މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާ ބަހުސް ފަށައިފި
އެމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް އަޙްމަދު ނަސީމު


މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ހޯމަ ދުވަހުގެ ޖަލްސާގައި
މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހުގެ ޖަމާލުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެރިކަންކުރާ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ. އެމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. މީގެކުރިން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް ވަނީ ހުށަހަޅުއްވާފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާއިރު އެމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމެވެ. މިމައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުސްތަގިއްލު މުއައްސަސާތަކާއި ޤާނޫނަކުން އުފައްދާ މުސްތަގިއްލު އެހެން މުއައްސަސާތައް ފިޔަވައި ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާއިމުކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާއި މަސްއޫލުވާނެ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކުމެ އެމެންބަރަކާ ހަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާއުފުލާ ޖަވާބުދާރީ ވާންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.
މީގެއިތުރުން 2015 ވަނަ އަހަރު ފާސްކޮށްފައިވާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑވްސް ގެ ޤާނޫނުގައި ބުނެފައިވަނީ މިއޮތޯރިޓީއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންވާނީ މިނިސްޓަރު ކަމަށް މީކާއީލް ވިދާޅުވިއެވެ. ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ޓެލެކޮމިޔުނިކޭޝަން އޮތޯރިޓީ ރެގިޔުލޭޓްކޮށް ޓެލެކޮމިޔުނުކޭޝަންސްގެ ޚިދުމަތުގެ ކޮލިޓީ ރަނގަޅަށް ބަލަހައްޓައި، އެއިންޑަސްޓްރީގައި ވާދަވެރިކަން ކަށަވަރުކޮށް އަދި ރައްޔިތުންނަށް އެ ދެވޭ ހިދުމަތަކީ އެރައްޔިތުން އެދޭ އަގާއި އެއްވަރުގެ ޚިދުމަތެއްތޯ ކަށަވަރުކުރުން ކަމަށް މީކާއިލް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ޓެލެކޮމް އިންޑަސްޓްރީ ރެގިޔުލޭޓްކުރުމުގެ ކަންކަމާއި ގުޅިގެން މަޖިލީހަށް ޖަވާބުދާރީ ވާނީ މިނިސްޓަރުކަމަށް ބަޔާންކޮށްފައިވާއިރު 25 މަރޗް 2020 ގައި ރާއްޖެ ލޮކްޑައުންގެ ހާލަތުގައި އޮއްވާ މީކާއިލް އިންޓަރނެޓްގެ އަގުތަކާ ގުޅޭގޮތުން ކޮމިޔުނިކޭޝަންސް އޮތޮރިޓީގެ ދައުރު މިހާރު އޮތްގޮތް ބެލުމަށާއި އަދި ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމާ ގުޅޭގޮތުން ކޮމިޓީއަކުން މައްސަލަ ބަލައިދިނުމަށް ހުށަހެޅުއްވި މައްސަލައަށް ވެސް މިނިސްޓަރ އެންމެ ފުރަތަމަ ޖަވާބު ދެއްވީ މީޑިޔާގައި ކަމަށް މީކާއިލް ވިދާޅުވިއެވެ. އެގޮތުން 2020 ވަނަ އަހަރުގެ މަރޗް މަހުގެ 25 ވަނަ ދުވަހު ރާއްޖެއެމްވީގައި ލިޔެފައިވާ ލިޔުމެއްގައި އެމައްސަލަ ހުށަހެޅީ ކޮވިޑްގެ ފޯކަސް ގެއްލުވާލުމަށާއި އެއީ ބޭކާރު ކަމެއްގެ ގޮތުގައި ވިދާޅުވެފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.
އޭގެފަހުން މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކުރުމަށް ޒަމާނީ ތަރައްޤީ ގެނެސްދިނުމަށް ގޮވާލާ ގަރާރުގައި އިންޓަރނެޓްގެ އަގު ހެޔޮކުރުމަށާއި ދެވޭ ޚިދުމަތް ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމުގެ ތަފްސީލު ދޭ ޓެކްނިކަލް ރިޕޯޓެއް ގަރާރު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ޤަރާރެއް ހުށަހެޅުއްވިކަން މީކާއިލް ފާހަގަކުރެއްވިއެވެ. އަދި މިގަރާރު ފާސްކުރިތާ 30 ދުވަސްވީއިރުވެސް ގަރާރުގައި ބަޔާންކުރާ ރިޕޯޓެއް މަޖިލީހަށް މިނިސްޓަރ ހުށަހަޅުއްވާފައިނުވާކަމަށް މީކާއިލް ވިދާޅުވިއެވެ.
އެހެންކަމުން މިނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް މިނިސްޓަރ މަލީހު ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުން މަޖިލީހުން ވަކިކޮށްދިނުމަށް ހުށަހަޅުއްވާކަމަށް މީކާއިލް މިމައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
މީގެއިތުުން މިނިސްޓަރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު މަޖިލީހުގެ އެކި މެމްބަރު ސްޕްރީމްކޯޓަށް ގެންދާނެކަމަށް ވިދާޅުވެ އެކިފަހަރު ވާހަކަދައްކަވާފައިވާކަން މީކާއިލް ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމަށްޓަކައި ފޮނުވަންޖެހޭ 14 ދުވަހުގެ ނޯޓިސް އަނބުރާ ފޮނުވާލާނެކަމަށް ވިދާޅުވުމާއި، ތަކުރާރުކޮށް މި މައްސަލަ މަޖިލީހަށް ނުބެލޭނެކަމަށް ވިދާޅުވަމުންދާކަން މީކާއިލް ފާހަގަކުރެއްވިއެވެ. އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މުއައްސަސާއަށް މިނިސްޓަރ ކުރައްވާ ފުރައްސާރައެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.
މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިއިރު ކުރިޔަށްދާނެއެވެ. އަދި މި ދެ ގަޑިއިރުތެރޭގައި މިނިސްޓަރަށް ޖަވާބުދާރީވުމަށް 30 މިނެޓް ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ. މި 30 މިނެޓް ބަހާލާފައިވަނީ ތިން ފަހަރެއްގެ މަތިން 10 މިނެޓްވަންދެން ވާހަކަދެއްކެވޭ ގޮތަށެވެ.
އެއަށްފަހު ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އޮންނަ ގަޑީގައި މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ވޯޓަށް އަހާނެއެވެ. ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ މަޖިލިހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުންގެ (43 މެމްބަރުންގެ) ވޯޓެވެ.







