މަސްވެރިކަމުގެ ބައެއް މަޝްރޫޢުތައް ގާއިމުކުރުމަށް ހުއްދަ ނަގަން ޖެހޭ: ފިޝަރީޒް މިނިސްޓްރީ
25 ޖެނުއަރީ 2021 | ހޯމަ 06:21މި ސިނާޢަތުގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫޢަކަށް ވާން ޖެހޭ

މަސް މާރުކޭޓުގައި މަސް ކެނޑުމުގެ މަސައްކަތް ކުރަނީ
މަސްވެރިކަމުގެ ބައެއް މަޝްރޫޢުތައް ގާއިމުކުރުމަށް ހުއްދަނަގަންޖެހޭ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވައިލާފައިވާ [މަސްވެރިކަމުގެ މަޝްރޫޢުތައް ގާއިމުކުރުމަށް ހުއްދަދިނުމުގެ ގަވާއިދު] ގެ ދަށުން މަސްވެރިކަމާ ގުޅުން ހުރި ބައެއް ހަރަކާތްތައް ހިންގުމަށް ހުއްދަ ނަގަންޖެހޭ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ މަޝްރޫޢުތައް ފެށުމުގެ ކުރިން އެކަމަށް ހުއްދައެއް ހޯދުމާއި، މަޝްރޫޢެއްގެ މަސައްކަތް ފެށޭ ހިސާބުން މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު މިނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ދިއުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީން ބުނީ މިކަމުގެ މުހިއްމު އެއް މަޤްޞަދަކީ އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ރާވައި މަޝްރޫޢުތަކަކީ، މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫޢުއެއް ކަމުގެ ޔަގީންކަން، އެމަޝްރޫޢު ރާވައި ކުރިއަށް ގެންދާ ފަރާތަށް ދިނުން ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ އުމުރާނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއްބާވަތެއްގެ މަޝްރޫޢުތައް އެއް ސަރަހައްދަކަށް އަމާޒުވެ އެމަޝްރޫޢުތަކަށް އިންވެސްޓްކުރާ ފަރާތްތަކުން ކުރިން އަންދާޒާ ކުރިގޮތާ ޚިލާފަށް ނަފާ ނުލިބި މަޝްރޫޢު ހުއްޓާލަން ޖެހުން ފަދަ ހާލަތްތައް މެދުވެރިވުން ހުއްޓުވުމަކީ ވެސް މިގަވާއިދު އެކުލަވާލުމުގެ މުހިންމު އެއް މަޤްޞަދު ކަމަށެވެ.
މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކުގެ ތެރެއިން ބަޔާންކޮށްފައިވާ ގިންތިތަކަށް ފެތޭ މަސްވެރިކަމުގެ މަޝްރޫޢެއް ފެށުމަށް ގަސްދުކުރާ ފަރާތްތަކުން އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން [މަސްވެރިކަމުގެ މަޝްރޫޢުތައް ގާއިމުކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު]ގެ ދަށުން ހުއްދަ ނަގައިގެން އަމަލީ މަސައްކަތް ފެށުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މަސްވެރިކަމުގެ މަޝްރޫޢު ގާއިމުކުރުމުގެ ހުއްދައަށް އެދޭ ފޯމާއި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ މަޝްރޫޢުތަކަށް އެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތު ބަޔާންކުރާ ގައިޑްލައިން އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.






