Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ބަޔާން 2021

ރިޔާސީ ބަޔާނުން ހާމަވީ، ރައީސް ސާލިޙަކީ، ގަދަ ކަނޑުގައި ދުއްވަންޖެހުނަސް، ރައްޔިތުން ރާޅާ ތެންމާނުލައި، ތަރައްޤީގެ ބަނދަރު ހިފަން ދަންނަ ރައީސެއްކަން!

ގަދަ ކަނޑުގައި، އެމަނިކުފާނު "ހައްސަ ބައިގެން" ލެފި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2021 | ބުރާސްފަތި 12:06
ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހު ރިޔާސީ ބަޔާންއިއްވަމުން ދިޔައިރު، ފަހަތުން ރައީސް ނަޝީދު އަތްތިލަބަޑި ޖައްސަވަނީ

ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހު ރިޔާސީ ބަޔާންއިއްވަމުން ދިޔައިރު، ފަހަތުން ރައީސް ނަޝީދު އަތްތިލަބަޑި ޖައްސަވަނީ

މިއަދު ރައީސް ސޯލިޙު އިއްވައިދެއްވި ރިޔާސީ ބަޔާނަކީ،މާނަވީ ތަސައްވުރެއް ކުރިމަތިން ހިއްކާލިފަދަ ، އުންމީދީ ބަޔާނެކެވެ. އެ ބަޔާނުން އާވެގެންދަނީ ހަމައެކަނި އުންމީދެއް ނޫނެވެ. މުސްތަގުބަލަށް ތިލަވާން އޮތް ބިޔަ މަންޒަރު އެކަންޏެއްވެސް ނޫނެވެ. ކަށިން ހިތްވަރުލައިގެން، ވޭތުވެދިޔަ އަހަރު ސަރުކާރުން، ވެފައިވި ބޮޑެތި ގުރުބާނީތައްވެސް ހާމަވިއެވެ.

ކަށިން ހިތްވަރުލުމޭ މި ދަންނަވަނީ، ކޮވިޑުގައި މުޅި ދުނިޔެ ބަންދުވެ، ރާއްޖޭގެ އިގްތިސާދީ މައި ދޮރާށި ބަންދުވެފައިވަނިކޮށް، ނިމިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ހިންގި، އަދި ހިންގަމުން ގެންދިޔަ މަޝްރޫޢުތަކާއި، ހުއްޓުމެއްނެތި ދެމުން ގެންދިޔަ ޚިދުމަތްތަކާއި، އަލަށް ޤާއިމްކުރި ސިއްޙީ ޚިދުމަތްތަކާއި، ފެސިލިޓީސްތަކުގެ އިތުރުން، ވިޔަފާރިއާ އިގްތިސާދަށް ދިރުންދޭން ފޯރުކޮށްދިން ލޯނުއެހީއާއި، ވަޒީފާ ގެއްލުނު ފަރާތްތަކަށް ދެމުންއައި ފައިސާގެ ޢިނާޔަތްތަކެވެ. އަދި ހަމަސްދުވަސް ފަހުން ދައްކަން ފަސްކޮށްދިން ކުލިތަކަށް ބަލާއިރު، އެއީ ސަރުކާރުގެ ކޭޝްފްލޯ ތާށިވިޔަސް ހެވޭބުނެ، ރައްޔިތުންނަށްދިން ލުއިތަކެވެ. މި ލުއިގެ އަސަރު ކަރަންޓު ބިލްތަކަށާއި ފެންބިލުތަކަށްވެސް ކުރިއެވެ. އެއީވެސް ކޭޝްފްލޯ ގުރުބާންކޮށް، ފޯރުކޮށްދިން ލުޔެކެވެ. މިއަދުގެ ރިޔާސީ ބަޔާނުން ސާފުވެގެން ދިޔައީ، މި އިންކޮންމެ ކަމެއް ކޮށްފައި އޮތީ، ރައްޔިތުންނަށް އެންމެ އިސްކަން ދީގެން ކަމެވެ. އެއީ ރައްޔިތުން، ވަޒީފާއިން ވަކިނުކުރަން ޝަރުތުކޮށް، ޢާންމު ފަރާތްތަކަށް ޝަރުތުކޮށް، ދީފައިވާ ލޯނުތަކަށް ބަލާއިރުވެސް، ފެންނާން އޮތް ޙަގީގަތެކެވެ.

ރައީސް ސާލިހު ދެއްވި ރިޔާސީ ބަޔާނުން، މިދެންނެވި ހެކިތައް ތިލަވަމުން އައިއިރު، އުދަރެހަށް އަޅުއްވާފައި އޮތީ، އުންމީދުން ފުރިފައިވާ ތަސައްވުރެއް ފެންނާން އޮތް ދުރުމީއެކެވެ. ޢުމްރާނީ ތަރައްޤީއަށް ވިންދު ޖަހަޖަހާ އޮތް މަޝްރޫޢުތަކުގެ އިތުރުން، އެ ދުރުމީން ފެންނާން އޮތީ، މި ދަތިތަކުން އަރައިގަނެ، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު އަނެއްކާވެސް، އިހު އޮތް މަގާމަށް ގެންނަވާނެކަމުގެ މަންޒަރެވެ. އުތުރާއި ދެކުނުގެ ފަތުރުވެރިކަމަށް ރޭވެމުންދާ ކަންކަމާއި، ދަނޑުވެރިކަމުގެ އައު މަޝްރޫޢުތަކާއި، މަސްވެރިކަމަށް ކުރައްވާނެ އައު އިންވެސްޓުމަންޓުންވެސް ހާމަވީ، މިރާއްޖޭގެ އިޤްތިސާދީ މައިބަދައަށް، އަނެއްކާވެސް ހެލިފެލިކަން އަންނާނެކަމުގެ ޔަޤީންކަމެވެ.

އެތައް ބަޔަކަށް، ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް އާރޯކަމުގެ ރޯޅިވެލައިފިކަމުގެ އިޙުސާސް، މި ރިޔާސީ ބަޔާނުން ހިތުގާ ހިނގައިގަތެވެ. ސިއްޙީ އަދި ޢުމްރާނީ ތަރައްޤީގެ ވިންދަށް، ހަކަތަ ލިބެނީތާއޭ ހިތަށް ވަނެވެ. ދަތުރުފަތުރުގެ ނިޒާމަށް ދުވެލި ލިބި، ޒުވާން ޢިލްމީ ޖީލެއް ބިނާވާން އޮތް ޤައުމަކަށް މިއޮތްގެން އިރު އަރަނީތާއޭ ހިތަށް ވަނެވެ. ސުވާލަކީ، މި ހުރިހާ އިޙުސާސްތަކާ، މިދެންނެވި ބަޔާނުން ތެވެލިވެލީ ކޮންކޮން ކަންކަމަކާ ހުރެ ހެއްޔެވެ؟

މާޒީވި ރައީސުން ފަދައިން، ރައީސް ސާލިޙުވެސް، ރިޔާސީ ދައުރެއްގެ ދަތުރަށް، ޖަޒީރާ ދިވެހިރާއްޖޭގެ ކަނޑަށް ނިކުންނަވާ، ހަމަރިޔަލުގައި ވައި އަޅުވާނުލެވި އުޅެނިކޮށް، ކޮވިޑް19ގެ ކޮޅިގަނޑު ހިއްލާލިއެވެ. ގާތްގަނޑަކަށް އަހަރެންހާ ދުވަހު، އެ ދުއްވީ މި ކޮޅިގަނޑުގެ ތެރޭގައެވެ. އެފަދަ ދަތި އުނދަގޫ ދަތުރެއްގެ ތެރޭގައިވެސް، ގައުމީ ތަރައްޤީއަށް ދެއްވި ސަމާލުކަމާއި ލެއްވި ހިތްވަރާއި، ޙާސިލު ކުރެއްވި މިންވަރު، ހާމަވެގެން ދިޔައީ، މިއަދުގެ ރިޔާސީ ބަޔާނުންނެވެ.

އުންމީދުން ފުރިފައި އޮތީ، މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅާލުމުގެ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ހައެއްކަ މަސްތެރޭގައި ފެށޭކަމެވެ. މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލުވުމުގެ ބިޔަ މަޝްރޫޢެވެ. މިހާތަނަށް ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި އޮތް ހުރިހާރަށެއްގެ މަސައްކަތް، ފެށުމެވެ. އަނެއްކާވެސް މަތީތަޢުލީމަށް ލޯނު ހުޅުވާލުމާއި، ރާއްޖޭގެ ޕްރައިމަރީ ހެލްތްކެއަރއަށް އަލުން އާރޯކަން ގެނުވާނެ ކަމެވެ.

މި ބަޔާން އެހާ ޝައުގުވެރި ބަޔާނަކަށް ވެގެން މި ދިޔައީ، މިއޮތް ގަދަ ކަނޑުގައި، އެމަނިކުފާނު "ހައްސަ ބައިގެން" ލެފީތީއެވެ. މާނައަކީ، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް، ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ހިންގަވައިފައިވުމެވެ. އެއީ މިދިޔަ އަހަރަށް މަޖިލީހުން ފާސްކޮށްދިން 37.9 ބިލިއަން ރުފިޔާގެ ބަޖެޓުން، 28.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން ހިންގި ކަންކަމެވެ.

ރިޔާސީ ބަޔާނަށް އަވަސް ކަޅިއެއް އެއްލާއިރު، ހާމަވީ، މި ދަތި މަރުޙަލާގައި ސިވިލްސަރވިސްގެ އެންމެ މުވައްޒަފަކުވެސް ވަކިނުކޮށް، އެ އެންމެންނަށް ސަރުކާރުން މުސާރަ ދިންކަމެވެ. ރޯމަސް ގަތުމަށް އިހު އޮތް މުސްކުޅި ފަލްސަފާ ދޫކޮށް، މި ވިޔަފާރިއަށް ޢާންމުކޮށް ވަނުމުގެ ފުރުސަތު ހުޅުވާލި ކަމެވެ. ކުޅިވަރުގެ ވަސީލަތްތައް މިއިން ދުވަހަކު ތަރައްޤީނުވާ ފެންވަރަށް އަދި މިންވަރަށް ތަރައްޤީކޮށްފި ކަމެވެ. ޢިޔާދަ ކުރަނިވި ހަކަތަ އުފައްދާ މިންވަރު މައްޗަށް ޖައްސައިފި ކަމެވެ.

ރާއްޖޭގެ ވިޔަފާރިތައް ހަލާކުވެދިޔަނުދީ، ވަޒީފާއަށް އަސަރުކުރި މީހުން ޙާލުގައި ނުޖެހި، ޢާއިލާތަކަށް އިޖުތިމާޢީ ރައްކައުތެރިކަން، ކަށަވަރުކޮށްދީފައި އޮތީ، މިދެންނެވި ކޮޅިގަނޑުގެ ދަތުރު މަތީގައެވެ. އެކަމަށް ސަރުކާރުން ރިލީފު ޕެކެޖެއް ތަޢާރަފުކޮށް، އެ ޕެކޭޖުގެ ދަށުން، 17147 މީހަކަށް، 221 މިލިއަން ރުފިޔާ ފޯރުކޮށްދިނެވެ. ކަރަންޓާއި ފެންބިލްތަކުން، 117 މިލިއަން ރުފިޔާއަށްވުރެން ބޮޑު އަދަދެއް، ލުއިކޮށްދިންކަމެވެ. ކުދި އަދި މެދުފަންތީގެ މަސައްކަތްކުރާ މީހުން ގެންގުޅޭ މުވައްޒަފުން ވަކިނުކުރުމަށް ޝަރުތުކޮށް 1 ބިލިއަން ރުފިޔާގެ ލޯނު، އެފަރާތްތަކުގެ ވިޔަފާރި ކޮޅަށް ޖަހަން، ސަރުކާރުން ދޫކޮށްދިން ކަމެވެ.

ހަމައެހެންމެ ހައުސިންއާއި، މަތީތަޢުލީމުގެ ލޯނު ދެއްކުން ފަސްކޮށްދީ، ޓޫރިޒަމަށް ދޫކުރި ބިންތަކާ ރަށްތަކުގެ ކުލިދެއްކުންވެސް 6 މަސްދުވަހަށް ފަސްކޮށްދިން ކަމެވެ. މިދެންނެވި ކަންކަމުން ސަރުކާރުގެ ކޭޝްފްލޯއަށް، އަސަރުކޮށްފައި އޮތަސް، ކޮންސްޓްރަކްޝަން ދާއިރާއަށް ދިރުން ގެނުވަން، 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކުރިކަމެވެ. ބޮޑުކަންނެލި ގަނެ އެކްސްޕޯޓުކުރާ 6 ކުންފުންޏަކަށް 55 މިލިއަން ރުފިޔާގެ ލޯނު ދޫކުރިއެވެ. ހިލޭ ޑިގްރީ ޕްރޮގްރާމަށް މިހާތަނަށް 9430 ކުދިންނަށް ލޯނު ފަހިކޮށްދީފި ކަމެވެ. މި ކަންކަމުން ހާމަވަނީ، ގަދަ ކަނޑުގައި ދުއްވަން ޖެހުނަސް، ރައީސް ސާލިޙަކީ، ފަޅުވެރިން ރާޅާ ތެންމާނުލައި، އޮޑި ދުއްވަން ދަންނަ މާލިމީއެއް ކަމެވެ. ކޮވިޑުގެ ކޮޅިގަނޑު ހިއްލާލިއިރު، އެ ބައްޔަށް ފަރުވާދެވޭނެ ފަދައެއް، ރާއްޖެއަކު ނެތެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، ދުވާލެއްގެ މައްޗަށް 5600 ޓެސްޓު ހެދޭނެ ނިޒާމު ގާއިމުކޮށްފިއެވެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް ކޮވިޑު ވެކްސިން ކަށަވަރުކޮށް، ރައްޔިތުންނަށް ވެކްސިން ދޭން ފަށައިފިއެވެ.

ރިޔާސީ ބަޔާނުން ސާފުވި ކަންކަމަކީ، ކޮވިޑުގެ މި ޙާލަތުން އަރައިގަނެ، ގައުމު އަލުން އާރާސްތުކުރަން އިސްކަންދެއްވާނެ ކަމެވެ. އެކަން ކުރައްވަނީ، ތަރައްޤީގައި އިސްކަންދޭ ތަރުތީބުތައް އަލުން ބަދަލު ކުރައްވައިގެން ކަމެވެ. އިގްތިސާދު އަލުން އާރާސްތުކުރަން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ވިދާޅުވަމުން، ރައީސް ވިދާޅުވެފައި ވަނީ، ސަރުކާރުގެ މިހާރުގެ އަމާޒަކީ އިގްތިސާދީ ހަރަކާތްތައް، އެތައް ގުނައަކަށް އިތުރު ކުރުމެވެ. މިގޮތުން އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރަން މިހާރުވަނީ ބިންތައް ބީލަމަށް ހުޅުވާލައިފައެވެ. ރިސޯޓުތަކުގެ ވަކިވަކި ވިލާތަކާ ކޮޓަރިތައް ދިގު މުއްދަތަކަށް ކުއްޔަށްދިނުމުގެ ސިޔާސަތު ތަޢާރަފުވެގެން ދާނެކަންވެސް ހާމަކުރެއްވިއެވެ. މިއަހަރު އިތުރު 18 ރިސޯޓެއް ހުޅުވިގެންދާނެކަމާއި، 5062 އެނދު މާރކެޓަށް ނެރޭނެކަން މި ބަޔާނުން ކަށަވަރު ވިއެވެ. މިދާއިރާއިން 9000 ވަޒީފާ އިތުރަށް އުފައްދާނެކަމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކުރަން 400 މިލިއަންރުފިޔާގެ ލޯނުވަނީ ބަޖެޓު ކޮށްފައިކަން އެނގުނެވެ.

މަސްވެރިކަން ތަރައްޤީކުރަން ކޫއްޑުއާ ކަނޑުއޮތްގިރީގެ ކޯލްޑު ސްޓޯރޭޖުގެ ޖާގައަށް 8200 މެޓްރިކްޓަނު އިތުރުކޮށް، މ. މުލަކުގައި500 ޓަނުގެ ކޯލްޑު ސްޓޯރޭޖަކާއި ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޓު ސްޓޯރޭޖެއް ހަދަން ސަރުކާރުންދަނީ ތައްޔާރުވަމުންކަން އެނގުނެވެ. އަނެއްކޮޅުން 45 ރަށެއްގައި ދަނޑުވެރިކަން ތަރައްޤީކުރަން އަމާޒު ހިފައިފިކަން ކަށަވަރުވިއެވެ.

އުމްރާނީ ތަރައްޤީއަށް ބަލާއިރު، 5 ރަށެއްގައި އެއަރޕޯޓު އަޅަން ނިންމައިފައި އޮތް ކަމާއި، މިމަހުގެ ތެރޭގައި މުލީ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށް، މަކުނުދުއާއި ތުޅާދުއާއި ވިލުފުށްޓާއި ބިލެތްފަހީ އެއާރޕޯޓުވަނީ މިހާރު ބީލަމަށް ލައިފައިކަން އެނގުނެވެ. މާލެއަށް 5000 ފްލެޓު އަޅަން މިއަހަރު ފަށާނެ ކަމާއި، މީގެ ތެރޭގައި ހިމެނޭ 1000 ފްލެޓު އެޅުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައިކަން އެނގުނެވެ. މިދިޔަ ހަފުތާގެ ތެރޭގައި ސޮއިކޮށްފައިވާ އަނެއް މަޝްރޫޢަކީ، ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ފްލެޓުގެ މަސައްކަތް ކަމާއި، މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިތުރު މަޝްރޫޢެއް، މި ސަރުކާރުން އަންނަނީ ޕްލޭން ކުރަމުންކަން ހާމަވިއެވެ. އަދި ކޮންމެ ރަށެއްގައިހެން 100 ހައުސިން ޔުނިޓު އަޅަން ފަށައިފައިވާ ނައިފަރާއި، ތުޅާދުއާއި ތިމަރަފުށީގެ މަސައްކަތް ކުރިއަށްދާއިރު، ކޮޅުފުށީގައިވެސް މި މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންކަން ހާމަވިއެވެ.

ކޮންމެއަކަސް، މި ދެންނެވި ރިޔާސީ ބަޔާނަކީ، ފަހުގެ ތާރީޚުގައި ރާއްޖެ ދެކެފައިނެތް، ހާސްކަމުގެ އަހަރަކަށްފަހު ރައްޔިތުންނަށް، ހަށިފުރާ ނޭވާއެއްލާން ޖާގަ ލިބިގެންދިޔަ ބަޔާނެކެވެ. އަތްމަތި ދަތިވެ، މަސައްކަތްތައް ހުއްޓިފައިތިބި ފަރާތްތަކަށް، އަމާޒުކޮށްފައިވާ ލޯނު ސްކީމަކީވެސް، އައު ނޭވާއެކެވެ. އިންސާނީ ވަސީލަތްތައް ތަރައްޤީކުރަން މަޖުބޫރުވެފައި އޮތް ރައްޔިތަކަށް މަތީތަޢުލީމުގެ ލޯނު، ހުއްޓުމެއްނެތި ލިބެމުންދާނެކަން ކަށަވަރު ވުމަކީވެސް އެފަދަ ނޭވާއެކެވެ. އަލަށް ހުޅުވޭނެކަމަށް ހާމަވި ރިސޯޓުތަކަކީ، ހުޅުވެމުން އަންނަ ވަޒީފާގެ އައު ފުރުސަތެކެވެ. ޑޮލަރުލިބުން ފަހިވެގެންދާނެކަމުގެ އިޝާރަތަކީވެސް، އެފަދަ ނޭވާއެކެވެ. އެހެން ކަމުން ރިޔާސީ ބަޔާނުން ހާމަވީ، ރައީސް ސާލިޙަކީ، ގަދަ ކަނޑުގައި ދުއްވަންޖެހުނަސް ރައްޔިތުން ރާޅާ ތެންމާނުލައި، ތަރައްޤީގެ ބަނދަރު ހިފަން ދަންނަ ރައީސެއްކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

08 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު