ލޮކްޑައުން އާ ޚިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާ ދައްކާފައިވަނީ މަދު ބަޔަކު ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ވިދާޅުވި އެވެ. މިހާރުވެސް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ. ނަމަވެސް ފައިސާ ދައްކާފައިވަނީ ނިސްބަތުން މަދު ބަޔަކު ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.
ދައްކަންޖެހޭ ޓެކްސް އެއް ދެއްކުމާއި ނުދެއްކުމަކީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދާ ކަމެއް ކަމަށާއި އެކަމާމެދު ގޮތެއް ނިންމާނީ ކަމާބެހޭ ފަރާތްތަކުން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރުގައި މިހާރު ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ) އިން މިހާތަނަށް 845,000 ރުފިޔާ ހަރަދުކޮށްފި އެވެ.
އަންގާރަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި މި ވަގުތު ވެސް ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންސްޕާ މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 35 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ގާތްގަނޑަކަށް 298،000 ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންސްޕާގެ އެހީއާ ނުލާ އާންމު އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ 140 މީހަކަށް ވެސް އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ޖަލުތަކުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ހުޅުމާލެ ޖަލުން ނެގި 30 ސާމްޕަލް ވެސް ނެގެޓިވްވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާމަކޮށްފި އެވެ. ހުޅުމާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނެގެޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ވަނީ ކަރެކްޝަނަށް އަންގާފަ އެވެ. އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގައި، ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައި ވެއެވެ.
ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 77 މީހަކު ބަލިން ފަސޭހަވެއްޖެ އެވެ. އެކަން ހާމަކޮށްފައިވަނީ ނެޝަނަލް އިމަރޖެންސީ އޮޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 232ށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން 5 ވަނަ މީހަކު މަރުވެއްޖެއެވެ. އަންގާރަ ދުވަހު އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހޭ ނެތިގެން މަގު މައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝްގެ މީހަކު ހޯމަ ދުވަހުގެރޭ 22:40 ހާއިރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ ނިޔާވެފައި ކަމަށާއި، އެ ބިދޭސީ މީހާގެ ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އޭނާ އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފެސިލިޓީތަކާ ބެހޭ ގޮތުން ރަނގަޅު ކުރުމަށް އަންގާފައިވާ އެންގުންތައް ބަލައިގަންނަ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެޗްއާރްސީއެމުން ރަނގަޅު ކުރުމަށް ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އެތަންތަނަށް ގެންނަން ޖެހޭ އައު މަރާމާތުތަކަކީ ކޮބައިތޯ ހޯދާ، އެކަންކަން ކުރެވޭނެ ތާވަލްތަކެއް ހަދައިގެން މަސައްކަތް ފައްޓާނެ ކަމަށެވެ. މި މަސައްކަތުގެ ތަފްސީލް މިހާތަނަށް ލިބިފައިނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ހެރެތެރެ ގައި ތިބީ މީހުންގެ ސާމްޕަލް ތައް ވަނީ ލިބިފައި. ދޫކޮށްލަންޖެހޭ މީހުން އަންގާރަ ދުވަހު ދޫކޮށްލާނެ. ފުރަވެރީގައި ތިބި މީހުންގެ ސާމްޕަލް ވަނީ ހޯމަ ދުވަހު ނެގިފައި. ނަތީޖާ ލިބުމުން އެމީހުން ދޫކޮށްލުމުގެ ކަންތައް ކުރިއަށް ގެންދާނެ: ޑރ. ނަޒްލާ
ނިއު ނޯރމަލްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވާނެ އިންތިޒާމްތައް ކަނޑައަޅާ އެސްއޯޕީއެއް އާއްމުކޮށްފިއެެވެ.
ހޯމަ ދުވަހު އާއްމުކުރެވުނު އެސްއޯޕީގައި ވާގޮތުން މަޖިލީހުގެ ޖަލްސާ ބާއްވާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވެއެވެ. މަޖިލީހުން ބުނީ މާލަމުގައި ތިއްބަވާ މެމްބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުލަވާލާ އުސޫލެއްގެ ދަށުން ކަަމަށެވެ. އަދި މި އިންތިޒާމްތައް ތަންފީޒުކުރައްވަމުން ގެންދަވާނީ، މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން މަޖިލީހުގެ ސަރޖަންޓް އެޓް އާރމްސްއެވެ.
މަޖިލީހުގެ އިދރާއިން ބުނިގޮތުގައި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ދުރުމިނުގައެވެ. މީގެއިތުރުން، އެއްވަގުތެއްގައި އެއްމޭޒެއްގައި 2 މެންބަރުން ނުތިއްބަވާގޮތަށް ކަނޑައަޅާފައިވާއިރު ވޯޓުލުމުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ އެގޮތަށެވެ.
ރާއްޖޭގައި ތިބި ޗައިނާގެ 274 މީހަކު އަނބުރާ ގައުމަށް ގެންގޮސްފި އެވެ.
މި މީހުން ޗައިނާ އަށް ގޮސްފައިވަނީ އެ މީހުން ބަލާ ރާއްޖެ އައި ޗައިނާ އީސްޓަން އެއާލައިނުގައި ދެ ފްލައިޓެއްގައި އެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އާދިއްތަ ދުވަހު ފުރުވާލާފައިވަނީ، ވޫހަން އަށްދާ 138 މީހުންގެ އިތުރުން ޖެންގްޖޯ ސިޓީއަށްދާ 136 މީހުން ކަމަށެވެ.
އެމީހުން ފުރުވާލުމުގައި ވެދިން އެހީތެރިކަމަށާއި، އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޗައިނާ ސަފީރު ޒަންގް ލީ ޒޮންގް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ނ. މަނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަން އަންގާފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް މަނަދޫ ކައުންސިލްގެ ރައީސް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ އެރަށުން ޕޮޒިޓިވްވި ނުވަ މީހުންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ހެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 9 ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނަކީ އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި 80 އަހަރުގެ އަންހެން މީހާއައި ކޮންޓެކްޓްވި މީހުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އެ އަންހެން މީހާ ވަނީ ކޮވިޑް-19 ށް ނެގެޓިވިވްކަން އިއުލާނުކުރި ފަހުން ނިޔާވެފަ އެވެ.
ދުވާލެއްގެ މައްޗަށް 3000 ސާމްޕަލް ނެގުމުގެ ގާބިލުކަން އެބަހުރި ކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގެ ލީޑު މެމްބަރު އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި ހަމީދު ވިދާޅުވީ ދުވާލެއްގެ މައްޗަށް 3000 ސާމްޕަލް ނެގުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށެވެ. މިހާރު ދުވާލެއްގެ މައްޗަށް ނެގެނީ 250-300 ސާމްޕަލްކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ކުރިއަށް އޮތް 6 ދުވަހެއްގެ ތެރޭގައި ސާމްޕަލްތައް ނަގާ އަދަދު ދެގުނަ ވެގެންދާނެ ކަމަށެވެ. އަދި އޭގެ 6 ދުވަސްފަހުން ހަތަރު ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ކޭސްތަކުގެ އަދަދުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. އަދި ލޮކްޑައުންއާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެނީ ފޭސްތަކަކަށް ބަހާލައިގެން ކަން ފާހަގަކުރައްވާ ޑރ. ވިދާޅުވީ ފޭސްތަކުގެ މައުލޫމާތު ތައް ހިއްސާކުރަމުންދާނެ ކަަމަށެވެ
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ޖުމްލަ 10 މީހުންނަށް ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުންދަނީ އެންމެ މީހަކަށް ކަމަށާއި އޭނާ އަކީ ބަލިން ފަސޭހަވެފައިވާ މީހެއް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް އައި ބަދަލުތަކާއިއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަހަރުގެ މެދު ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.