Raajje.mv

ވަގުތުން: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން މިއަދު މެންދުރު ފަހު 14:00 އިން މިރޭ 00:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ބުނޭ.

14 ފެބުރުއަރީ 2018
39701
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

30 މެއި 2018 | 19:11

ވޯޓުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާންކުރާނެ: އެމްޑީޕީ

ވޯޓުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާންކުރާނެކަމަށް އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީން ބުނީ ވޯޓުލުން ނިމޭތާ 2 ނުވަތަ 3 ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާންކުރެވިގެންދާނެ ކަމަށެވެ.

30 މެއި 2018 | 19:02

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފި

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފި އެވެ.

30 މެއި 2018 | 18:09

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އެމްޑީޕީ ހަރުގޭގައިވެސް ކުރިއަށް

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އެމްޑީޕީ ހަރުގޭގައިވެސް އަނެއްކާވެސް ފަށައިފި އެވެ. އެމްޑީޕީ ހަރުގޭގައިި މިއަދު އެންމެ ފުރަތަމަ ވޯޓުލުން ފެށުމާއެކު ފުލުހުން ވަނީ ވޯޓުލުން ހުއްޓުވައި ވޯޓު ފޮށިތައްވެސް ގެންގޮސްފައެވެ.

30 މެއި 2018 | 17:23

ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި

ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި އެވެ.

ތ. ގުރައިދޫ:

  • ފެންނަ: 123
  • ނުފެންނަ: 0
  • ޖުމްލަ ވޯޓް: 123

އއ. ތޮއްޑޫ:

  • ފެންނަ: 273
  • ނުފެންނަ: 0
  • ޖުމްލަ ވޯޓް: 273
30 މެއި 2018 | 17:14

ވޯޓުލުން ކުރިއަށްދަނިކޮށް އަނެއްކާވެސް އެމްޑީޕީ އޮފީހަށް ފުލުހުން ވަދެއްޖެ

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނިކޮށް، އަނެއްކާވެސް އެމްޑީޕީ އޮފީހަށް ފުލުހުން ވަދެއްޖެ އެވެ. ފުލުހުން މިއަދު އެމްދީޕީ އޮފީހަށް ވަދެ ވޯޓުލުން ހުއްޓުވާފައިވާއިރު، ފުލުހުން ނިކުތުމާއެކު އަނެއްކާވެސް އެމްޑީޕީން ވަނީ އޮފީހުގައިވެސް ވޯޓުލުމުގެ މަސައްކަތް ފަށާފައި.

30 މެއި 2018 | 17:09

އެކި ސަރަހައްދުތަކުގައި ވޯޓުލުން އަދިވެސް ކުރިއަށްދާއިރު، ވޯޓުލުން އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަނީ ތަފަތު ގޮތަކަށް

އެކި ސަރަހައްދުތަކުގައި ވޯޓުލުން އަދިވެސް ކުރިއަށްދޭ. މާލެ އާއި އަތޮޅު ތެރޭގައި ވޯޓުލުން ކުރިއަށްގެންދާއިރު، އެކި ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށްގެންދަނީ ތަފާތުގޮތަކަށް. ބައެއް ރަށްރަށުގައި ދޮޮރުން ދޮރަށް ހިނގާ ވޯޓުލުންވެސް ކުރިއަށްގެންދޭ.

30 މެއި 2018 | 16:53

ވޯޓުގެ ނަތީޖާއާއި މެދު އެއްވެސް ފަރާތަކަށް ސުވާލު އުފެއްދުމުގެ ޖާގައެއް ނޯންނާނެ: ހަސަން ލަތީފް

ވޯޓުގެ ނަތީޖާއިމެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނޯންނާނެ. އަޅުގަނޑުމެން ކަންތައްތައް ކުރިއަށް މި ގެންދަނީ ވަރަށް ހުޅުވާލައިގެން. މީޑިއާގެ ފަރާތްތައްވެސް ބޭނުންއިރަކު އައިސް މޮނީޓާ ކުރެވޭގޮތަށް އަޅުގަނޑުމެން ކަންތައްތައް ރާވާފައިމިވަނީ. އޭގެއިތުރުން އިލެކްޝަންސް ކޮމިޝަނަށްވެސް އިންތިހާބުގެ ކަންކަން މޮނީޓަރ ކުރުމުގެ ފުރުސަތު އޮންނާނެ.

30 މެއި 2018 | 16:49

އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތެއް ނޯންނާނެ: ހަސަން ލަތީފް

އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތެއް ނޯންނާނެ. ހަމައެކަނި ވޯޓު ކަރުދާސްކޮޅުގައިި ފާހަގަ ޖައްސަވައިގެން އެކަން ކުރެވޭގޮތަށް މި އޮތީ. އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭނެ ކަމަށް ބުނެ ބައެއް މެސެޖުތަކެއް ދައުރުވެފައިވާތީ އަޅުގަނޑުމެން އެކަން ރައްޔިިތުންގެ ސަމާލުކަމަށް މި ގެންނަނީ.

30 މެއި 2018 | 16:47

އެމްޑީޕީގެ ޕްރައިމަރީގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް: ހަސަން ލަތީފް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވަންނަންޖެހޭ އެއްވެެސް ސަބަބެއް ނެތް. އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ކުރިއަށްގެންދާ ކަމެއް. އެކަމަކީ ޤާނޫނީގޮތުންވެސް އިލެކްޝަންސް ކޮމިޝަނާއި ބެހެވޭނެ ކަމެއް ނޫން.

30 މެއި 2018 | 16:44

ބައެއް ރަށްރަށުގައި ލިސްޓުގައި ތިބި އެންމެން ވޯޓުލުމުން ވޯޓު ފޮށިތައް ބަންދުކޮށްފައިވޭ: ހަސަން ލަތީފް

ބައެއް ރަށްރަށުގައި ވޯޓުލުން ނިންމާލައިފައިވޭ. ވޯޓު ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތައް ވޯޓުލުން، ވޯޓުލުން މި ބަންދުކުރަނީ. އެގޮތަށް ބަންދުކޮށްފައިވާ ބައެއް ރަށްރަށުގެ ނަތީޖާތައް ވަރަށް އަވަހަށް ޕާޓީއަށް ލިބިގެންދާނެ. އޭގެއިތުރުން ކޮންމެ ރަށެއްގައިވެސް 12:00 އާއި ހަަމައަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެ.

30 މެއި 2018 | 16:39

ވޯޓުލުން ކުރިއަށް

ކޯޓު އަމުރުގެ ދަށުން އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވުމަށް ފުލުހުން ހަވީރުގެ ވަގުތުތަކުގައި މަސައްކަތްކުރި ނަމަވެސް ރޭގަނޑު 8:00 ގެ ފަހުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިތުރުން ބޭރު ގައުމުތަކުގައި ވެސް ވޯޓުލުން ކުރިއަށް ދާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައި

30 މެއި 2018 | 12:15

ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވީ ގާނޫނާއި ޚިލާފަށް ކަމަށް

ހިސާން ހުސައިން

މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީ ހުއްޓުވީ ގާނޫނާއި ޚިލާފަށް ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ. ރާއްޖެ ޓީވީއަށް ހިސާން ވިދާޅުވީ ސިވިލްކޯޓުން ނެރުނު ކޯޓު އަމުރުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނަމަށް އޮތީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ ކަމަށް. އެހެން ކަމުން އެއީ ގާނޫނާ ޚިލާފަށް ހުއްޓުވި ކަމެއްކަމަށް އޭނާ ވިދާޅުވި

30 މެއި 2018 | 11:17

ފުލުހުންގެ ޕްރެސް ކޮންފަރެންސް

ކޯޓު އަމުރާއި އެއްގޮތަށް ފުލުހުން ޕްރައިމަރީ ހުއްޓުވާނަން. ކޯޓު އަމުރު ތަންފީޒުކުރުމަށް ހުރަސް އަޅާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނަން. ޕްރައިމަރީގެ މައްސަލަ ފުލުހުން ބަލާނަން: ފުލުހުންގެ މީޑިއާ އޮފިޝަލް ޝިފާން

30 މެއި 2018 | 10:43

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ފުލުހުން ގޮސްފި

30 މެއި 2018 | 10:39

ރާއްޖެޓީވީއަށް ފުލުހުން އައިސް، ރައީސް ނަޝީދުގެ ކޮންޓެންޓް ނުދައްކަން އަންގައިފި

ރާއްޖެޓީވީ ހިންގާ އިމާރާތަށް މެންދުރުފަހު 3:00 ހާއިރު އާދައިގެ ހެދުމުގައި ތިބި 3 ފުލުހުން އައިސް، ރައީސް ނަޝީދުގެ ކޮންޓެންޓް ނުދެއްކުމަށް އެންގި. އެއީ ކޮން ޤާނޫނަކުން ބާރުލިބިގެން އެންގި އެންގުމެއްތޯ އެހުމުން ފުލުހުން ބުނީ ޕެރޯލްގެ ޤާނޫނުގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ޤާނޫނުގެ ކޮން މާއްދާއަކާ ހަވާލާދެއްވަނީތޯ އެހުމުން ފުލުހުންނަށް އެސުވާލަށް ޖަވާބު ދެވިފައެއް ނުވެ

30 މެއި 2018 | 10:27

ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ފުލުހުން

ފުލުހުން ވެސް ވަނީ އެފަދަ އަމުރެއް ލިބިފައިވާ ކަމަށާއި އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި.

30 މެއި 2018 | 10:26

އެމްޑީޕީގެ ޕްރައިމަރީ ހުއްޓާލުމަށް ސިވިލްކޯޓުން އަމުރު ކޮށްފި

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި, ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއްކަމަށާއި އެމަނިކުފާނު ބައިވެރިކޮށްގެން އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ މަނާކަމެއްކަމަށް ސިވިލްކޯޓުގެ ވަގުތީ އަމުރުގައި ވަނީ ބުނެފައި

30 މެއި 2018 | 09:39

މިރެއަށް ލަސްނުކޮށް އަވަހަށް ވޯޓުލުމަށް ވަޑައިގަތުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ގޮވާލައްވައފި

މިރެއަށް ލަސްނުކޮށް އަވަހަށް ވޯޓުލުމަށް ވަޑައިގަތުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ގޮވާލައްވައފި. މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިރެއަށް ލަސްނުކޮށް ޖަޒީރާ ރައީސަށް ވޯޓު ލުމަށް އަވަހަށް ވަޑައިގަތުމަށް. ކްނ ހިނގަމުންދަނީ ރަނގަޅަށް ކަމަށާއި ކަން އޮތީވެސް ރަނގަޅަށް ކަމަށް މުސްތަފާ ވިދާޅުވި

30 މެއި 2018 | 09:35

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓުލުން ކުރިއަށްދޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް އެބަދޭ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ޔަސްރިފް ޕްރައިމަރީގައި ވޯޓުލައްވަނީ

30 މެއި 2018 | 09:33

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވޯޓުލައްވައިފި

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއާއި، އެޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފްގެ އިތުރުން ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރައްވާ ގިނަ މެމްބަރުން ވޯޓު ލައްވައިފި.

30 މެއި 2018 | 09:29

ތިނަދޫގައިވެސް ފޯރީގައި ވޯޓުލުން ކުރިއަށްދަނީ

ގދ. ތިނަދޫގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ދަނީ ކުރިއަށް.

30 މެއި 2018 | 09:22

ވޯޓު ދީގެން ކުށްވެރިއެއް ނުވާނެ: ޖާބިރު

ވޯޓުދީގެން ނުވަތަ ބަސް ބުނެގެން ކުށްވެރިނުވާނެކަމަށް ވިދާޅުވެ، އެންމެ ކައިރީގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާ، ވޯޓު ފޮށިތައް ފުރާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ރައީސް ނަޝީދުގެ އެޑްވައިޒަރ އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ކޮޅުނބުގައި ހުރި ވޯޓު ފޮއްޓަލަށް ވޯޓުލެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޖާބިރު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ދިނުމަށް 'ޖަޒީރާ ރައީސް'އަށް އެމްޑީޕީ ޕްރައިމަރީގައި ވޯޓު ދެއްވައިފިކަމަށެވެ.

30 މެއި 2018 | 09:16

ލަންކާގައިވެސް ވޯޓުލުން ފެށިއްޖެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ލަންކާގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށްވެސް ވޯޓުލުން ކުރިއަށްދޭ.

30 މެއި 2018 | 09:07

ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލާން ވަނީ ކިއު ހަދާފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، ޕްރައިމަރީގައި ވޯޓުލުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ 2 ޖެހިއިރު ކިއު ހަދާފައި.

ޕްރައިމަރީގައި ވޯޓުލާން ގޮސްތިބި މާފަންނުގެ ބައެއް އެމްޑީޕީ މެމްބަރުން ޕްރައިމަރީގައި ވޯޓުލާން ގޮސްތިބި މާފަންނުގެ ބައެއް އެމްޑީޕީ މެމްބަރުން

30 މެއި 2018 | 09:02

ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިކޮށްގެންނުވާނެކަމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށް އެމަނިކުފާނު ވާދަކުރައްވާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 2:00 ޖެހުމާއިއެކު ފެށިއްޖެއެވެ.

Caption

30 މެއި 2018 | 08:37

ޕްރައިމަރީގެ ވޯޓު ލުމަށް ތިނަދޫ ތައްޔާރު ވެއްޖެ

30 މެއި 2018 | 08:33

ސުލްހަވެރިކަމާއިއެކު ވޯޓު ފޮށި ދޮށުގައި ތިއްބަވާ

ހުރިހާ ބޭފުޅުންވެސް ވޯޓުލުމަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ސުލްހަވެރިކަމާއިއެކު ވޯޓު ފޮށި ދޮށުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

30 މެއި 2018 | 08:29

އެމްޑީޕީ ޕްރައިމަރީ ހުއްޓުވައިދޭން އީސީން ފުލުހުންގެ ކިބައިން ވަނީ އެދިފައި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ލުން ހުއްޓުވުމަށް އީސީން ފުލުހުންނަށް އަންގާފައިވަނީ މީގެ ކުރިން އިލެކްޝަންސް ކަމިޝަނުން ސިޔާސީ ޕާޓީ ތަކަށް ފޮނުވައިފައިވާ ސިޓީ އަށް ރިއާޔަތްކޮށް ކަމަށް. އިލެކްޝަންސް ކަމިޝަނުން ފުލުހުނަށް އިންތިޚާބު ހުއްޓުވުމަށް މިއެދުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތުދީގެން ޕްރައިމަރީ ބާއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު

އިލެކްޝަންސް ކަމިޝަނުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައި.އަދި ޕްރައިމަރީ ބާއްވައިފިނަމަ އެމްޑީޕީ އުވާލާނެ ކަމަށްބުނެ ވެސް އީސީން ވަނީ އެމްޑީޕީއަށް އިންޒާރު ދީފައި.ޕްރައިމަރީ ހުއްޓުވައިދޭން އެދި އީސީން، ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނަޝީދަށް ފުރުސަތުދީގެން އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް.

30 މެއި 2018 | 08:21

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ފޮށިތައް ބެހެއްޓިފައި ހުރި ތަންތަން

މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލާން ހަމަޖެހިފައިވާ ތަންތަނަށް ބަލާއިރު:

  • އެމްޑީޕީގެ ހެންވޭރު ދާއިރާތަކުގެ މެމްބަރުން ވޯޓުލާން ދާން ޖެހޭނީ ހ. މާދިލްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް.
  • ގަލޮޅު ދާއިރާތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުން ކ. ކަކާގެއާގެ 1 ގައި
  • މައްޗަންގޮޅީގެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކޮށީގެ ގޯޅީގައި ހުންނަ މއ. މާވޭލެވަރުގައެވެ.
  • މާފަންނު މެދު އަދި މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ދާން ޖެހެނީ ޖަޒުބާތު ޖަގަހައަށް
  • މާފަންނު އުތުރާއި ހުޅަނގު ދާއިރާގެ މެމްބަރުން ދާން ޖެހެނީ ފަރީދީމަގުގައި ހުންނަ އާކް-އެކްސް ކެފޭއަށް.
  • ވިލިމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ޖެހޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ އެމްޑީޕީ ހަރުގޭގައި
  • ހުޅުމާލޭގައި ރަޖިސްޓްރީ ވެފައިވާ އެމްޑީޕީ މެމްބަރުން ވޯޓުލާން ޖެހެނީ ވޯޓަރ ސްޕޯޓްސް ވަސިންޓެބީޗް ގައި ހުންނަ ވޯޓު ފޮއްޓަށް
  • ލަންކާގެ ވެރިރަށް ކޮޅުނބުގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުން ވޯޓުލުމަށް ދެ ވޯޓު ފޮއްޓެއް ބަހައްޓާނެ. އެގޮތުން ނުގޭގޮޑައިގައި އެއް ވޯޓު ފޮށި،
  • ލަންކާގެ ދެހިވަލައިގައި
  • ލަންކާގެ ކެންޑީގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލުމަށް ކެންޑީގައި ވޯޓު ފޮއްޓެއް ހުންނާނެއެވެ.
  • އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓު ފޮއްޓެއް
  • އިންޑިއާގެ ބެންގަލޫރުގައި
  • މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕުރުގައި
  • އިނގިރޭސިވިލާތުގެ ލަންޑަނުގައި