ސިލްސިލާ މުޒާހަރާ: 37 ވަނަ ދުވަސް
މިއަދަކީ މުޒާހަރާގެ 37 ވަނަ ދުވަސް. އަޑުއުފުލަމުންދަނީ ފެބްރުއަރީ 1ގެ އަމުރު ތަންފީޒު ކުރުމަށް. ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް

އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިއަށްދާ މުޒާހަރާ
ލާމު ލިންކުގެ މުޒާހަރާއަށް ސިފައިން އަދިވެސް ހުރަސް އަޅައިގެން
ލާމު ލިންކުގައި ކުރިއަށްދާ މުޒާހަރާއަށް ސިފައިން ތިބީ ހުރަސް އަޅައިގެން. ޝިލްޑުތަކާއި މުގުރު ހިފައިގެން ތިބި ސިފައިންގެ ކުރިމަތީގައި ތިބެގެން މުޒާހަރާގެ ބައިވެރިން އަދިވެސް ދަނީ އަޑު އުފުލަމުން.
ލާލު ލިންކު މުޒާހަރާއަށް ސިފައިން ހުރަސް އަޅައިގެން -- ފޮޓޯ/ރާއްޖެއެމްވީ
އައްޑޫގައި ވެސް މުޒާހަރާ ކުރިއަށް
އައްޑޫ ސިޓީ ހުޅުމީދޫގައި ވެސް މުޒާހަރާ ކުރިއަށް އެބަ ގެންދޭ. އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އުފަން ރަށުގައި ކުރިއަށްދާ އެ އެއްވުމުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ދަނީ ގޮވާލަމުން.
ހުޅުމީދޫގައި ކުރިއަށްދާ އެއްވުން
ހަރުގެ ކައިރިއަށް އެއްވި މީހުންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައިފި
ހަރުގެ ކައިރިއަށް އެއްވެފައިވާ މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި. ޕެޕާ ސްޕްރޭ ޖެހުމުން، ބައެއް މަޖިލިސް މެމްބަރުންނަށާއި ނޫސްވެރިންނަށް އޭގެ އަސަރުކުރި. ހަރުގެ ކައިރިއަށް އެއްވާ މީހުން ދަނީ ގިނަވަމުން.
ލިންކު ރޯޑު އެއްވުން ހުއްޓުވަން މުގުރާއި ޝިލްޑު ހިފައިގެން ސިފައިން ނުކުމެއްޖެ
ލާމު ލިންކުރޯޑުގައި ކުރިއަށް ދިޔަ ވެހިކަލް ބުރު ސިފައިން ހުއްޓުވުމުން، ވެހިކަލްތަކުގައި ތިބި މީހުން ފޭބުމަށްފަހު ހުރަސް އަޅައިގެން ތިބި ސިފައިންނަށް ބަހުގެ ހަމަލާތަކެއް ދޭން ފަށައިފި.
އެއްވުން ހުއްޓުވަން ސިފައިން
ލާމު ލިންކުގައި ކުރިއަށްދިޔަ ވެހިކަލް ބުރު ހުއްޓުވައިފި
ލާމު ލިންކު ރޯޑުގައި ވެސް ގުޅިފައިވާ ޕާޓީތަކުން ވެހިކަލް ބުރެއް ކުރިއަށް އެބަ ގެންދޭ. ނަމަވެސް އެ ވެހިކަލް ބުރު ވަނީ ބުއްޓުވާފައި. ވެހިކަލް ބުރު ހުއްޓުވީ ސިފައިން. އެއްވުން ހުއްޓުވާފައި ވަނީ ލ. ގަމުން، ފުނަދުއަށް ދާން އުޅެނިކޮށް.
ހަރުގެ ކައިރިއަށް ޖަމާވާ މީހުން ދަނީ އިތުރުވެއްޖެ
ހަރުގެ ކައިރިއަށް ޖަމާވެފައިވާ މީހުންގެ އަދަދު އިތުރު. އަމަން ބެލެހެއްޓުމަށްޓަކާ އެހާ ގިނަ ފުލުހުންނެއް ނެތް. މުޒާހަރާ ބައިވެރިން ދުރަށް ޖެއްސުމުގައި އެސްއޯ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން އެބަތިބި.
އެމްޑީޕީ ހަރުގެ އާއި އާޓްފިޝަލް ބީޗު ސަރަހައްދަށް ޖަމާވެފައިވާ މީހުން-- ފޮޓޯ/ރާއްޖެއެމްވީ
ފަނޑިޔާރުން ވެސް ނުކުންނަންޖެހޭ.: މުހައްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް މުޒާހަރާއާ ގުޅޭ ގޮތުން "ރާއްޖެޓީވީ"ގެ ލައިވް ކަވަރޭޖަށް އިންޓަވިއު ދެއްވަނީ. އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ފަނޑިޔާރުން ވެސް ނުކުންނަންޖެހޭ ކަމަށް.
އަނިޔާއެއް ނުވާނެކަން ޔަގީންކަން ހޯދަން އެބަޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ފަނޑިޔާރުންނަށް ގޮވާލަން ނުކުންނަވަން. ރައްޔިތުންގެ ހިމާޔަތަށްޓަކާ ނުކުންނަން އެބަޖެހޭ. ވަރިހަމަކޮށްލެވޭކަށް ނެތް. ދުވާލެއްގެ މައްޗަށް ކިތައް މީހުންތޯ ޖަލަށްލަނީ. ކާކަށްތޯ ޖަގީންކަން އޮތީ. ކާކަށްތޯ ސަލާމަތެއް އޮތީ.
ތިނަދޫގައި ވެސް މުޒާހަރާ ކުރިއަށް
ގދ. ތިނަދޫގައި ސަރުކާރާ ދެކޮޅަށް ދަނީ އަޑުއުފުލަމުން. ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި އަޑު އުފުލަމުންދަނީ ތިނަދޫގެ ތަންފީޒީ ޖަގަހަ ކުރިމަތީގައި. އެއްވެފައިވާ މީހުން އެމްޑީޕީގެ ދިދަ ހިފައިގެން ތިބިއިރު، ބައެއް މީހުން ދަނީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލަމުން
އެމްޑީޕީ ހަރުގެ ކައިރިއަށް ޖަމާވެ، ދަނީ އަޑުއުފުލަމުން
ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން، އެމްޑީޕީ ހަރުގެ ކައިރިއަށް ޖަމާވެ، ދަނީ އަޑު އުފުލަމުން. ގިނަ ބަޔަކު މަގުމަތީގައި ވެސް އެބަތިބި. އަމަން ބެލެހެއްޓުމަށް ކޮންމެވެސް ވަރަކަށް ފުލުހުން ވެސް އެބަތިބި.