ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި
8 ޑިސެމްބަރު 2020 | އަންގާރަ 10:42ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިނިސްޓަރ ގެންދަވަނީ ބައިނަލްއަގްވާމީ ގައުމުތަކާއި ގުޅުން ބަދަހިކުރައްވަމުން
ދެކުނު އެމެރިކާ އަދި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
އަންގާރަ ދުވަހު ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކިއުބާ އަދި މެކްސިކޯއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ އިތުރުން ސަރބިއާ އަދި އާޖެންޓީނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުވުމަކީ ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.
މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް އެކި ސަރަހައްދުތަކުގެ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރ ޝާހިދު ވަނީ ވަރޗުއަލް ބައްދަލުވުންތައް ބާއްވަވާ، މަޝްވަރާތައް ކުރައްވާފަ އެވެ.






