ކޮވިޑްގެ ހާލަތުގައި ކުރު މުއްދަތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ރަށްރަށަށް ނުދެވޭނެ - އެޗްޕީއޭ
20 ޑިސެމްބަރު 2020 | އާދީއްތަ 13:11ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭ


އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު، ތިލަދުންމައްޗަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން
ކޮވިޑް19 ގެ ހާލަތުގައި ފަސް ދުވަހުގެ މުއްދަތަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ނުދެވޭނެ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލަށް އާދިއްތަ ދުވަހު ވަނީ ބަދަލު ގެނެސްފައެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި (ޔުޓިލިޓީސް، ބޭންކުގެ ޚިދުމަތްފަދަ) އެކިއެކި މަޝްރޫއުތަކުގެ މަސައްކަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.
މި އުސޫލުގައިވާ ގޮތުން ޚިދުމަތްތައް ދިނުމަށް ފަސް ދުވަހަށް ވުރެ ގިނަ ނުވާ ގޮތަަށް ރަށްރަށަށް ދަތުރު ކުރެވެނީ ހަތް ހާލަތެއްގައެވެ.
އެޗްޕީއޭއިން ބުނީ މިފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭ ކަމަށާއި، ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެކަމުގެ މައުލޫމާތުދޭން ޖެހޭ ކަމަށެވެ. އަދި ރިސޯޓްތަކަށް އާންމު ޚިދުމަތްތައް ދިނުމަށް ދަތުރުކުރާނަމަ އެޗްޕީއޭގެ "ޕަބްލިކް ހެލްތު އިންޓަވެންޝަންސް ޓުޕްރިވެންޓް ކޯވިޑް-19 ޓްރާންސްމިޝަން އިން ދަ ޓުއަރިޒަމް ސެކްޓަރ" ގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރަންޖެހޭ ކަަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ ކައުންސިލުގެ ޒިންމާ އާންމު ޚިދުމަތްތަކާއި މުހިންމު މަސައްކަތްތައް ކުރުމަށް މާލެއިން ރަށްރަށަށްދާ ފަރާތްތަކަށް މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ. އަދި އުސޫލާ ހިލާފު ވާ ފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.







