Raajje.mv

މަޖިލިސް ޖަލްސާ ވަގުތުން: މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ

09 އޮކްޓޯބަރު 2017
7795
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރެ

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރެ

09 އޮކްޓޯބަރު 2017 | 04:04

ވޯޓަށް އެހުމަށްފަހު، ޖަލްސާވެސް ނިންމާލައްވައިފި

އާއްމު ކޮމެޓީގެ ރިޕޯޓް ފާސް ކުރުމަށް ފެންނަ ކަމަށް 28 ވޯޓް. ނުފެންނަ ކަމަށް އެއްވެސް މެމްބަރެއް ވޯޓެއް ނުދެއްވާ. ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ އެއް ވެސް މެމްބަރަކު ނެތް.

އިދިކޮޅު މެމްބަރުން ވޯޓުގައި ބައިވެރިނުވަނީ މަޖިލީހުގެ ރިޔާސަތުގައި މަސީހުން އިންނަވާތީ. އަދި އިދިކޮޅު މެމްބަރުން ވިދާޅުވަނީ މި ހިނގަނީ މަޖިލީހެއް ނޫން ކަމަށް.

ވޯޓްގެ ނަތީޖާ އިއުލާން ކުރެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައި.

09 އޮކްޓޯބަރު 2017 | 04:00

މަޖިލީހުގެ ނިޒާމު ގެއްލިފައިވަނިކޮށް ވޯޓަށް އަހައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް، އަދި މަޖިލީހުގެ ނިޒާމް ގެއްލިފައިވަނިކޮށް، މަޖިލީހުގެ ގަވާއިދަށް ހުށހަޅާފައިވާ އިސްލާހަށް އާއްމު ކޮމެޓީން ނިންމާފައިވާ ރިޕޯޓް އިއްވުމަށްފަހު، މިވަނީ ވޯޓަށް އަހާފަ.

09 އޮކްޓޯބަރު 2017 | 03:55

ޖަލްސާ ފެށުން

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ޖަލްސާ ފެށުމަށް ރިޔާސަތު މޭޒުކޮޅަށް ވަޑައިގަންނަވާފަ. ނަމަވެސް ޖަލްސާ ފެއްޓެވިކަން ސާފެއް ނުވޭ. އިދިކޮޅު ފަރާތްތަކުން ދަނީ ޗެމްބަރުގެ ތެރޭގައި އިހުތިޖާޖުކޮށް އަޑު ގަދަ ކުރަމުން. މަސީހު ރިޔާސީ މޭޒުކޮޅުން ފައިބާ ވަޑައިގެންނެވުމަށް އިދިކޮޅު މެމްބަރުން ދަނީ ގޮވާލައްވަމުން.

09 އޮކްޓޯބަރު 2017 | 03:50

މަޖިލިސް ޖަލްސާ ވަގުތުން: މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ

ރައްޔިތުންގެ މަޖިލީހުން މިއަދު ބާއްވާ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފެށުމަށް ނިންމި ނަމަވެސް ޖަލްސާގައި މާބޮޑުކަމެއް އެޖެންޑާ ކޮށްފައެއް ނުވެ.

ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިސްލާހު ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓްގެ މައްސަލަ އެކަނި

މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާއަކީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގާނޫނު ހަދާ މަޖިލިސްތަކާއި ގުޅުން ގާއިމު ކުރުމާ ގުޅޭ މާއްދާއެއް.

އެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު، އަދި މެމްބަރުން ބަހުސް ކުރުމަށް ފުރުސަތު ދެއްވުމަށް ފަހު، އެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި ފަށަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ ތާރީހަށް ވުރެ ލަހުން.

މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް. އެގޮތުން ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، އޮކްޓޯބަރު މަސް ފެށި، ވިދިގެން އަންނަ ފުރަތަމަ ހޯމަ ދުވަހު ޖަލްސާ ބާއްވަން ޖެހޭ.

އެގޮތުން އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަސް ދިމާވެފައި ވަނީ ހޯމަ ދުވަހަކަށް. އެހެންވުމުން މަޖިލީހުގެ އާއްމު އުސޫލުން ޖަލްސާތައް ބާއްވަން ޖެހޭ. ނަމަވެސް އެދުވަހު ޖަލްސާއެއް ބާއްވާފައެއް ނުވޭ.

އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މިހާރު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އަދަދު އިތުރު ކުރުމަށް ވަނީ ނިންމާފަ.

އެނގިފައިވާ ގޮތުން އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ނަމުގައި އިތުރު 45 ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވާނެ.

އާއްމުކޮށް މަޖިލީހުގެ ސެކިއުރިޓީގެ ގޮތުގައި ތިބެނީ 8 ވަރަކަށް ސިފައިން. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ ސިފައިން ބޭނުން ކުރަމުން ދޭ. އަދި ޖަލްސާކުރާ މާލަމުގައި ވެސް ގިނަ އަދަދެއްގެ ސިފައިން ވަނީ ހަރަކާތްތެރިވެފަ.

ހޯމަ ދުވަހު މަޖިލީހުގެ މިހާރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވާ ރިޔާސަތުގެ ގޮނޑިކޮޅާއި މޭޒުކޮޅު ބެހެއްޓުމަށްޓަކައި އުސްކޮށް ސްޓޭޖެއް ވަނީ ހަދާފަ. އެ ސްޓޭޖް ހެދުމުގެ މަސައްކަތް ސިފައިން މަޖިލީހުގެ އިދާރާގައި ކުރަމުންދަނިކޮށް ރާއްޖެޓީވީގެ ނޫސްވެރިންނަށް ވަނި ފެނިފަ.

ސްޓޭޖް ހެދުމަށްފަހު، ރިޔާސަތުގެ ގޮނޑިކޮޅު ބަހައްޓަނީ ކިހާ އުސްމިނެއްގަކަމެއް އަދި ސާފެއް ނުވޭ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މަޖިލީހުގެ ރިއާސަތުގެ މޭޒު ބަހައްޓަނީ 05 ފޫޓެއްހާ އުހުގަ.

މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފެށުމަށް ނިންމިއިރު، އެ ޖަލްސާ މަޖިލީހުގެ ގަވާއިދާއި އާއްމު އުސޫލުން ބާއްވަން ޖެހެނީ މިމަހުގެ 2 ވީ ހޯމަ ދުވަހު.

މަޖިލީހުގެ ފަހު ދައުރުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮންނާނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއި ބަޖެޓާ މެދު މަޝްވަރާކޮށް ބަހުސް ކުރުމަށް ފަހު ބަޖެޓް ފާސްކުރުން.