސާ އަދި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އަލަށް ވާރކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާއިރު، މިހާރުވެސް އަމަލުކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހަޅަންޖެހޭ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކުން އަންނަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފެނަކައިގެ މަސައްކަތް ކުރާ މާބަނޑު މުއައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

13 މާރޗް 2020 | ހުކުރު 20:21
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: މާބަނޑު މުއައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ: ފެނަކަ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މާބަނޑު މުއައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ރާއްޖޭއިން މިހާތަނަށް ކޮވިޑް-19 އަށް ނުވަ މީހަކު ޕޮޒިޓިވްފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަނީ މުއައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ބަދަލުތަކެއް ގެންނަވާފައެވެ.

ފެނަކައިން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުން އަދި ޚާއްސަކޮށް ފެނަކައިގެ މުއައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މިމަހުގެ 15 އިން ފެށިގެން ކޮންމެ ދުވަހެއްގެ މަސައްކަތް ކީރިތި ޤުރުއާންގެ ބަރަކާތުން އަދި ބަލި މަޑުކަމުން ދިންނެވުމަށް އެދި ކުރާ ދުއާއަކުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު ފެނަކައިގެ ތިބި މާބަނޑު އަންހެން މުއައްޒަފުންނަށް ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރެމުންދާއިރު، އާންމުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ސިއްހީ މާހިރުން ދަނީ އިލްތިމާސްކުރަމުންނެވެ.

13 މާރޗް 2020 | ހުކުރު 20:20
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: ކަޒަޚްސްތާނުން ދެކޭސް ރިޕޯޓުކޮށްފި

ކަޒަޚްސްތާނުން ކޮވިޑް-19 ގެ ފުރަތަމަ ދެކޭސް ރިޕޯޓުކޮށްފިއެވެ.

މިއީ ކަޒަޚްސްތާނުން ރިޕޯޓު ކުރެވުނު ކޮވިޑް-19 ގެ ފުރަތަމަ ދެ ކޭސްއެވެ. ކަޒަޚްސްތާނަށް ނިސްބަތްވާ ދެމީހުންނަކީ ޖަރުމަނަށް ދަތުރުކުރި ދެމީހުން ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވަޒީރާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަދި އެދެމީހުންނަށް ދަނީ އެގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަލްމަޓީގައި ކޮރޯނާ އަށް ފަރުވާދިނުމަށް ޚައްސާކުރެވިފައިވާ ހޮސްޕިޓަލެއްގައެވެ. އެދެމީހުންނަށް ވެސް ފަރުވާދެމުންދާއިރު ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އެގައުމުގެ ސިވިލް އޭވިއޭޝަން ކޮމިޓީން ވަނީ ހުކުރު ދުވަހު ނެދަރލޭންޑްސް، ޕޮލެންޑް، ޓަރކީ އަދި ޔޫކޭ އަށް ދަތުރުކުރާ އިންޓަރނޭޝަނަލް ފްލައިޓުތަކަށް ދަތުރުކުރުން މަނާކޮށްފައެވެ.

13 މާރޗް 2020 | ހުކުރު 20:18
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާ ވައިރަސްއިން ބަލިޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ކުރާނީ ކޮންއަސަރެއް؟
  1. މި ވައިރަސްއަކީ އަދި ވަރަށް އާ ވައިރަހަކަށްވުމާއެކު ވައިރަހާއި ބެހޭގޮތުން ދަނީ ދިރާސާ ކުރަމުންނެވެ.
  2. މާބަނޑު ދުވަސްވަރު މައިމީހާގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް މިބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ. ބައިގެން ދިއުމާއި ބަނޑުގައިވާ ދަރިފުޅަށް ވައިރަސްގެ ސަބަބުން ކުއްޖާ އުފެދުމުގެ އައިބުތަށް ދިމާވުމުގެ ފުރުސަތު ކުޑައެވެ.
  3. ދުވަސްނުފުރާ ވިހަންޖެހުމަކީ މައިމީހާގެ ސިއްހަތު ނިޔާކުރާ ގޮތުން ކުރިމަތި ވެދާނެ ކަމެކެވެ.
13 މާރޗް 2020 | ހުކުރު 18:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރޯނާ ވައިރަސްގެ ސަބަބުން މާބަނޑު ދުވަސްވަރު ދިމާވެދާނެ ކަންތައްތަކަކީ ކޮބާ؟
  1. ގިނަ މާބަނޑު މީހުންގެވެސް ފެންނާނީ ރޯގާގެ އަލާމާތްތަކެވެ.
  2. ބަލީގެ ސަބަބުން މާބަނޑު ދުވަސްވަރު އިތުރުނޭދެވޭ ސިއްޙީ ނުރައްކަލެއް މާބަނޑު މީހުންނަށް ދިމާވާ ކަމަކަށް އެނގިފައެއް ނުވެއެވެ.
  3. މިހާތަނަށް ކޮރޯނާ ވައިރަސްގެ ސަބަބުން މާބަނޑު މީހަކު ނިޔާވެފައެއް ނުވެއެވެ.
  4. މާބަނޑު ދުވަސްވަރަކީ އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑު ދުވަސްވަރެކެވެ.
  5. ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔެއް ހުންނަމީހާއަށް މިބަލި ޖެހުމުން ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
13 މާރޗް 2020 | ހުކުރު 18:02
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިންޑިއާގެ ޑޮކްޓަރުންގެ ޓީމް ރާއްޖެ އަތުވެއްޖެ

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީ ފޯރުކޮށްދިނުމަށް ޑޮކްޓަރުންނާއި، ކަމާއިގުޅުންހުރި ފަރާތްތައް ހިމެނޭ ޓީމް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ސިއްހީ ދާއިރާގެ މާހިރުންގެ ޓީމެއް ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހު އެވެ. ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހި ސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް އެދިފަިއވަނީ ބުރާސްފަތި ދުވަހު އެވެ. އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޤައުމާއި މުހާތުބުކުރައްވާ ދެއްކެވި ވާހަކަފުޅުގައިވެސް ފާހަގަކުރައްވާފަ އެވެ.

ހުކުރު ދުވަހު އިންޑިއާގެ ޓީމް ރާއްޖެ އައުމާއެކު، އެ ޓީމަށް މަރުހަބާ ދެންނެވީ ހާރިޖީ ވުޒާރާގެ އިސްބޭފުޅުންނާއި، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެވެ.

13 މާރޗް 2020 | ހުކުރު 17:58
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: އަނަންތަރާ އިން ޓެސްޓު ކުރި މީހާ ވައިރަހަށް ޕޮސިޓިވް!

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރެވުނު މީހާގެ ޓެސްޓު ނަތީޖާ ޕޮސިޓީވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއް އެކަހެރި ކޮށްފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން 11 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެމީހުން އައިސޮލޭޝަންއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މޮނިޓަރކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ސަރުކާރުން ހާމަކުރި މައުލޫމާތު ތަކަށް ބަލާލާއިރު ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 91 ސާމްޕަލް ނަގާފައިވެއެވެ. އަދި އޭގެ އިތުރުން ބަނދަރުތަކުން ދެ ލައްކައަށްވުރެ ގިނަ މީހުން ސްކްރީން ކުރެވިފައިވާ ކަމަށާއި، އޭގެތެރެއިން 37 މީހަކު ރާއްޖެއަށް އައުން މަނާކޮށްފައިވާ ކަމަށެވެ.

އަނަންތަރާ އިން ޕޮސިޓިވްވި ކޭސް އާއިއެކު މިހާރު މުޅި ޖުމްލަ ރާއްޖެއިން 9 ކޭސްއެއްވަނީ ރިޕޯޓުކުރެވިފައެވެ. ރާއްޖެއިން މިހާތަނަށް ފެނުނު ނުވަ ކޭހަކީވެސް ތަފާތު ހަތަރު ރިސޯޓަކުން ފެނުނު ކޭސްތަކެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

13 މާރޗް 2020 | ހުކުރު 16:49
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: އަނަންތަރާ އިން ވައިރަހަށް ޝައްކުކުރެވޭ މީހަކު ޓެސްޓު ކުރަނީ

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއް އެކަހެރި ކޮށްފައިވާ ކަމަށެވެ.

އަދި އެމީހާގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ މީހާ ރިސޯޓުގައި އެކަހެރި ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ވައިރަހަށް ޝައްކުކުރެވޭ މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި 2 ބިދޭސީއެއް ސިކްސް ސެންސަސްގައި އައިސޮލޭޓްކޮށް މޮނިޓަރކުރަން ވެސް ވަނީ ފަށާފައެވެ.

13 މާރޗް 2020 | ހުކުރު 16:47
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފި އެވެ.

ޕްރިމިއާ ލީގު މެޗުތައް ފަސްކުރަން ނިންމީ ހުކުރު ދުވަހު ކްލަބުތަކާއެކު ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ލީގު މެޗުތައް ވަނީ މެދުކަނޑާލާފައެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް ތިނެއްގެ ނިޔަލަށް މެދުކަނޑާލާފައެވެ.

ލީގު މެޗުތައް ފަސްކުރަން ނިންމީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

13 މާރޗް 2020 | ހުކުރު 16:11
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ފްރެންޗު ލީގުގެ މެޗުތައް ފަސްކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފްރެންޗު ލީގުގެ މެޗުތައް ފަސްކޮށްފި އެވެ.

13 މާރޗް 2020 | ހުކުރު 15:49
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އދ ގެ ޕިލިޕީންސް މިޝަންގެ ޑިޕްލޮމޭޓަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގައި ހުންނަ އދ ގެ މައިމަރުކަޒުގައި މަސައްކަތްކުރާ ފިލިޕީންސްގެ މިޝަންގެ ޑިޕްލޮމޭޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ އެމެރިކާގައި މަސައްކަތްކުރާ ޑިޕްލޮމޭޓަކަށް މި ވައިރަސް ޖެހުނު ފުރަތަމަ ފަަހަރެވެ.

މިކަން ބަޔާންކޮށް އދ ގެ ފިލިޕީންސް މިޝަންއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވައިރަސްއަށް ޕޮޒިޓިވްވި ޑިޕްލެމޭޓް އަންގާރަދުވަހުން ފެށިގެން ހުންވައްތަރުވެގެން ޑޮކްޓަރަށް ދެއްކުމުން ވައިރަސްއަށް ޓެސްޓްކުރި ކަމަށެވެ. އަދި ނަތީޖާ މިއަދު ލިބުނު އިރު އޭނ ޕޮޒިޓިވްކަން އެނގުމުން މިޝަންގެ އެހެން ބޭފުޅުންގެ ސަލާމަތާއި ރައްކަލަށް މިހާރު ފިޔަވަޅު އަޅާފައިވާކަމަށެވެ.

ފިލިޕީންސްގެ ފޮރިން އެފެއަރަޒް ސެކްރެޓަރީ ވިދާޅުވީ ޑިޕްލޮމޭޓުގެ ޙާލު ރަނގަޅުކަމަށާއި، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތައް ފަރުވާ ހޯދަމުން އަންނަކަމަށެވެ.

13 މާރޗް 2020 | ހުކުރު 15:27
Writer Profile Picture
އަތޫފް އާތިފް
ކޮވިޑް-19: ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ފަސްކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔުއެފާއިން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ފަސްކޮށްފި އެވެ.

13 މާރޗް 2020 | ހުކުރު 15:23
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ބޮޑުވަޒީރުގެ ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެއްޖެ

ސާރކުގެ މެންބަރު ޤައުމުތަކުން ކޮވިޑް-19 އާއި ހަނގުރާމަކުުރުމަށް އެކަށީގެންވާ ވަރުގަދަ އިސްތިރާޖީއެއް އެކުލަވާލުމަށް ހުށަހަޅުއްވި ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މޯދީ މިކަން ހުށަހަޅުއްވާ ކުރެއްވި ޓްވީޓަަށް ޖަވާބުދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށެވެ. އަދި މޯދީގެ ހުށަހެޅުމަށް މަރުޙަބާ ދަންނަވާ، ޞަރަޙައްދީގޮތުން ކުރެވޭ މިމަސައްކަތައް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

13 މާރޗް 2020 | ހުކުރު 15:08