ތިލަފުށީފަޅުގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ އަނދަނީ، އެކަކު ފިހިއްޖެ
24 ޑިސެމްބަރު 2020 | ބުރާސްފަތި 12:31ދޯނީގެ ވާ ކަނޑާލުމުން ދޯނި ފަޅުން ބޭރަށް އޮޔާ ދާ ކަމަށް އެމްއެންޑީއެފުން ބުނޭ


ތިލަފުށީ ފަޅުގައި ދޯނީގައި ރޯވެ އަނދަނީ
ކ. ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:39 ހާއިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއުގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ވިލާ ސައިޓްގެ ފަޅުތެރޭގައި އޮތް ދެދޯންޏެއްގައި ކަމަށާއި، ދޯނީގެ ވާ ކަނޑާލުމުން ދޯނި ފަޅުން ބޭރަށް އޮޔާ ދާ ކަމަށެވެ. އަދި މިހާދިސާގައި މީހަކު ފިހުމާއެކު އެނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ދޯންޏަށް ތެޔޮއަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ''ފަޔަރ ލޯންޗް'' ކަނޑުމަތީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.






