ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ، 23 އަހަރު)ގެ މަރުގެ މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމަށް އާދިއްތަ ދުވަހު ތާވަލްކުރި އަޑުއެހުމަށް ވެސް ހެކީން ހާޒިރެއް ނުކުރެވުނެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ގާނޫނީ ވަކީލު ވިދާޅުވީ، ނަދީމުގެ މަރުގެ މައްސަލައިގައި ވަރަށް ކައިރިކައިރީގައި ހެކީންގެ ހެކިބަސް ނެގުމަށް އަޑުއެހުންތައް ތާވަލްކޮށްފައިވާތީ އާއި ކޮވިޑް-19ގެ ހާލަތު މާލެ ސަރަައްދުގައި އިތުރަށް ގޯސްވެފައިވާތީއާއި މިފަހުން މާލެތެރެ ވެސް ހަލަބޮލިކަން ބޮޑުވުމުން ހެކީން ހާޒިރުކުރަން ދައުލަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ދާދިފަހުން މާލޭގައި ހިންގި މާރާމާރީތަކާއި ނަދީމުގެ މަރުގެ މައްސަލައާ ގުޅުމެއްވާ ކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އަދި އެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އެކަން ފުލުހުން ބަލަމުންދާކަމަށެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި ފުލުހުންގެ އިދާރާއިން އެމައުލޫމާތު ލިބޭނެކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ސިއްރު ހެކީންގެ ގޮތުގައި 11 ހެއްކެއް ހުށަހަޅާފައިވާއިރު، ހެކިބަސް ނުނެގިވަނީ ހަތް މީހެއްގެ ހެކިބަސް ކަމަށެވެ. އަދި އެ ހަތް މީހުން މިހާރު ތިބީ ކޮންތަނެއްގައިކަން ދައުލަތަށް ވެސް ކަނޑައެޅިގެން އެނގިފައިނުވާތީ ހެކިބަސް ދޭން ތިބި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އަޑުއެހުންތައް ތާވަލުކޮށްފައިވާގޮތުން، ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކީންގެ ހެކިބަސް ނެގުމަށް ދެން ލިބިގެންދާނީ އެންމެ ފުރުސަތެކެވެ. އެއީ މިމަހުގެ 24 ވަނަ ދުވަހު ބޭއްވޭ އަޑުއެހުމެވެ. ދައުލަތުގެ ވަކީލު ވަނީ އެދުވަހަށް ވެސް ހެކީން ހާޒިރު ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައެވެ. އަދި އިތުރު ފުރުސަތެއް ދެއްވުމަށް ވެސް އެދިލެއްވިއެވެ.
މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހު ބާއްވާ އަޑުއެހުމަށް ހެކީން ހާޒިރު ނުކުރެވޭނަމަ، އެކަށީގެންވާ ސަބަބެއް ބަޔާންކޮށް ކޯޓަށް ހުށަހެޅުމުން އެކަން ކޯޓުން ބެލުމަށްފަހު، އިތުރު ފުރުސަތެއް ދޭން ފެންނަނަމަ ކޯޓުން އެކަން ނިންމާނެ ކަމަށެވެ. ނަމަވެސް މިވަގުތު ތާވަލާ އެއްގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމަވާ ކަމަށް ގާޒީ ވިދާޅުވިއެވެ. ތާވަލުގައިވާ ގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށްފަހު، ދިފާއީ ހެކީންގެ ހެކިބަސް ނެގުމަށް މާރޗު މަހުގެ އެއްވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމަވާފައިވެއެވެ.
ދިފާއީ ވަކީލުން ވިދާޅުވީ، ދައުލަތަށް ހެކީން ހާޒިރު ނުކުރެވިގެން، ގިނަ ފުރުސަތުތަކެއް ދެއްވަމުންދާއިރު، ދައުވާ ލިބޭ ފަރާތްތަށް ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި ތިބޭއިރު، ދައުވާ ލިބޭ ފަރާތްތަކަށް ވެސް ލުއި ލިބެންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން، އެމީހުން ބަންދުން ދޫކޮށްލުމަށް ނުވަތަ އެމީހުންގެ ބަންދަށް ލުއި ދިނުމަށް އެދޭ ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޝަރީއަތުން ނިންމި ހާލަތު މިހާރު ވެސް ވުޖޫދުގައި އެބައޮތްކަމަށާއި، އެހެންކަމުން އެމީހުން ބަންދުގައި ބޭތިއްބުމަށް އެދޭކަމަށެވެ.
ގާޒީ ވަނީ، އެމީހުންގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރު އެގޮތުގައި ދެމެހެއްޓުމަށް ނިންމަވާފައެވެ.
ނަދީމް މަރުވެފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓަރމިނަލް ކެފޭތެރޭގައި ނަދީމް އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ޙަމަލާދިނުމުގެ ސަބަބުންނެވެ. ނަދީމް މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، އޭގެ ދެ ދުވަސް ފަހުންނެވެ.
ނަދީމުގެ މަރުގެ މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށެވެ. ނަދީމުގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ، ލ. ގަން، ވިދާތަރު، އަލީ ނިފާޒާއި ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިންގެ އިތުރުން، ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
ނަދީމުގެ މަރުގެ މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމުނު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެއަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ހެކިބަސް ނަގާފައިވެއެވެ. ސިއްރުކޮށް، އަދި އަޑުވެސް ބަދަލުކޮށްގެން، ހެކިބަސް ދެމުން އެ ދެ މީހުން ވެސް ބުނެފައިވަނީ، ނަދީމުގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ، އެންމެފަހަރަކު ކަމަށާއި ހަމަލާދިނީ މަފާޒު ކަމަށެވެ. އަދި އެމަންޒަރު ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށް ވެސް ހެކިބަސްދިން ދެމީހުން ވެސް ބުނެފައިވެއެވެ.
ހެކިބަސްދިން ދެ މީހުން ވެސް ބުނީ، ނަދީމަށް ހަމަލާދިނުމަށް ޓަރމިނަލް ކެފޭތެރެއަށް ވަނީ ދެމީހުން ކަމަށެވެ. އެއީ ނަދީމަށް ހަމަލާދިން މަފާޒާއި މަފާޒަށް އެހީތެރިވުމަށް ވަތް ނިފާޒު ކަމަށެވެ.
ހެކިބަސްދިން ދެމީހުން ވެސް ބުނެފައިވަނީ، ނަދީމަށް ހަމަލާދިންއިރު، އެ ދެމީހުން ތިބީ މޫނުމަތީ ސްކާފެއް ކަހަލަ އެއްޗެއް އަޅައިގެން ކަމަށާއި، ނަމަވެސް އެ ސްކާފް މޫނުމަތިން ނެއްޓުނު ވަގުތު، އެ ދެމީހުން ދެނެގަނެވުނު ކަމަށެވެ. އަދި އެ ދެމީހުން ދެނެގަނެވުނު މިންވަރާއި، ކަން ހިނގައި ދިޔަގޮތުގެ ތަފުސީލް، މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ވާނެކަމަށް ވެސް ހެކިބަސްދިން ދެމީހުންވެސް ބުނެފައިވެއެވެ. ހެކިބަސްދިން މީހުން ބުނީ، މަފާޒާއި ނިފާޒު ޓަރނިނަލް ކެފޭ ތެރެއަށްވަދެ، ނަދީމަށް ހަމަލާދިނުމަށްފަހު، އެތަނުން ދިއުމާ ހަމައަށް ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓް ވެސް ނުވާނެ ކަމަށެވެ.