ގުޅީފަޅުގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ގާއިމުކުރަން ނިންމައިފި
31 ޑިސެމްބަރު 2020 | ބުރާސްފަތި 14:57މި ތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރައާތްތަކުގެ ދަށުން


މަސްތުވާތަކެތީގެ ޚާއްސަ އޮޕްރޭޝަނެއްގެ ތެރެއިން، މިސެންޓަރުން އެފަދަ ފަރާތްތަކަށް ފަރުވާދީ މުޖުމަތައުއަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދޭނެ
ކ.ގުޅީފަޅުގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ގާއިމުކުރަން ނިންމައިފިއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ގުޅީފަޅުގައި ގާއިމުކުރަން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ބުރާސްފަތި ދުވަހު ކަނޑައަޅާފައިވާ ކަމަށެވެ.
މި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، މި ތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރައާތްތަކުގެ ދަށުން، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށްފަހު ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ޚާއްސަ ކުރެވޭ މަރުކަޒެވެ.








