Raajje.mv

އަޑުއެހުން ފެށިއިރު ވެސް ކޯޓު ސަރަހައްދު ހަލަބޮލިވެފައި

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ބޮޑުތަކުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބު ވުމުން، އިންތިޚާބު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު 13:00 އަށް ތާވަލް ކޮށްފި

14 އޮކްޓޯބަރު 2018
23510
ސުޕްރީމް ކޯޓު ސަރަހައްދުގައި އަމަން ބެލެހެއްޓުމަށް ސިފައިން ހަރަކާތްތެރިވަނީ

ސުޕްރީމް ކޯޓު ސަރަހައްދުގައި އަމަން ބެލެހެއްޓުމަށް ސިފައިން ހަރަކާތްތެރިވަނީ

14 އޮކްޓޯބަރު 2018 | 10:33

މީހަކު ހައްޔަރު ކޮށްގެން ގެންދަނީ

14 އޮކްޓޯބަރު 2018 | 09:27

އެއްވެފައި ތިބި މީހުން ޕޯސްޓަރުތައް ހިފައިގެން އަޑު އުފުލަމުން އެބަދޭ

ޕޯސްޓަރުތަކާއެކު އަޑުއުފުލުންތައް ކުރިއަށް ގެންދާއިރު، ސެކިއުރިޓި ބެލެހެއްޓުމުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ--- ފޮޓޯ/ މުހައްމަދު ޝަރުހާން

ސުޕްރީމް ކޯޓު ކައިރިއަށް އެއްވެފައި ތިބި މީހުން، ރައީސް ޔާމީނާ ދެކޮޅަށް ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އަޑު އުފުލަމުން އެބަދޭ

14 އޮކްޓޯބަރު 2018 | 09:12

މައްސަލަ ބަލައިގަތީ އުސޫލުތަކާ ހިލާފަށް، އެހެން ގޮތަކަށް ނިންމުމުގެ ހައްގެއް ނެތް: ނަޝީދު

ރައީސް ކަމަށް ދިވެހިން އިންތިހާބު ކުރީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެ ނިންމުން ބަދަލު ގެނައުމަށް އުސޫލުތަކާ ހިލާފަށް ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

14 އޮކްޓޯބަރު 2018 | 09:09

އެއްވުން ކޮންޓްރޯލު ކުރުމަށް ޝިލްޑުތަކާ އެކު ފުލުހުން ނުކުމެއްޖެ

ޝިލްޑުތަކާ އެކު އެއްވުން ކޮންޓްރޯލް ކުރުމަށް ރަޔަޓް ފުލުހުން -- ފޮޓޯ/ މުހައްމަދު ޝަރުހާން

އެއްވުން ކޮންޓްރޯލު ކުރުމަށް ޝިލްޑުތަކާއެކު ފުލުހުން ނުކުމެއްޖެ. ފުލުހުން ޝިލްޑުތަކާއެކު އެތުރިގެން ތިބީ ޖަސްޓިސް ބިލްޑިން ސަރަހައްދު ހިލާލީގެއާ ދިމާލުގައި.

14 އޮކްޓޯބަރު 2018 | 09:00

ހައުސިން މިނިސްޓްރީގެ ނައިބު ނާއިފް ޝައުކަތު މީހަކަށް ހަމަލާ ދޭ ވީޑިއޯއެއް އާމުވެއްޖެ

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ސުޕްރީމް ކޯޓަށް ވަނުމަށް ކިއު ހަދާފައިވާތަނުގައި ހުރި މީހަކަށް ހަމަލާ ދޭ ވީޑިއޯއެއް އާމުވެއްޖެ. ވީޑީއޯއިން ފެންނަނީ ބަހުގެ ހަމަލާތަކަށްފަހު ހަމަލާ ދޭ މަންޒަރު. އަދި އޭނާ ހަމަލާ ދިނުމާއެކު ސަރަހައްދުގައި ތިބި ބަޔަކު އަޑުގަދަ ކުރާތަން ވެސް ވީީޑިއޯއިން ފެނިގެންދޭ.

14 އޮކްޓޯބަރު 2018 | 08:54

އެއްވުގެ ބައިވެރިން ދުރަށް ދިއުމަށް ފުލުހުން އިންޒާރު ދީފި

ސުޕްރީމް ކޯޓު ސަރަހައްދަށް ޖަމާވެފައިވާ މީހުން ދުރަށް ޖެއްސުމުގައި ސިފައިންނާއި ފުލުހން ހަރަކާތްތެރި ވަނީ -- ފޮޓޯ/ މުހައްމަދު ޝަރުހާން

ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދުގެ މަގުތަކަށް އެއްވެފައިވާ މީހުން އެ ސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން އިންޒާރު ދީފި. އިންޒާރު ދެމުން ދަނީ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން އެންމެ ބޮޑަށް ޖަމާވެފައިވާ މާފަންނުގެ ޕާކިސް ޒޯން ސަރަހައްދަށް. އެ ސަރަހައްދުަގއި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ބިންމަތީގައި އިށީންދެގެން އެބަ ތިބި.

14 އޮކްޓޯބަރު 2018 | 08:16

ކޯޓުގެ އެކި ދިމަދިމާލަށް މީހުން އެއްވެފައި

މީހުން ދުރަށް ޖެއްސުމުގައި ސިފައިން ހަރަކާތްތެރިވަނީ

ސުޕްރީމް ކޯޓުގެ އެކި ދިމަ ދިމާލުގައި މީހުން އެއްވެފައި އެބަ ތިއްބެވި. އެ މީހުންނަށް ސުޕްރީމް ކޯޓާ ހަމައަށް ނުދެވޭ ގޮތަށް ސިފައިންނާއި ފުލުހުން ގުޅިގެން ބައެއް މަގުތައް ބަންދުކޮށްފައިވޭ. ،

14 އޮކްޓޯބަރު 2018 | 08:00

ސުޕްރީމް ކޯޓު ސަރަހައްދަށް ޖަމާވި މީހުން ދުރަށް ޖައްސައިފި

ސުޕްރީމް ކޯޓު ސަރަހައްދަށް މީހުން ޖަމާވެފައި

ސުޕްރީމް ކޯޓު ސަރަހައްދަށް ޖަމާވެފައި ތިބި މީހުން ސިފައިންނާއި ފުލުހުން ގުޅިގެން އެ ސަރަހައްދުން ދުރަށް ޖައްސައިފިއެވެ. ދުރަށް ޖެއްސުމުގައި އުޅުނީ ރަޔަޓް ގިޔަރުގައި ތިބި ސިފައިންނާއި އެސްއޯ ފުލުހުން.

14 އޮކްޓޯބަރު 2018 | 07:57

މައްސަލައިގައި ޝާމިލުވާ ވަކީލުން ކޯޓަށް ވަޑައިގެންފި

ސުޕްރީމް ކޯޓު ދޮށަށް ބައެއް މީހުން އެއްވެފައި-- ފޮޓޯ/ ރާއްޖެއެމްވީ

މައްސަލާގައި ޝާމިލުވާ ވަކީލުން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަނުމަށް ސުޕްރީމް ކޯޓަށް ވަދެއްޖެ. އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާ ވަކީލުންނާއި ޕާޓީތަކުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލުން ވަނީ ވަޑައިގެންފައި. ޕާޓީތަކުން ކޯޓަށް ވަކާލާތު ކުރައްވަން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އިންތިހާބީ އެޖެންޑް ހިސާން ހުސައިން ވެސް ހިމެނިވަޑައިގަންނަވާ.

14 އޮކްޓޯބަރު 2018 | 07:50

ބަހުގެ ހޫނު ހަމަލާތަކާއެކު ދެބަސްވުންތަކެއް

ސުޕްރީމް ކޯޓު ސަރަހައްދުގައި ބަހުގެ ހޫނު ހަމަލާތަކާއެކު، މަސްރަހު ވަނީ ހޫނުވެފައި. އަޑުއެހުމަށް ވަނުމަށް ބައެއް ވަޒީފުންނާއި ޕީޕީއެމްގެ އިސް މަޖިލިސް މެމްބަރުން އެ ސަރަހައްދަށް ގޮސް ތިއްބަސް ، ބައެއް ބޭފުޅުންނަށް އަޑުއެހުމަށް ވަނުމުގެ ފުރުސަތެއް ނުލިބޭ

14 އޮކްޓޯބަރު 2018 | 07:45

ދިހަ ނޫސްވެރިންނާއެކު ބައެއް އާންމުން އަޑު އަހުމަށް ވައްދައިފި

ތަފާތު އެކި މީޑިއާތަކުން، 10 ނޫސްވެރިންނާއި އާންމުންގެ ބައެއް މީހުން އަޑުއެހުމަށް ވައްދައިފި. އަޑުއެހުމަށް މީހުން ވެއްދި ވަގުތު އެއްވެފައި ތިބި ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރި. އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކާ ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވޭ

14 އޮކްޓޯބަރު 2018 | 07:18

ބަލި ގަބޫލުކުރުމަށްފަހު ކޯޓަށް ދިއުމަކީ ހޮޑުލާފަ އެ އަލުން ކާންއުޅުން ހާ ހަޑިކަމެއް: އަލީ ޒާހިރު

14 އޮކްޓޯބަރު 2018 | 06:44

ސުޕްރީމް ކޯޓުގައި ކައިރީގައި ހެދި ކިއުގައި އޮޅުން ބޮޅުން

ސުޕްރީމް ކޯޓު ކައިރީގައި ތިން ދިމާލަކުން ކިއު ހަދާފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިން ބުނޭ. އަޑުއެހުމަށް ވަންނަން ސުޕްރީމް ކޯޓު ކުރިމަތިން ކިއުއެއް ހަދާފައިވާއިރު، ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ މާފަންނުގެ ކައިރީގައި ވެސް ވަނީ ކިއުއެއް ހަދާފައި.

14 އޮކްޓޯބަރު 2018 | 06:22

މިމައްސަލައަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ތަދައްޚުވެވަޑައިގެންފައި

ތަދައްޚުވެވަޑައިގެންފައިވަނީ އިންތިހާބު ބާތިލުކުރަން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަށް ތަދައްހުލްވުމަށް ހުށަހަޅާފައި ވަނީ ގުޅިފައިވާ ހަތަރު ޕާޓީތަކުގެ ފަރާތުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހަ ވަކީލެއް.

14 އޮކްޓޯބަރު 2018 | 06:18

މިއަދުގެ އަޑުއެހުމަށް ތިން ގަޑިއިރު ކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިޔު ހަދާފައި

ސުޕްރީމް ކޯޓު ކައިރީގައި ކިއުގައި ޖެހުނު މީހުންގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ހިމެނޭ ސުޕްރީމް ކޯޓު ކައިރީގައި އެންމެ ފުރަތަމަ ކިއުގައި ޖެހުނު މީހުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވާ. ސުޕްރީމް ކޯޓުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއިން ދަނީ ފޯރިމަރަމުން

14 އޮކްޓޯބަރު 2018 | 06:14

އިންތިޚާބު ބާތިލް ކުރުމަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އޮކްޓޯބަރ 10 ވަނަ ދުވަހު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައި

ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުމަށް ފަހު، މީޑިއާއަށް މައުލޫމާތު ދެއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ޖުޑީޝަލް ސާރވިސް ކޮމިޝަން ކަނޑައަޅުއްވާފައިވާ މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު. ރޭނީސް ސަލީމު ވިދާޅުވީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުނަށް، ރައީސް ޔާމީންއަށް ސަޕޯޓް ކުރާ ފަރާތްތަކުން ހުށަހަޅާފައިވާތީ އިންތިހާބީ ޝަކުވާގެ ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށް.

14 އޮކްޓޯބަރު 2018 | 06:12

އިންތިޚާބު ބާތިލު ކުރުމަށް ދޮގު ހެކި އުފައްދާކަމުގެ ތުހުމަތުތަކެއް ޕީޕީއެމަށް

ވޯޓު ކަރުދާސް ޕްރިންޓް ކުރި އެމް7ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އެތަނުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށް. ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި، ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދިފައިވާ ސައްތާރު ވިދާޅުވި.އެމް7 އިން ވޯޓު ކަރުދާސް ޗާޕުކުރުމުގެ ކަންކަމުގައި ޕްރޮފެޝަނަލް ނޫން ގޮތަކަށް އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމަށާއި ކިތަންމެ ބިރެއް ދެއްކިނަމަވެސް މިކަމުގެ ތެރެއިން ދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި.

14 އޮކްޓޯބަރު 2018 | 06:10

ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް މައްސަލައެއް ދިމާ ނުވާކަމަށް އީސީން ބުނޭ

ރިޔާސީ އިންތިޚާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާއި ގުޅޭގޮތުން ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނުން ހުށައަޅާފައި ނުވާކަމަށް އީސީން ބުނޭ، ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓް. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134،705 ވޯޓް.

14 އޮކްޓޯބަރު 2018 | 06:05

އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށްފަހު އިލެކްޝަންޝް ކޮމިޝަންގެ މެންބަރުންނަށް މަރުގެ އިންޒާރުތަކެއް

އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށްފަހު އެ އިންތިޚާބު އޮޅުވާލިކަމަށްބުނެ އިލެކްޝަންޝް ކޮމިޝަންގެ މެންބަރުންނަށް ލިބުނު މަރުގެ އިންޒާރުތަކާއި ގުޅިގެން އީސީގެ ހަތަރު މެމްބަރުންވަނީ ލަންކާއަށް ގޮސްފައި. ލަންކާގައި މި ވަގުތު ތިއްބެވީ އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތުގެ އިތުރުން މެމްބަރު އިސްމާއިލް ހަބީބް

14 އޮކްޓޯބަރު 2018 | 06:00

އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވިތާ ހަފްތާއެއް: ރައީސް ޔާމީންގެ ބަސްމަގު ބަދަލުވި

އިންތިޚާބަށް ނުޒޫތަކެއް ފޯރުވާފައިވާ ކަމަށް ތުހްމަތު ކުރެވޭ އޯޑިއޯއެއް ލީކްވެފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ވަދެފައި ނުވާ ނަމަ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އެގޮތަށް ވާހަކަ ނުދައްކަވާނެ ކަމަށް. ރައީސް ޔާމީން ވިދާޅުވީ އީސީގެ މެންބަރުން ބަޔާނެއް ނެރެގެން ނުފުދޭ ކަމަށާއި ރައްޔިތުން ކައިރިއަށް ވަޑައިގެން ކަންތައްތަކަށް ޖަވާބު ދޭން ޖެހޭ ކަމަށް. މިކަންކަން މިހިނގާ ގޮތުގެ ތަފްސީލީ މައުލޫމާތު ލިބެންދެން ކުރިއަށް ދާން ޖެހޭނެކަމަށް ރައީސް ވިދާޅުވި.

"އަޅުގަނޑު އެއްގޮތަކަށް ވެސް ނަތީޖާ ގަބޫލު ނުކުރަނީކީ ނޫން. އަޅުގަނޑަކީ އެންމެ މީހެއް. އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބަ މަސައްކަތް ކުރައްވާ. އަނެއްކާ މިތަނުން މި ފެންނަނީ ރައްޔިތުންގެ އިހުސާސް. އެހެން ވީމާ މިކަމުގައި އަޅުގަނޑަށް ދެން ދެވޭނީ އާންމު މެންބަރުންގެ އިހުސާސްތަކާ އެއްގޮތަށް އަޅުގަނޑަށް ކުރިއަށް ދެވޭނީ." ރައީސް ޔާމީން ވިދާޅުވި.

14 އޮކްޓޯބަރު 2018 | 05:47

ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތްކަން ރައީސް ޔާމީން އަމިއްލަފުޅަށް ގަބޫލު ކުރެއްވި

ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެއްވިތާ 24 ގަޑިއިރުނުވަނީސް ރައީސް ޔާމީން ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައި. އަދި ގައުމާ މުޚާތަބުކުރައްވާ ވަނީ އެމަނިކުފާނު ބަލި ގަބޫލުކުރެއްވިކަން އިއުލާން ކުރައްވާފައި. އެމަނިކުފާނު ވިދާޅުވީ ބަލިގަބޫލުކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާފައިވާކަމަށް. ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން އެމަނިކުފާނުގެ ޚިދުމަތާއި ދޭތެރޭ ގޮތް ނިންމަވައިފި ކަމަށް.

14 އޮކްޓޯބަރު 2018 | 05:37

އިންތިޚާބު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން

އިންތިޚާބު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު 13:00 އަށް ތާވަލް ކޮށްފައި. ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު. އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީން ހުށަހަޅުއްވާފައި ވަނީ ސިއްރު ހެކިތަކެއްގެ މައްޗަށް ބިނާކޮށް.ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށްފަހު އޭގެ އެއްދުވަސް ފަހުން ރައީސް ޔާމީން ވަނީ މަގު މައްޗަށް ނިކުމެ ވަޑައިގެން އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކަމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައި