ސިލްސިލާ މުޒާހަރާ: 23 ވަނަ ދުވަސް
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް. މިއަދަކީ ސިލްސިލާ މުޒާހަރާގެ 23 ވަނަ ދުވަސް.

އެމްޑީޕީ ހަރުގެ ކުރިމަތީގައި އެއްވެފައިވާ މީހުން މަގު މައްޗަށް ނުކުތަ ނުދޭން ފުލުހުން ތައްޔާރުގައި---
މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަހައްދުތަކަށް ބެހިފައި
މާލޭގެ އެކި ދިމަދިމާލަށް މީހުން ވަނީ ބެހިފައި. އެގޮތުން ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާއި ކުނޫޒު ކައިރީގައި ވެސް ކޮންމެ ވެސް ވަރަކަށް މުޒާހަރާގެ ބައިވެރިން އެބަތިބި. މުޒާހަރާގެ ފޯރި ވަނީ މަޑުވެފައި. ބެލެވޭ ގޮތުގައި މިރޭގެ އެއްވުން ނިންމާލީ. މުޒާހަރާ ލީޑުކުރަން ތިބި ޕާޓީގެ މަޖިލިސް މެމްބަރުން ވެސް މިވަގުތު މަގުމަތިން ފެންނާކަށް ނެތް.
މުޒާހަރާގެ ބައިވެރިންގެ މިސްރާބު މަޖީދީމަގާއި ޗާންދަނީމަގު ކަންމައްޗަށް
މުޒާހަރާގެ ބައިވެރިން މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވުމަށް ނައްޓާލައިފި
ބާރަ ޖެހުމާއެކު އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓާލައިފި
ގަޑިން ބާރަ ޖެހިއިރު ވެސް މުޒާހަރާގެ ބައިވެރިން ހަރުގެ ސަރަހައްދުގައި އެބަތިބި. މުޒާހަރާ ލީޑު ކުރެއްވުމަށް، ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން އެބަތިއްބެވި. މުޒާހަރާގެ ބައިވެރިން އަޑުފުލުމަކަށް ބަދަލެއް ނާދޭ. ފުލުހުން މެދުވެރިކޮށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމުރުތަކާ ގުޅިގެން އެމަނިފާނު ހައްޔަރު ކުރުމަށް ވެސް ދަނީ އަޑު އުފުލަމުން.
ހަރުގެ ސަރަހައްދުގެ އަޑުގަދަ ކުރާ ބޭނުންކޮށްގެން، އަޑު އުފުލުން ވަނީ ހުއްޓާލާފައި.
މުޒާހަރާގެ ބައިވެރިން އާޓްފިޝަލް ބީޗު ސަރަހައްދުގައި
ފުލުހުންނަކީ މަދަނީ ބައެއް، އަމަލު އެ ކުރަނީ ގާނޫނާ ހިލާފަށް: މުސްތަފާ
ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި މަދަނީ ބައެއް ކަމަށާއި އެއްވުންތައް ރޫޅާލުމަށް އަމަލު އެ ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ ޔުނީފޯމު އެޅި މުވައްޒަފުން އަމަލު ކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން ފުލުހުންގެ ގާނޫނުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށް. އޭނާ ވިދާޅުވީ ފުލުހުންގެ ގާނޫނޫގައި ބުނާ ގޮތާ ހިލާފަށް ފުލުހުންނަށް ވަކި ހާލަތެއްގައި ބޭނުންކުރަން ލިބޭ ބާރެއް، ހާލަތާ ނުބައްދަލު ވަގުތުތަކުގައި ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، ގެއްލުންވަމުންދާ ކަމަށް.
ފުލުހުންގެ އިންޒާރު: މުޒާހަރާ ޣައިރު ގާނޫނީ، ބައިވެރިވެގެން ނުވާނެ
މަޖީދީމަގުގައި އިރުމަތީ ފަރާތުގައި ބާއްވާފައި އޮތް ފުލުހުންގެ ވެހިކަލުން އަޑުގަދަ ކުރާ ބޭނުންކޮށްގެން، އެއްވުމަކީ ޣައިރު ގާނުނީ އެއްވުމެއް ކަމަށް ބުނެފި. އަދި އެއްވުމުގައި ބައިވެރިނުވުމަށާއި އެއްވުން ރޫޅާލުމުގައި ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށް ވެސް ފުލުހުން ވަނި އިންޒާރު ދީފައި.
އެއްވުމުގެ ބައިވެރިން ހަރުގެ ސަރަހައްދުން ދުރަށް ޖައްސަނީ
ރަޔަޓް ފުލުހުން ނުކުމެ، އެއްވެފައިވާ މީހުން ހަރުގެ ސަރަހައްދުން ދުރަށް ޖައްސަން ފަށައިފި. ގިނަ އަދަދެއްގެ ބަޔަކު ވަނީ ހަރުގެ ސަރަހައްދަށް ޖަމާވެފައި. ދުރަށް ޖެއްސުމުން އެއް ބަޔަކު ދަނީ އާޓްފިޝަލް ބީޗު ސަރަހައްދަށް.
އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ ޑރ. ޑީޑީ.
މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމުގައި ރަޔަޓް ފުލުހުން-- ފޮޓޯ/ ހުސައިން ފަޒީން
ހައްޔަރުން ދޫކޮށްލި އަބުޅޯ އެއްވުމާ ގުޅިއްޖެ
މިއަދު ހަވީރު ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މުޒާހަރާއާ ގުޅިއްޖެ.
ރައީސް ހައްޔަރު ކުރަން އަމުރު ކުރިނަމަ، އަމުރު ތަންފީޒުވާނެ: އަލީ ހުސައިން
ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރުގައި މަދުވަނީ ދެ ފޮޅުވަތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ.
އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް، ވާހަކަ ދައްކަމުން އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި މަދުވާ ދެ ފޮޅުވަތަކީ ރައީސް ޔާމީން ހައްޔަރު ކުރުމަށާއި ދިވެހިންނަށް އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ބަޔާން ކުރަންޖެހޭ ދެ ފޮޅުވަތް ކަމަށް.
އެ ދެ ފޮޅުވަތް ސުޕްރީމް ކޯޓުގެ އަމުރުގައި އޮތް ނަމަ އަމުރު ތަންފީޒުވި ކަމަށް އަލީ ހުސައިން ވިދާޅުވި.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރަންޖެހޭ ނުވަ ބޭފުޅުންނަކީ ފަހުރުވެރިވާ ނުވަ ލީޑަރުން ކަމަށް. އެ ބޭފުޅުން ހައްޔަރުކޮށްފައި ތިބީ "ވަރަށް އަނިޔާވެރި"ކޮށް ކަމަށް އަލީ ހުސައިން ވިދާޅުވި.
އޭނާ ވިދާޅުވީ އަނިޔާވެރި ގޮތަކަށް އެ ލީޑަރުން ހައްޔަރުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަމުރުފުޅަށް ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރަންޖެހެނީ އެ ބޭނުމަށްޓަކާ ކަމަށް.
އަޑުގަދަ ކުރާ ބޭނުން ކޮށްގެން އަޑު އުފުލަން ފަށައިފި
އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް، އެމްޑީޕީ ހަރުގޭގެ އަޑުގަދަ ކުރާއިން ވާހަކަ ދައްކަން ފަށައިފި. ލަވަ ޖެހުން ހުއްޓާލައި އެއްވުމުގެ ބައިވެރިންނަށް ޖޯޝު ގެނުވާފަދަ ވާހަކަތަކެއް ދަނީ ދައްކަމުން.
ހަރުގެ ސަރަހައްދަށް މީހުން ޖަމާވެފައި---ފޮޓޯ/ ހުސައިން ފަޒީން
މެމްބަރުން ގަނެލުމަށް 1 މިލިއަން ޑޮލަރު ހުށަހަޅާފައިވޭ: މެމްބަރު ނިޒާރު
ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ގަނެލުމަށް ސަރުކާރުން އެއް މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ތުހުމަތު ކުރައްވައިފި.
އޭނާ އެގޮތަށް ތުހުމަތުކޮށް ވާހަކަފުޅު ދައްކަވާފައި ވަނީ ރާއްޖެޓީވީން ކުރިއަށް ގެންދާ ލައިވް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން.
ފޯރިގަދަ ލަވަތަކާއެކު، މުޒާހަރާގެ އަޑު ގަދަވެފައި
އެއްވުން ވަނީ ފޯރިގަދަވެފައި. އަޑުގަދަ ކުރާއިން ވަނީ ލަވަ ޖަހާފައި. ލަވަޔާ އެއްވަރަށް އަތްތިލަބަޑި ޖަހަމުން، އެއްބަޔަކު ދަނީ ނަށަމުން. ބައެއް މީހުން ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން.
އެމްޑީޕީ ހަރުގެ ކައިރިއަށް ޖަމާވެފައިވާ މީހުން-- ފޮޓޯ/ ރާއްޖެއެމްވީ
މަގުމައްޗަށް ނުކުތުން ހުއްޓުވަން، ފުލުހުން ނުކުމެއްޖެ
ހަރުގެ ސަރަހައްދަށް ޖަމާވެފައިވާ މީހުން މަގުމައްޗަށް ނުކުތުން ހުއްޓުވުމަށްޓަކާ ފުލުހުން އެ ސަރަހައްދަށް ޖަމާވެއްޖެ. ހަރުގެ ކައިރިއަށް ޖަމާވެފައިވާ މީހުން ވަގުތު ތިބީ މޭވްމަންޓުމަތީގައި. ޕޭވްމަންޓުމަތީގައި ތިބި އާންމުންގެ ހުރަސް އަޅައިގެން ސަފަހަރަށް ފުލުހުން އެތުރިގެން އެބަތިބި.
މެމްބަރު އަމީތާއި މެމްބަރު އަބުޅޯ ދޫކޮށްލައިފި
މުޒާހަރާގެ ތެރެއިން މިއަދު ހައްޔަރު ކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ދާދި ދެންމެއަކު ދޫކޮށްލައިފި.
އެ ބޭފުޅުންނާއެކު ދޫކޮށްލި މީހުންގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ އެކްޓިވިސްޓު ސްޓެޕް އައްޔަ ވެސް ވަނީ ބަންދުން ވީއްލާފައި.
އަމީތާއި އަބްދުﷲ މިއަދު ހައްޔަރުކުރި އިރު ރޭގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް ވަނީ ހައްޔަރުކޮށްފައި.
ހަރުގެ ސަރަހައްދަށް މީހުން ދަނީ ޖަމާވަމުން
އެހެން ރޭތަކެކޭ އެއްގޮތަށް މިރޭ ވެސް ހަރުގެ ސަރަހައްދަށް މީހުން ދަނީ ޖަމާވަމުން. އަމަން ބެލެހެއްޓުމަށްޓަކައި ހަރުގެ ސަރަހައްދާ ގުޅިފައިވާ މަގުތަކުގައި ފުލުހުން ދަނީ ފޯރިމަރަމުން.
ސިލްސިލާ މުޒާހަރާތަކުގެ 23 ވަނަ ދުވަސް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން ހައްޔަރު ކުރި ބައެއް މެމްބަރުން
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގުޅިފައިވާ ޕާޓީތަކުން މާލޭގައި ފެށި ސިލްސިލާ މުޒާހަރާތައް މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައި. އަތޮޅު ތެރޭގައި އެއްވުންތައް ކުރިއަށް ދަނީ ހުކުރު ދުވަހަށް ހާއްސަކޮށްގެން. އެގޮތުން މިއަދުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވުން ކުރިއަށް ގެންގޮސްފައި. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެއުޅުމުގެ މިނިވަންކަން ހިފަހައްޓާފައި ވިޔަސް، ރައްޔިތުން ދަނީ ސަރުކާރުން އަމަލު ކުރަމުންދާ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލަމުން.