މަރޗް މަހުން ފެށިގެން ނަގާފައިވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް 4% ކުޑަވާނެ، އަދި ދައްކަންޖެހޭނީ 6 މަސް ދުވަސް ފަހުންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ގޮތުން 1 ބިލިއަން ރުފިޔާ ރިކަރަންޓްގެ ޚަރަދުގެ ބައިން ކުޑަކުރިނަމަވެސް ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިޔަށްދާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅާ ފައިނޭންޝަލް ޕެކޭޖްގެ އެންމެ މައިގަނޑު ކޮންޑިޝަންއަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް ކަމަށެވެ. ލޯނު ފެސިލިޓީ އާއި އެހެންކަންކަން ލިބިގެންދާނީ އެގޮތުގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅަމުންދާނީ އެއްވެސް ދިވެއްސެއް ބާކީ ނުކޮށްކަމަަށާއި އެކަމުގެ ޔަގީންކަން އަރުވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވަނީ ދިވެހިން ތިބި ވަޒީފާތަކުގައި ބައިތިއްބައިގެން ހުރިހާ ސެކްޓަރތަކުންވެސް ކަންކަން ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކުރައްވާފަ އެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް ވިސްނާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. އެކަމުގެ ތަފްސީލު އެސްޓީއޯއިން ހާމަކުރާނެކަމަށް މިނިސްޓާރ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ ކުރިޔަށް އޮތް ދެ މަސްދުވަހުގެ ( އޭޕްރީލް އަދި މެއި) މަހުގެ ކަރަންޓް ބިލުން 40% އަދި ފެންބިލުން %30 ސަބްސިޑީ ކޮށްދޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނަށް ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައި ހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓް ހަ މަސްދުވަހުގެ މުއްދަތަށް ލަސްކުރުމަށް ވަނީ ނިންމާފައިކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުން ކޮވިޑް-19 އާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ބޭންކަށް ދައްކައިދޭންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ބޭންކުން މިކަމުގެ ތަފްސީލު ހާމަކުރަމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ސްރީލަންކާގައި އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އެތާރީޚުގައި ނުބާއްވާނެކަމަށް ސްރީލަންކާއިން ބުނެފި އެވެ. ލަންކާގައި ވައިރަސް ފެތުރޭތީ ކުރިޔަށް އޮތް ދެ ހަފްތާ އެގައުމަށް ވައިގެ މަގުން އެއްވެސް ފްލައިޓެއް އައުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް އޭރިއާތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކަމެއް ފޮރުވުމަށް އަންގަން ބުނާ ދުވަހަކު ޕްރެސްކޮންފެރެންސް ދޭން ނީންނާނެކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ކަމެއް ފޮރުވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސީދާ ލިބިފައިވާ އިރުޝާދަކީ މިބަލިން ސަލާމަތްވުމަށާއި މިކަމުން ދިމާވެފައިވާ ހާސްކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަގުތުން ވަގުތަށް ގަޑިން ގަޑިއަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. ޕްރެސްކޮންފެރެންސް ދުވާލު ދެ އިރު ބާއްވަނީ ގަޑިން ގަޑިއަށް މައުލޫމާތު ދިނުމަށްކަމަށް މަބްރޫކް ވިދާޅުވި އެވެ. ތަނެއްގައި ތޯތޯކޮށް ދައްކާ ވާހަކައެއް ނަގައިގެން އެވާހަކަ ބޮޑު ސިންގާ ކަމަކަށް މިދަނޑިވަޅުހެދީމާ އިއްޔެގައި މާލޭގައި މީހުންގެ ހާސްކަން އިތުރުވީކަމަށް މަބްރޫކް ވިދާޅުވިއެވެ. މީޑިޔާއަކަށް މީޑިޔާއިން ބޭނުންވާ މައުލޫމާތު އެކަމުގެ ޒިންމާ ނަގައިގެން ފެތުރޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި ހާސްކަން އިތުރުވާ ގޮތަށް އެކަން ނުކުރުމަށް މަބްރޫކް ވިދާޅުވި އެވެ.
މިވަގިތު ރާއްޖޭގެ ހާލަތު އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު ތިބިތަނެއްގައި މަޑުކޮށްގެން ތިބުންކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ގެ ޕްރެސްކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި ދެތިން ދުވަހު މީހުން ފުރައިގެން އަތޮޅު ތެރެއަށް ގޮސްފައިވާކަމަށާއި ގިނަ މީހުން ފުރަން ދިޔުމަކީވެސް މީހުން އެއްވުންކަމަށެެވެ. އެއްވާ ތަންތަން މަދުކޮށް އެއްތަނުން އަނެއްތަނަށް ދަތުރުނުކުރުމަށް ޑރ.ނަޒްލާ އެދިލެއްވި އެވެ.
ފްލޫ ކްލިނިކުން 1029 މީހެއް ވަނީ ބަލާފައި
ޓްރެވަލް ކްލިނިކުން 271 މީހެއް ވަނީ ބަލާފައި
އެކްސްޕެޓް ކްލިނިކުން ވަނީ 65 މީހެއް ވަނީ ބަލާފައި
މިއަދުގެ އަދަދުތައް:
ފްލޫ ކްލިނިކަށް ދައްކާފައިވަނީ 169 މީހުން
ޓްރެވަލް ކްލިނިކުން 34 މީހުން
އެކްސްޕެޓް ކްލިނިކުން 23 މީހެއް
އިންޑިޔާއިން މިހާތަނަށް ވަނީ 53 ވައްތަރެއްގެ ބޭސް އެއީ 5 ޓަނުގެ ބޭސް ފޯރުކޮށްދީފައި.
އަދި 14 މެމްބަރުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް ވަނީ އައިސްފައި.
ޖަޕާނުގެ ފަރާތުން ވަނީ 9000 ސަރޖިކަލް މާސްކް ރާއްޖެއަަށް ފޮނުވައިދީފައި.
އެމެރިކާގެ ފަރާތުން 470 ބޫޓާއި 485 ކަވަރޯލް އާއި 400 އަންގި ވަނީ ފޯރުކޮށްދީފައި
މެލޭޝިޔާގައި އިތުރު ޓްރެވަލް ރެސްޓްރިކްޝަނެއް އައިސްފައިވާތީ އެގައުމުގެ ހާލަތު އޮތްގޮތާއި ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. ސްރީލަންކާއަށް ވަދެ ނިކުތުން މިވަގުތު ހުއްޓާލާފައިވާތީ ލަންކާގައި ޓޫރިސްޓް ވިސާގައި އަދި އެހެން ވިސާގައި ތިބި ފަރާތްތަކުގެ ވިސާ 30 ދުވަހަށް އިތުރުކުރެވިއްޖެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ފިލިޕީންސުން ނިކުމެ އުޅުމަށް ވަގުތީ ގޮތުން އެޅި ފިޔަވަޅު ވަނީ ނިމުމަކަށް އައިސްފަ އެވެ. ފިލިޕީންސުން ނިކުންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ލިބިފައި މިހާރު އެވެ. ވިސާގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް އެމައްސަލަ ހައްލުކުރުމަށް ގައުމުގައި އޮންނަ ކުއްލި ހާލަތު ނިމުމަކަށް އައުމުން އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރަޝިޔާގައި ކިޔަވަމުންދާ 3 ކުއްޖަކު ރާއްޖެއިން ދަތުރުކޮށްފައިވާކަމަށާއި މިކުދިންގެ ފަރާތުން ބަލީގެ އަލާމާތް ފެންނާތީ ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން އިތުރު 5 ދުވަހަށް ކަރަންޓީނުކޮށްފައިކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވި އެވެ.
އެކުދިންގެ ހާލު ރަނގަޅުކަމަށާއި ފޮރިން މިނިސްޓްރީ އާއި ޖަރމަނުގައި ހުންނަ އެމްބަސީން މިކުދިންގެ ހާލު އަންނަނީ ބަލަމުންކަމަށް މަބްރޫކް ވިދާޅުވި އެވެ.
މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ދެ ރަށެއް. އެއީ ޝެވަލް ބްލޭންކް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓް.
ޝެވަލް ބްލޭންކް މޮނިޓަރ ކުރަމުންދަނީ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތެއް ފެނުމުން ، ޕެރަޑައިސް އައިލެންޑް ރިސޯޓް މޮނިޓަރ ކުރަމުންދަނީ 8 ދިވެހިންނާއި 2 ބިދޭސީން ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވޭތީ
17 ވަނަ ދުވަހު ބަންގްލަދޭޝްގައި ތިބި 5 ދިވެއްސަކު ކުއާލަލަންޕޫރް މަގުން ރާއްޖެ އައިސްފައިވޭ. މިމީހުންނަށް ވަނީ ހޯމް އައިސޮލޭޝަންގައި ތިބުމަށް އެންގިފައި
9 މީހެއް މެލޭޝިޔާ މަގުން ރާއްޖެ އައިސްފައިވާތީ އެޗްއައިއެޗް ކަރަންޓީނު ފެސިލިޓީގައި ވަނީ ބޭތިއްބިފައި
18 ވަނަ ދުވަހު ސްޕެއިން އިން އައި ފަރާތެއް ވެލިދު އަށް ގެންގޮސްފައިވޭ އަލާމާތްތައް ފެންނާތީ
ކުއާލަލަންޕޫރުން ރާއްޖެއައި 30 މީހުން ވަނީ ފަން އައިލެންޑްގައި ކަރަންޓީނުކޮށްފައި
މެލޭޝިޔާއިން ސްރީލަންކާ މަގުން ރާއްޖެ އައި 12 މީހެއް ވަނީ ފަންއައިލެންޑްގައި
އިނގިރޭސިވިލާތުން އައި 2 މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ވަނީ ވެލިދޫ އައިސޮލޭޝަންގައި
19 ވަނަ ދުވަހު 5 މީހެއް އިނގިރޭސިވިލާތުން އައިސް އެޗްއައިއެޗްގެ ކަރަންޓީނު ފެސިލިޓީގައި ބޭތިއްބިފައިވޭ. އަދި މެލޭޝިޔާ މަގުން އައި 10 މީހަކުވެސް ވަނީ ކަރަންޓީނު ފެސިލިޓީގައި ބޭއްވިފައި
ކޮވިޑް-19 ފެތުރޭތީ ލޮކްޑައުންކޮށްފައި އޮތް އިޓަލީގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށް އެގައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ. ކުރިން އޮތީ މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ފިހާރަތަށް ބަންދުކުރުމަށް އަދި އޭޕްރީލް މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކޮންމެހެން ބޭރަށް ނިކުންނަންޖެހިގެން ނޫނީ ބޭރަށް ނުނިކުމެވޭގޮތަށެވެ. ނަމަވެސް އިޓަލީގައި އަދިވެސް ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާތީ ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ޔުނުވަރސިޓީތަކާއި ސްކޫލްތައް ބަންދުކޮށްފައި އޮތްއޮތުން ދިގުދައްމަން ޖެހޭނެކަމަށް އެގައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އިޓަލީގައި އިއްޔެ އެކަނިވެސް މަރުވި މީހުންގެ އަދަދު 400 ށް ވުރެ މައްޗެވެ.
ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ގަލްފް ގައުމުތަކުގައި މަސައްކަތްކުރަމުންދާ އިންޑިޔާގެ 26،000 މީހުން އެގައުމަށް އެނބުރި އަންނާނެކަމަށް އިންޑިޔާއިން ހާމަކޮށްފި އެވެ.
ދުވާލަކު 20 ށް ވުރެ ގިނަ ފްލައިޓް ގަލްފު ގައުމުތަށްކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް، ކުވައިތު އަދި ގަތަރު ފަދަ ގައުމުތަކުން އިންޑިޔާއަށް އާދެއެވެ. ބުދަ ދުވަހު އިންޑިޔާގެ ހޯމް އެފެއަރޒުން އަންގާފައިވަނީ ގަލްފުގެ ގައުމުތަކުން އަންނަ އެގައުމުތަކުގައި ޓްރާންސިޓްކޮށްފައި އަންނަ ކޮންމެ މީހަކު 14 ދުވަސްވަންދެން ކަރަންޓީނުގައި އެމީހެއްގެ ގޭގައި ނުވަތަ ސަރުކާރުން ދައްކާތަނެއްގައި ތިބެންޖެހޭނެކަމަށެވެ.
އިންޑިޔާއަށް އެނބުރި އަންނަ ގިނަ މީހުންނަކީ އެކިއެކި މަޝްރޫޢުތަކުގައި ގަލްފްގެ ގައުމުތަކުގައި މަސައްކަތްކުރަމުންދާ މީހުންނެވެ. އަނބުރާ އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތެއް ނުފެންނަ މީހެއްނަމަ ގޭގައި ސެލްފް އައިސޮލޭޝަންގައި ތިބެންޖެހޭނެ އެވެ. މުމްބާއީ ނޫން އެހެން ސަރަހައްދެއް ނަމަ އެމީހަކު ދިރިއުޅޭ ހިސާބަކަށް ދިޔުމަށް އާންމު ދަތުރުފަތުރުގެ އެއްވެސް ނިޒާމެއްގެ ބޭނުމެއް ކޮށްގެންނުވާނެކަމަށް އިންޑިޔާއިން ވަނީ އަންގާފަ އެވެ.
އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތް ފެންނަނަމަ އެމީހަކު ސަރުކާރުން ހަމަޖައްސާފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި ހުންނަންޖެހޭނެކަމަށް މުނިސިޕަލް ގަވަރމަންޓް އޮފީހުން ވަނީ ބުނެފަ އެވެ. ސަރުކާރުގެ ކަރަންޓީނު ފެސިލިޓީތަކުގައި 700 މީހުންގެ ޖާގަ ހުރެއެވެ. މުމްބާއީން މިހާތަނަށް އާއިރު މިވައިރަސް ޖެހިފައިވާ 45 މީހުން ވަނީ ފެނިފަ އެވެ. އަދި މުޅި އިންޑިޔާއިން މިހާތަނަށް 174 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 3 މީހަކު ވަނީ މަރުވެފަ އެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް ފަސްކުރަން ފީފާއިން ނިންމައިފި އެވެ.
އަންނަ އަހަރު ޔޫރޯ އާއި ކޮޕަ އެމެރިކާ ކުރިއަށްދާނެތީ، ބުދަ ދުވަހު ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވަނީ ކްލަބު ވޯލްޑް ކަޕް ފަސްކުރަން ނިންމާފައެވެ. ދެން ކްލަބު ވޯލްޑް ކަޕް ބާއްވާނެ ތާރީޚެއް ފަހުން ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.
ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ރަޝިޔާއިން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. މަރުވެފައިވަނީ 79 އަހަރުގެ އަންހެނެއްކަމަށާއި އެމީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މަރޗްމަހުގެ 13 ވަނަ ދުވަހު ކަމަށް ރަޝިޔާއިން ބުނެއެވެ. ރަޝިޔާގައި މިހާތަނަށް 147 މީހަކަށް މިވައިރަސް ޖެހިފައިވެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވުމާއި ގުޅިގެން، ޙާލަތު ރަނގަޅުވަންދެން، ފެމިލީ ކޯޓުން ޚިދުމަތް ހޯދާ ފަރާތްތަކާއި ކޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކޯޓުން ބޭރުގައާއި ނުރަސްމީގަޑީގައި ކުރާ ކާވެނިތައް ކޮށްދިނުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށް އެކޯޓުން ބުނެފި އެވެ.
ކޮވިޑް-19 މިހާތަނަށް އާއިރު ސްރީލަންކާގެ 53 މީހެއްގެ ގައިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މީގެތެރޭގައި ޖެނުއަރީ މަހު އެގައުމުގައި ތިއްބާ ވައިރަސްގެ އަސަރު ފެނުނު ޗައިނާގެ ޓޫރިސްޓުންވެސް ހިމެނެއެވެ.
މިވަގުތު ސްރީލަންކާގެ ހޮސްޕިޓަލްތަކުގައި އޮބްޒަރވޭޝަން ގައި 243 މީހުން ތިބިކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. އިއްޔެގައި އޮބްޒަރވޭޝަންގައި ތިބީ 212 މީހުންނެވެ. އޮބްޒަރވޭޝަންގައި ތިބި ގިނަ މީހުންގެ ގައިން ވައިރަސްގެ އަސަރު ނުފެންނާތީ ދޫކޮށްލަމުންދާކަމަށްވެސް އެގައުމުން ބުނެއެވެ. މިހާތަނަށް އާއިރު އެގައުމުން ވައިރަސް ފެނުނު އެންމެންވެސް ތިބީ އެކަމަށް ޚާއްސަކޮށް ކޮލަމްބޯގައި ހުންނަ ހޮސްޕިޓަލްގަ އެވެ. ސްރީލަންކާއިންވަނީ ހޯމަ ދުވަހުން ފެށިގެން ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. އެއީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އާންމުން ގޭގައި ބޭތިއްބުމުގެ ގޮތުންނެވެ. ބުދަ ދުވަހު އެގައުމުން ވަނީ ހަލުވި މިނުގައި ވައިރަސް ފެތުރޭ ހިސާބުތަކުގައި ކާފިއު އިއުލާންކޮށްފަ އެވެ. އަދި މަސާޖް ޕާލާރތަކާއި ކަސީނޯ ތަކާއި ނައިޓް ކްލަބްތައް ވަނީ ބަންދުކޮށްފަ އެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ސްކޫލްތައް ބަންދުކުރާނެކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 ހަލުވިކަމާއެކު އިނގިރޭސިވިލާތުގައި ފެތުރެމުންދާތީ އެގައުމުގެ މީހުން އަންނަނީ ސުޕަރމާކެޓްތަކުން ގިނަ އަދަދެއްގެ އެއްޗެހި ގަންނަމުންނެވެ. އެއާއެކު ޕައުންޑުގެ ވެލިޔު ވަނީ ފާއިތުވި ތިރީސް އަހަރު ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފަ އެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރާ އަޅާބަލާއިރު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަަޅާ ފިޔަވަޅުތަކުގެ ސްޕީޑް ލަސްކަމަށް ބުނެ އެގައުމުގެ ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރަށް އަމާޒުވެފަ އެވެ. ވަކިން ޚާއްސަކޮށް ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ސްޕެއިން، އިޓަލީ އަދި ފްރާންސް ފަދަ ގައުމުތަކުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު އިނގިރޭސިވިލާތުގެ ސަރުކާރުން އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.