Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

15 މާރިޗު 2020 | 17:24

ސްޕެއިންއިން އައި ދިވެހި މީހާއާ ކޮންޓެކްޓްވި 12 މީހަކު އެކަހެރިކޮށްފި

ގަތަރު އެއާވޭސްގެ ފުލައިޓުން މިއަދު ސްޕެއިނުން މާލެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ އެ ބޯޓުގައި އޭނާއާއެކު އައި 12 މީހަކު އެކަހެރިކޮށްފިއެވެ.

15 މާރިޗު 2020 | 17:13

ސަފާރީން ޕޮޒިޓިވްވި މީހުން އެކަހެރިކުރާނީ ލ. އަތޮޅުގައި

އައިލެންޑް ސަފާރީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން މިވަގުތަށް އެކަހެރިކުރާނީ ލ. އަތޮޅުގައި ކަމަށް ސަރުކާރުން ބުނެފި. އެ ސަފާރީ އޮތީ ފުވައްމުލައް ސިޓީ ކައިރީގައި.

ސަފާރީ މިހާރު ދަނީ ލ. އަތޮޅަށް ދަތުރު ކުރަމުން. އެ ސަފާރީގައި ޕޮޒިޓިވްވެފައިވާ ދެ މީހުން މިވަގުތަށް ލ. އަތޮޅުގެ ކަރަންޓީނު ފެސެލިޓީއެއްގައި ބެހެއްޓުމަށް ވަނީ ނިންމާފައި.

15 މާރިޗު 2020 | 16:57

ޑީއެޗް-11 ގައި ފަރުވާ ދެމުން އަންނަ ފަރުވެރިޔާގެ ހާލު ރަނގަޅު

ޑީއެޗް-11 ގައި ފަރުވާ ދެމުން އަންނަ ފަރުވެރިޔާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ ވިދާޅުވެއްޖެ. އަދި ޑީއެޗް-11 ގައި ފަރުވާ ދެމުން އަންނަ 70 އަހަރުގެ ފަތުރުވެރިޔާގެ އަންހެނުންގެ ހާލުވެސް ރަނގަޅު ކަމަށް.

15 މާރިޗު 2020 | 16:54

70 އަހަރުގެ މީހާގެ އަލާމާތްތައް ފެންނަން ފެށީ ރާއްޖެ އައިފަހުން: ޑރ. މޫސާ

އައިޖީއެމްއެޗްފެ ޑީއެޗް-11 ގައި ފަރުވާ ދެމުންދާ 70 އަހަރުގެ ފަތުރުވެރިޔާ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށީ މި މަހުގެ 3 ވަނަ ދުވަހު ރާއްޖެ އައި ފަހުން. އޭނާ އަކީ ފިރިހެން ފަތުރުވެރިއެއް. 8 ވަނަ ދުވަހު ޓެސްޓް ހެދި އިރު ބައްޔަށް ޕޮޒިޓިވް. ދެ ފަރާތު ފުއްޕާމޭގައި ނިއުމޯނިއާ އިންފެކްޝަން ވަރަށް ބޮޑަށް އެބަހުރި.

15 މާރިޗު 2020 | 16:50

ދަރުމަވަންތަ ހޮސްޕިޓަލުގައި 4 މީހަކަށް ދަނީ ފަރުވާ ދެމުން، 2 މީހަކު ބައްޔަށް ނެގެޓިވް: ޑރ. މޫސާ

ދަރުމަވަންތަ ހޮސްޕިޓަލުގައި 4 މީހަކަށް ދަނީ ފަރުވާ ދެމުން، 2 މީހަކު ބައްޔަށް ނެގެޓިވް. އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވޭ މީހުންގެ ތެރެއިން ކޮވިޑް-19 ގެ އަލާމާތެއް ފެންނަ މީހެއް ނަމަ ވަގުތުން ޓެސްޓް ކުރެވޭނެ. މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވޭ.

15 މާރިޗު 2020 | 16:47

އިންޓަރނެޓް އަދި ޓީވީ ނެތް ގެތައް ދެނެގަންނަނީ

އެޑިއުކޭޝަން މިނިސްޓްރީން އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސާފައިވާތީ، އިންޓަރނެޓް އަދި ޓީވީ ނެތް ގެތައް ދެނެގަތުމުގެ މަސައްކަތް ސްކޫލްތައް މެދުވެރިކޮށް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި. އަދި ވަސީލަތްތައް ނެތް ގެތަކަށް ކޮންމެވެސް ކަހަލަ އިންތިޒާމްތަކެއް ހަމަޖައްސައިދޭނެކަމަށް އެޑިއުކޭޝަނުން ބުނެފައިވޭ.

15 މާރިޗު 2020 | 16:44

ކޮންޓެންޖެންސީ ބަޖެޓްގެ ގޮތުގައި 212 މިލިއަން ރުފިޔާ

ކޮންޓެންޖެންސީ ބަޖެޓްގެ ގޮތުގައި 212 މިލިއަން ރުފިޔާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. އެ ފައިސާއަކީ ކުރިން ބަޖެޓްކުރެވުނު އިރުވެސް ކޮންޓެންޖެންސީގެ ގޮތުގައި ކަނޑައަޅާފައިވާ ކޯޑުގެ ތެރެއިން ނެގޭ 212 މިލިއަން ރުފިޔާ. މީގައި ނުހިމެނޭ ރާއްޖެއަށް ލިބޭ ހިލޭއެހީ.

15 މާރިޗު 2020 | 16:40

އެމްޓީސީސީން އޮޕަރޭޓް ކުރާ އުޅަނދުތަކުގައި ހޭންޑް ސެނިޓައިޒާ ހުންނާނެ

އެމްޓީސީސީން އޮޕަރޭޓް ކުރާ އުޅަނދުތަކުގައި ހޭންޑް ސެނިޓައިޒާ ހުންނާނެ ކަމަށް އެކުންފުނިން ބުނެފި. އެގޮތުން ފެރީ އަދި ބަސްތަކުގައި ހޭންޑް ސެނިޓައިޒާ މިހާރު ހުންނާނެ ކަމަށް.

15 މާރިޗު 2020 | 16:38

އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހުޅުމާލެއިން މީހަކު ފަރުކޮޅުފުއްޓަށް ގެންގޮަސްފި: މަބްރޫކް

އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހުޅުމާލެއިން މީހަކު ފަރުކޮޅުފުއްޓަށް ގެންގޮަސްފި. މަބްރޫކް ވިދާޅުވީ މިއީ އަނަންތަރާ ދިގު ރިސޯޓުގައި ހުރި މީހާ ހުޅުމާލޭގައި ހުރިކަމުގެ މައުލޫމާތު ލިބިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސިމްޕްޓަމެޓިކްވި ފަރާތެއް ކަމަށް. އަދި އޭނާ ފަރުކޮޅުފުށްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން.

15 މާރިޗު 2020 | 16:33

އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އުޅޭ ދިވެހި މީހާ ހުޅުމާލޭގައި އުޅެފައިވޭ: މަބްރޫކް

ދިވެއްސެއް އަލާމާތްތައް ހުރިކަން އެނގިގެން ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން. އެފަރާތަކީ ހުޅުމާލޭގައި ހުރި ފަރާތެއް. މިކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރެވެމުން. އަދި އޭގެ ތެރެއިން ސިމްޕްޓަމެޓިކްވި ފަރާތެއް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން.

15 މާރިޗު 2020 | 16:27

ވިލިވަރު ފޭސް 2 ގެ މަސައްކަތް މަދަމާ ފެށޭނެ: މަބްރޫކް

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ވިލިވަރު ފޭސް 2 ގެ މަސައްކަތް މާދަމާ ފެށޭނެ ކަމަށާއި، ވެލިދޫ ރިސޯޓުގެ 80 ރޫމް ބޭނުންކުރެވޭ ހާލަތަށް ވަނީ ގެނެސްފައި.

15 މާރިޗު 2020 | 16:25

ކުރެއްދޫ އިން ސިމްޕްޓަމެޓިކްވި 2 މީހަކު ދަރުމަވަންތަ އިމާރާތުގެ 16 ވަނަ ފަންގިފިލާގައި އެބަތިބި: މަބްރޫކް

ދަރުމަވަންތަ އިމާރާތުގެ 16 ވަނަ ބުރީގައި ސިމްޕްޓަމެޓިކްވި އުމުރުން ދުވަސްވީ 2 މީހަކު އެބަތިބި ބައިތިއްބާފައި. އެ 2 ފަރާތުގެ ސާޕްމަލްގެ ނަތީޖާ ނެގެޓިވް. ނަމަވެސް އުމުރުން ދުވަސްވީ ބަޔަކަށް ވެފައި ޑޮކްޓަރުން އެ ދެމީހުން ގެންނަން ބޭނުންވާތީ ގެނައީ.

15 މާރިޗު 2020 | 16:16

ކޮވިޑް-19: މޮރޮކޯއިން އިންޓަރނޭޝަނަލް ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް މެދުކަނޑާލައިފި

މޮރޮކޯއިން އެގައުމަށް ދަތުރުކުރާ އިންޓަރނޭޝަނަލް ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް މެދުކަނޑާލައިފިއެވެ. މިހާތަނަށް އާއިރު އެގައުމުން 28 މީހަކު މިވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު އެކަކު ވަނީ މަރުވެފަ އެވެ.

15 މާރިޗު 2020 | 15:49

ކޮވިޑް-19: ވެލެންސިއާ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.

ސްޕެނިޝް ލީގުން އެންމެ ފުރަތަމަ މި ވައިރަހަށް ޕޮޒޓިވްވެގެން ރިޕޯޓުކޮށްފައިވަނީ އެޓީމުގެ ޑިފެންޑަރު އެޒެކުއެލް ގަރާއި އެވެ. އޭގެ ފަހުން އެޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ފަސް ކުޅުންތެރިންގެ އިތުރުން އެޓީމުގެ ބައެއް ސްޓާފުންވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ސްޕެނިޝް ލީގުގެ މެޗުތައް މިހާރު ވަނީ މެދުކަނޑާލާފައެވެ.

15 މާރިޗު 2020 | 15:35

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއް ޓެސްޓް ކުރަނީ

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގައިގެން ޓެސްޓްކުރަމުންދަނީ.

މި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވަނީ އަންނަތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި.

އޭނާ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްދަނީ ކުރަމުން.

15 މާރިޗު 2020 | 15:31

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ފޯރ ސީޒަން މޯލްޑިވްސް އިން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރަނީ

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯރ ސީޒަން މޯލްޑިވްސް އިން 2 ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި.

15 މާރިޗު 2020 | 15:30

ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރަނީ

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ.

ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި.

15 މާރިޗު 2020 | 15:18

ކޮވިޑް-19: މެލޭޝިޔާއިން ފެންނަ ކޭސްތައް ގުޅިފައިވަނީ މިސްކިތުގައި ބޭއްވި ދީނީ ހަރަކާތަކުން

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން މެލޭޝިޔާއިން ފެންނަ ކޭސްތަކުގެ ދެބައިކުޅަ އެއްބައި ގުޅިފައިވަނީ މިދިޔަ މަހު އެގައުމުގެ މިސްކިތެއްގައި ކުރިޔަށްދިޔަ ހަރަކާތްތަކުގައި އުޅުނު މީހުންނާ ކަމަށް އެގައުމުން ބުނެފި އެވެ. 20،000 މީހުން ބައިވެރިވެގެން ފެބްރުއަރީ މަހުގެ 27 ން މަރޗް މަހުގެ 1 ވަނަ ދުވަހާ ހަމައަށް މެލޭޝިޔާގެ މިސްކިތެއްގައި ވަނީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. މެލޭޝިޔާއިން މިހާތަނަށް މިވައިރަސް ޖެހިގެން ފެނިފައިވާ 428 މީހުންގެ ތެރެއިން 243 މީހުންނަކީ މިސްކިތުގައި އޮތް މިހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންކަމަށް އެގައުމުން ބުނެއެވެ.

15 މާރިޗު 2020 | 15:14

ކޮވިޑް-19: ހަންގޭރީން ފުރަތަަމަ މީހާ މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ހަންގޭރީން ފުރަތަމަ މީހާ މަރުވެއްޖެކަމަށް އެގައުމުން ބުނެފި އެވެ. ހަންގޭރީގެ ސަރުކާރުން ބުނެފައިވަނީ މިއީ 75 އަހަރުގެ ހަންގޭރީ މީހެއްކަމަށާއި މިމީހާ މަރުވެފައިވަނީ ނިޔުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށްކަމަށެވެ. ހަންގޭރީން މިހާތަނަށް 32 މީހަކަށް މިވައިރަސް ޖެހިފައިވެ އެވެ.

15 މާރިޗު 2020 | 14:56

ކޮވިޑް-19: ނޭޕާލްއިން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފި

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ނޭޕާލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ޚަރުދަނާކުރުމުގެ ގޮތުން 14 މަރޗް އިން ފެށިގެން 30 އޭޕްރީލް އާއި ހަމައަށް އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ޤައުމަކަށްވެސް މިޚިދުމަތް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނޭޕާލް އަށް ޒިޔާރަތްކުރާނަމަ ކޮވިޑް-19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް ( ނޭޕާލަށް އެތެރެވާ ތާރީޚަށް 7 ދުވަސް ނުވާ) އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ހޯދާ އެލިޔުން ހިފައިގެން ދިޔުމަށް ނޭޕާލު ސަރުކާރުން އަންގާފައިވާކަމަށެވެ. މީގެއިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީނުގައި ތިބެންޖެހޭނެ ކަމަށް ނޭޕާލް ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

15 މާރިޗު 2020 | 14:36

ކޮވިޑް-19: ކުޅިވަރު ދަނޑުތައް ބަންދުކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ރައްކާތެރި ފިޔަވަޅު އެޅުމުގެގޮތުން މާލޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް އެ ވުޒާރާއިން ނިންމައިފައިވާ ކަމަށާއި މި ނިންމުން ނިންމީ ގިނަ މީހުން އެއްތަނަކަށް ޖަމާވެގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާތީ، އެ އެޖެންސީގެ ލަފާގެ މަތިން ކަމަށެވެ.

15 މާރިޗު 2020 | 14:22

ކޮވިޑް-19: ވައިރަސް އިން ރައްކާތެރިވުމަށް އިސްރަށްވެހިންގެ ޖަމިއްޔާ އިން ގޮވާލައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަން އިސްރަށްވެހިންގެ ޖަމިއްޔާ އިން ދުވަސްވީ މީހުންނަށް ގޮވާލައިފި އެވެ.

ކޮވިޑް-19 އިން އެންމެ ބޮޑަށް އަސަރު ކުރަނީ ދުވަސްވީ މީހުންނަށާއި ކުޑަކުދިިންނަށާއި މާބަނޑު އަންހެނުންނަށާއި ދާއިމީ ބައްޔަށް ފަރުވާ ކުރާ، ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނަށެވެ. އިސްރަށްވެހިންގެ ޖަމިއްޔާ އިން ދުވަސްވީ މީހުންނަށް އިލްތިމާސް ކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ބަލިން ރައްކާތެރި ވުމަށްޓަކައި ސިއްހީ އިދާރާތަކުން ކަނޑައަޅާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރާށެވެ.

15 މާރިޗު 2020 | 14:20

ކޮވިޑް-19: އީޔޫގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ހޯމަ ދުވަހު ވީޑިއޯ ކޯލެއް ކުރައްވަނީ

އީޔޫގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން ހޯމަ ދުވަހު ވީޑިއޯ ކޯލެއް ކުރައްވާ އީޔޫގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުުރުމަށް ހަމަޖެހިފައިވާ ކަމަށް އީޔޫއިން ބުނެފި އެވެ. އެގޮތުން އީޔޫގެ ގައުމުތަކަށް އިގްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި މިކަންކަމުން އަރައިގަންނާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

15 މާރިޗު 2020 | 14:12

ކޮވިޑް-19: އެމެރިކާގެ އެއަރޕޯޓްތަކުގައި ސްކްރީންކުރުމަށް ވަގުތުނަގާތީ މީހުންގެ ކަންބޮޑުވުން އިތުރުވަނީ

ކޮވިޑް-19 ހަލުވިމިނުގައި ޔޫރަޕްގެ ގައުމުތަކުގައި ފެތުރެމުންދާތީ އެމެރިކާއަށް ޔޫރަޕްގެ ގައުމުތަކުން އެތެރެވާ އެގައުމުގެ ރައްޔިތުން ސްކްރީން ކުރުމަށް ގިނަ ވަގުތުނަގާތީ އެއަރޕޯޓްތަކުގައި މީހުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ. އެގޮތުން ގިނަ ވަގުތު ކިޔުގައި ތިބެންޖެހުމުން ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

15 މާރިޗު 2020 | 13:49

ކޮވިޑް-19: ސްޕެއިންގައި އަލަށް 2000 މީހުންނަށް ވައިރަސް ޖެހި 100 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

ކޮވިޑް-19 ސްޕެއިންގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު އެގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މިވައިރަސް އަލަށް 2000 މީހުންނަށް ޖެހިއްޖެ އެވެ. އަދި ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ. މިހާތަނަށް އާއިރު އެގައުމުން 7,753 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ. އަދި 288 މީހުން ވަނީ މަރުވެފަ އެވެ. އެއާއެކު ކޮންމެހެން ބޭރަށް ނިކުންނަންޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ސްޕެއިންގައި ވަނީ އަންގާފަ އެވެ.

15 މާރިޗު 2020 | 13:30

ކޮވިޑް-19: ސްޕެއިން އައި ދިވެއްސެއް ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓް ކުރަނީ

ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

15 މާރިޗު 2020 | 13:28

ކޮވިޑް-19: އިނގިރޭސިވިލާތުގެ ރައްޔިތުން އެމެރިކާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެގައުމުން އެދެފި

ކޮވިޑް-19 އެމެރިކާގައި ފެތުރެމުންދާތީ އިނގިރޭސިވިލާތުގެ ރައްޔިތުން އެމެރިކާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެގައުމުން އެދެފި އެވެ.

15 މާރިޗު 2020 | 13:25

ކޮވިޑް-19: ދިވެހިންނަށް ލަންކާއިން ދެމުން އަންނަ އޮން-އެރައިވަލް ވިސާދިނުން ހުއްޓާލައިފި

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ސްރީލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ޚަރުދަނާކުރުމުގެ ގޮތުން 15 މަރޗްގެ ރޭގަނޑު 23:30 އިން ފެށިގެން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް ރާއްޖެހިމެނޭގޮތަށް މި ޚިދުމަތް ދިނުން ހުއްޓާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެހެންކަމުން އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކާއި ސްރީލަންކާގެ ރެޒިޑެންޓް ވިސާ އޮންނަ ފަރާތްތައް ފިޔަވައި ހުރިހާ ދިވެހިންނަށްވެސް ލަންކާއަށް ޒިޔާރަތްކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަޔް ވަގުތީގޮތުން މެނދުކަނޑާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްރީލަންކާއަކީ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ އަދި އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމަކަށްވެފައި އަދި ޚާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ޚިޔާރުކުރާ އެއް ގައުމަކަށްވާތީ ކޮންމެހެން ސްރީލަންކާ އަށް ޒިޔާރަތްކުރަން މަޖުބޫރުވާ ފަރާތްތަކުން އެގައުމުގެ އިލެކްޓްރޯނިކް ވިސާ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ވިސާ ނަގަންޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން އެވަގުތެއްގައި ދަތުރުފަށާ ގައުމެއްގެ ހާލަތަށްބަލާ ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހުން އެކަށީގެންވާކަމަށްވެސް ލަންކާ ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

15 މާރިޗު 2020 | 12:59

ކޮވިޑް-19: ރާއްޖެއަށް އެންމެ ބޭނުންވާ ތަކެތީގެ އެހީތެރިކަން ޗައިނާއިން ފޯރުކޮށްދެނީ

ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަފީރު ޒަންގް ލިޖޮންގް ވަނީ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެއްވި ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަށާއި އިތުބާރުކުރެވޭ އެކުވެރިއެއް ކަމަށެވެ.

15 މާރިޗު 2020 | 12:55

ކޮވިޑް-19: ގަތަރުއެއާވޭސްގެ ފްލައިޓެއް މޮނިޓަރިންގެ ހާލަތަށް

އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓަކުން ކޮވިޑް-19 އިގެ އަލާމާތްތަކެއް ހުރި މީހަކު ފެނުމާއި ގުޅިގެން އެ ފްލައިޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒް ވަނީ ފްލައިޓެއް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާކަން ''ރާއްޖެ.އެމްވީ'' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހާ ވަނީ މިހާރު އެކަހެރި ކޮށްފައެވެ. އަލާމާތްތައް ފެނުނީ ކޮން ގައުމެއްގެ މީހެއް ކަމެއް ނުވަތަ އެމީހާގެ ވަަނަވަރެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ފަހުން މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

15 މާރިޗު 2020 | 12:03

ކޮވިޑް-19: އުރީދޫގެ ބިލް މިމަހު ނުދެއްކުނަސް ޚިދުމަތް ކަނޑާނުލާނެ

އުރީދޫގެ ބިލް މިމަހު ނުދެއްކުނަސް ޚިދުމަތް ކަނޑާނުލާނެ ކަމަށް އުރީދޫން ބުނެފި އެވެ. ފޯނު ބިލާއި، ފައިބަރ އަދި ވަޔަރލަސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމަށް ބުނެފައިވެއެވެ.

އަދި މި މަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކްތަކުގެ ނަމްބަރުތައްވެސް ހިމެނޭހެން ހިލޭ އެސްއެމްސް ކުރެވޭނެއެވެ. އަދި އެޗްޕީއޭއިން އަންގައިގެން ގޭގައި މަޑުކުރަން ޖެހޭ އާއިލާތަކަށް ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން އެ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

15 މާރިޗު 2020 | 12:00

ކޮވިޑް-19:ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފަނޑިޔާރުން ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކޮވިޑް-19 ރޯގާގެ ނުރައްކަލާ ގުޅިގެން އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެޙާލަތުގައި ފަނޑިޔާރުން ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައި މަޝްވަރާކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ން ބުނެފި އެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ސެލްފް އައިސޮލޭޝަންއަށް ނުވަތަ އައިސޮލޭޝަންއަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަރާތްތައް ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތު އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭ ގޮތަށް އަދި މުސާރައާ ޢިނާޔަތްތައް ލިބޭގޮތަށް މިދުވަސްތަކުގައި ދޫކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

15 މާރިޗު 2020 | 11:44

ކޮވިޑް-19: ސަރކް ލީޑަރުންގެ ކޮންފަރެންސް ފަށައިފި

ސަރކް ލީޑަރުންގެ ކޮންފަރެންސް ފަށައިފި އެވެ. މިހާރު ވާހަކަދައްކަވަމުން ގެންދަވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ.

15 މާރިޗު 2020 | 11:23

ކޮވިޑް-19: އުޒްބަކިސްތާނުން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނިއްޖެ

އުޒްބަކިސްތާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފުރަތަމަ މީހާ ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިމީހައަކީ ފްރާންސުން އައި މީހެއްކަމަށް އެގައުމުން ބުނެއެވެ.

15 މާރިޗު 2020 | 11:21

ކޮވިޑް-19: ކޮންގޯއިން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނިއްޖެ

ކޮންގޯއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފުރަތަމަ މީހާ ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިމީހާއަކީ 50 އަހަރުގެ މީހެއްކަމަށް އެގައުމުން ބުނެއެވެ.

15 މާރިޗު 2020 | 11:19

ކޮވިޑް-19: ކަޒަކިސްތާނުން ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި

ކޮވިޑް-19 ފެތުރެމުންދާތީ ކަޒަކިސްތާނުގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި އެވެ. އެގައުމުން މިހާތަނަށް މިވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 8 މީހަކު ވަނީ ފެނިފަ އެވެ.

15 މާރިޗު 2020 | 11:09

ކޮވިޑް-19: ކުޅިވަރު ކުޅޭ ހުރިހާ ތަންތަނާއި މަރުކަޒުތައް ބަންދުކުރުމަށް ނިންމައިފި

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓްގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަނާއި މަރުކަޒުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

" އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާއަށް، މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަން ބަންދުކުރަން ނިންމާފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން." މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

15 މާރިޗު 2020 | 11:06

ކޮވިޑް-19: ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު އެލަވަންސް ދެ މަހަށް

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަރޗް އަދި އޭޕްރީލް މަހުގައި %30 ހިލޭ އިތުރު އެލަވަންސެއް ދިނުމަށް ނިންމައިފި އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދިރާގުން ނިންމި ނިންމުމެކެވެ.

މީގެއިތުރުން ދިރާގުން ވަނީ އެކުންފުނީގެ މޯބައިލް ކަސްޓަމަރުންނާއި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިތުރު ލުއި ފަސޭހަތަކެއް ދިނުމަށް ނިންމާފައިކަމަށް އެކުންފުނިން ބުނެއެވެ.

15 މާރިޗު 2020 | 10:59

ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު 13 އަށް

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ފެނިގެން ސަފާރީއެއްގައި ތިބި 2 ބިދޭސީއެއްގެ ސާމްޕައިލް ނަގާ އުޅަނދު މޮނިޓަރ ކުރަމުންދާކަމަށް ހޮނިހިރު ދުވަހު އެޗްޕީއޭއިން ހާމަކޮށްފައިވާއިރު އެކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޮވިޑް-19 ގެ ޓާސްކްފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސަފާރީއިން ޓެސްޓްކުރި ދެމީހުންވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން ސަފާރީ އުޅަނދެއްކަމުގައިވާ ވައިޓް ވޭވްސްގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައި، ސަފާރީ އުޅަނދު މޮނީޓަރިންގ ހާލަތަކަށް ގެނެވިފައިވަނީ ހޮނިހިރު ދުވަހުގައެވެ. މަބްރޫކް ވިދާޅުވީ، އެ ސަފާރީ އެންމެ ފަހުން ހަރަކާތްތެރިވެފައިވަނީ ފުވައްމުލަކު ސަރަހައްދުގައިކަމަށެވެ.

މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތައް

ކުރެއްދޫ އައިލެންޑް ރިސޯޓް: 5

ސޭންޑީޒް ބަތަލާ: 2

އަނަންތަރާ ދިގު: 2

ކުރަމަތި ރިސޯޓް: 2

ވައިޓް ވޭވްސް ސަފާރީ: 2

15 މާރިޗު 2020 | 09:36

ކޮވިޑް-19: އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މުބާރާތްތައް ފަސްކޮށްފި އެވެ.

އެފްއޭއެމުން މިގޮތަށް ނިންމިއިރު، މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު މިވަގުތު ވަނީ ލަންކާގައި ކަރަންޓީނުކޮށްފައެވެ.

މިހާތަނަށް މި ސީޒަނުގައި ބާކީ އޮތީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. އެފްއޭއެމުން މި ދެ މުބާރާތްވެސް ފަސްކުރިއިރު، ހޯމަ ދުވަހު އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް އޮތީ ހަމަޖެހިފައެވެ.

އެފްއޭ ކަޕް ފަސްކުރުމާއެކު، ޕްރެޒިޑެންޓްސް ކަޕްވެސް ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން ޕްރެޒިޑެންޓްސް ކަޕްގެ ކުޅުން ފަށަން ކުރިން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ.

1 / 81