ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ: މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުން

މަޖިލީހުގެ ޖަލްސާ ކުރާ މާލަން
ވޯޓް ނެގުން
މަޖލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އެ އިސްލާހު ފާސްކޮށްފައި ވަނީ 46 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ވޯޓާއެކު ވަނީ ނިންމާލާފަ.
މައްޗަންގޮޅި އުތުރު ދާއިޜާގެ މެމްބަރު މާރިއާ އަހުމަދުދީދީ
މިއިސްލާހަށް އެއްގޮަތަކަށްވެސް ތާއީދެއް ނުކުރަން. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ އޮތަސް ޖަލްސާތައް ކުރިއަށް ގެންދެވޭ. މިއަދުވެސް ހަމަ އެގޮތަށް ތިޔަ ކުރިއަށް ގެންދަވަނީ. މަޖިލިސް ކުރިއަށް ނުގެންދެވެނިއްޔޭ ތިކިޔަނީ އޮޅޫވާލަން.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ
އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، މަޖިލީހުގެ ރައީސަކީ މަސީހު ކަމަށް ގަބޫލުކުރައްވާ މަޖިލީހަށް ވަޑައިގެންނެވީތީ. މިއުޅެނީ ވަކިބަޔަކު ބޭނުންވާގޮތަށް ކަންކަން ނުކުރައްވާތީ ކަންތައް ބޮޑުވެގެން. އެހެނެއް އެކަމެއް ނުވާނެ.
ރައީސް ޔާމީން ގެންދަވަނީ ތަރައްގީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވަމުން. އެކަން ފެންނާނެ ރާއްޖޭގެ ކޮންމެ ރަށަކުންވެސް.
ހެންވޭރު މެދުދާއިރާގެ މެމްބަރު އަލީ އާޒިމް
މި އިސްލާހަށް އެއްގޮތަކަށް ތާއީދެއް ނުކުރަން. މިމަޖިލީހުގެ މެމްބަރުން ޒިންމާއެއް ނުނަގާ. ރައްޔިތުން ތިބީ ކާނެބޯނެ އެއްޗެއް ނުލިބިގެން، ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލެއްގައި. އެކަމަކު ސަރުކާރުން އިސްވެރިން އެދަނީ ކަމުން، ރައްޔިތުންނަށް އަލާއެއް ނުލާ.
ގާނޫނުއަސާސީގައި ލިޔަން ފެނޭ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރަނީ ރަޢިސުލްޖުމްހޫރިއްޔާއޭ.
ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު
އިދިކޮޅު ސިޔާސީ ލީޑަރުންނާއި އިދިކޮޅު ދެ މެމްބަރަކު ޖަލަށްލައިގެންތިބެ، ވެރިކަން ކުރާއިރުވެސް ތިޔައުޅުއްވަނީ ރަނގަޅު ވެރިކަމެއް ނުކުރެވި، ނޭވާހޮޅިއަށް އެޅިގެން. ސިޔާސީ ޕާޓީއެއްގެ ޕްލެޓް ފޯމެއްނެތް މެމްބަރުން ކިތައްމެ ވާހަކައެެއް ދެއްކިޔަސް، އަޅުގަނޑޫމެން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެހެނިހެން ސިޔާސީ ލީޑަރުންވެސް މިދަނީ މިގައުމު ބަދަލުކުރަން. އިރާދަ ކުރެއްވިއްޔާ ކުރާނަން.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހު އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭ. މިއީ ސިނކުޑި ހަމަނުޖެހޭ މީހުންކުރާޒާތުގެ ކަންކަން. ރާއްޖޭގެ އޮތީ ޑިމޮކްރެސީބުނާއިރު، ހުރިހާ ސިޔާސީ ލީޑަރުން ޖަލުގަ. މިއީތޯ ތިޔަވިދާޅުވާ ޑިމިކްރެސީއަކީ. ރާއްޖެހަމަ މަގަށް އެޅުވުމަށް މަޖިލީހުގެ ޒިންމާ ވަރަށް ބޮޑު. އެކަމަކު މަޖިލީހުން އެކަމެއް ނުފެނޭ. މަޖިލީހުގެ މެމްބަރުންނަށް ކަންކަން ނޭނގޭނީކީވެސް ނޫން. ސަރުކާރަށް ނިސްބަތްވާ މެމްބަރު މުޅިންވެސް ތިޔައުޅުއްވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ޝުކުރު ދެއްނެވުމުގައާއި އެ ދެ ބޭފުޅުން ބޭނުންވާ ކަންކަން ކޮށްދިނުމުގަ.
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދިދީ
މި އިސްލާހަށް ވަރަށް ބޮޑަށް ތާއީދު ކުރަން. ދެއިރުދެދަޅައަށް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިގެން ނުވާނެ. މަޖިލިސް ހިނގަންޖެހޭ.
ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާމަނިކު
އަލުގަނޑަށް ފެންނަނީ މަޖިލީހުގެ ރައީސަކީ ފާރިސް މައުމޫން ހަމަޖައްސާ، ނައިބު ރައީސް ކަމަށް އަބްދުﷲ ރިޔާޒު ހަމަޖެއްސުން. އަދި ރާއްޖޭގެ ރައީސުންގެ ގޮތުގައި ކުރީގެ މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހަމަޖައްސަންވީ.
މަޖިލީހުގެ ގަވާއިދުވެސް ގާނޫނުއަސާސީވެސް ބަދަލު ކުރަންވީ
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު
މިމައްސަލައަށް އެއްވެސް ހާލަތެއްގައި ތާއީދު ކުރެވޭކަށްނެތް. އިންސާނުންނަށް ބުއްދިދީފައިވަނީ ކަމަކު، އެބުއްދީގެ ބޭނުން ހެޔޮގޮތުގައި ކުރަންޖެހޭ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
އަޅުގަނޑު އިއްޒަތްތެރި ރައީސޭ މިކިޔަނީ މަޖިލީހުގެ ގަވާއިދުގައި އެކަން އޮންނާތީ. އެކަމަކު މަނިކުފާނު މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވުމުގެ ހައިސިއްޔަތެއް ނެތް. އަޅުގަނޑު ހިތައްއަރާ މަނިކުފާނު ތިޔަ ގޮނޑީގައި ގަދަކަމުން ބަގުޑި ބައްދައިގެން ތިޔައުޅޭނީ މަނިކުފާނު މިދުނިޔެއަށް ފޮނުއްވީވެސް ހަމަ ތިޔަގޮޑިއަށްޓަކާ ކަމަށްބާވައޭ. ހަމަ ދަލުހަޔާތުގެ ކަންފުޅެއްވެސް ނެތް.
މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ، މަނިކުފާނާއި ރައީސް ޔާމީން ސޮއިކޮށްގެންނޭ ވެސް ބުނަންވީ. ބަލަ، 42 މެމްބަރުން ސޮއިކޮށް ހުށަހެޅީމާ، އޮޓަމެޓިކުން ތިޔަގޮންޑިން މަނިކުފާނު ބޭރުވީ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
މަނިކުފާނު ތިޔަ ގޮނޑީގައި ބަގުޑި ބައްދައިގެން އިންނަންވީ ޑަންލޮޕް ލައިގެން. އޭރުން މަނިކުފާނަށް ތިޔަގޮނޑީގައި އިންނެވިދާނެ، އެކަމަކު މަނިކުފާނަށް ތާއީދެއް ނެތް.
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިންމަނިކު
މިއިސްލާހަކީ ފެއްސާއި ރަތާއި ހުދުގެ އިސްލާހެއް. މިއިސްލާހު ފާސްކޮށް މަޖިލިސް ކުރިއަށް ގެންދަނަޖެހޭ. މިފަދަ އިސްލާހުތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެނެވޭ، މިއީ ހަމަ ވަރަށް ރަނގަޅު އިސްލާހެއް.
އިސްލާހު ހުށަހެޅުން
އާއްމު ކޮމެޓީގެ އެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް.
ޖަލްސާ ފެށުމާއެކު މަޖިލީހުގެ ތަޅުން ވަނީ ހޫނުވެފަ. އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލާގައި ކުއްލި މައްސަލަ އެޖެންޑާ ނުކުރެއްވި ސަބަބު އޮޅުން ފުލުވުމަށް އެދިފަ.
ނަމަވެސް އެއީ ނިޒާމީ ނުކުތާއެއް ނޫންކަމަށް މަސީހު ވިދާޅުވި.
މާރިއާ އަހުމަދުދީދީ، ނިޒާމީ ނުކުތާއެއް ނަންގަވައިފި. ގާސިމް އެވަނީ ގާނޫނާ ހިލާފަށް ހައްޔަރުކުރައްވާފަ. ގާސިމް މަޖިލީހަށް ހާޒިރު ކުރެވެންޖެހޭނެ. މީގެ ކުރިން އެގޮތަށް އަމަލު ކޮށްފައިވެސްވޭ.
އަހުމަދު ނިހާނު ހުސައިންމަނިކު: މި ރިޕޯޓް ވީހާވެސް އަވަހަކަށް ފާސްކޮށް، މަޖިލީސް ކުރިއަށް ގެންދަންޖެހޭ. މަޖިލީހުގައި އަދި ހުށަހަޅަންވެސް އެބަހުރި އެކަންކަން ކުރެވޭނެ ގޮތަށް މަޖިލިސް ކުރިއަށް ގެންދަންޖެހޭ
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ: މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުން
ރައްޔިތުންގެ މަޖިލީހުން މިއަދު ބާއްވާ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ އެވެ. މިޖަލްސާގެ އެޖެންޑާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާއްމު ކޮމެޓީން ގެނެސްފައިވާ އިސްލާހެވެ.
މަޖލީހުގެ ގަވާއިދަށް މިއިސްލާހުތައް ގެނެސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް 31 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިމިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ގަވާއިދަށް ގެނެއުމަށް ހުށަހަޅާފައިވާ އެ އިސްލާހު ފާސްކުރުމަށެވެ.
މަޖިލީހުގެ އާއްމު ކޮމެޓީން އާދިއްތަ ދުވަހު ހަވީރު ކުއްލި ގޮތަކަށް ބައްދަލުވުމެއް ބާއްވާ، މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ) އިސްލާހު ކުރުމަށާއި (އ)ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށް އާއްމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އާއްމު ކޮމެޓީން މަޖިލީހުގެ ގަވާއިދަށް އެއިސްލާހުތައް ގެނެސްފައިވާއިރު އޭގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމުގެ އަޣުލަބިއްޔަތު ވޯޓެވެ.