އިސްލާމިކް މިނިސްޓްރީގެ ގިނަ މައްސަލަތައް ހައްލުކުރީ މަޝްވަރާކޮށްގެން: މިނިސްޓަރު
14 ނޮވެމްބަރު 2020 | ހޮނިހިރު 07:36ގިނަ މައްސަލަތައް ހައްލު ކުރީ މަޝްވަރާގެ ތެރެއިން


މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ، މަގާމާއި ހަވާލުވެލެއްވިއިރު ގިނަ މައްސަލަތައް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި
އިސްލާމިކް މިނިސްޓްރީއާ ހަވާލުވެލެއްވިއިރު ގިނަ މައްސަލަތައް ހުރި ކަމަށާއި، މަޝްވަރާގެ ތެރެއިން ގިނަ މައްސަލަތައް ހައްލުވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ މިނިސްޓަރު ކަމާއި ހަވާލުވެލެއްވިއިރު މިނިސްޓްރީގައި ވަރަށް ގިނަ މައްސަލަތައް ހުރި ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ 2 އަހަރު ދުވަހު ކުރެވުނު ގިނަ މަސައްކަތްތަކުން ބޮޑެތި ކާމިޔާބީތައް ހޯދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގިނަ މައްސަލަތައް ހައްލު ކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މައްސަލަތައް ހައްލު ކުރުމުގައި މަޝްވަރާއަށް އަބަދުވެސް އިސްކަންދޭ ކަަމަށާއި، ގިނަ މައްސަލަތައް ހައްލުކުރީ ދެ ފަރާތުން ވާހަކަ ދައްކައިގެން ކަމަށެވެ. އެގޮތުން މާވެޔޮ މިސްކިތް ހުޅުވުން ލަސްވެގެން ދިޔަ މައްސަލަ ވެސް ހައްލުކުރީ މަޝްވަރާގެ ތެރެއިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ލިބެން ހުރި ބައެއް ފައިސާ އެކިދިމަދިމާލުގައި ނުލިބި ތާށިވެފައި ހުރުމަކީ ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ނަމަވެސް މި މައްސަލަތަކަށް ވެސް މަޝްވަރާގެ ތެރެއިން ހައްލު ހޯދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހާއްސަކޮށް އައިލެންޑް އޭވިއޭޝަނުން އެ މިނިސްޓްރީއަށް ނުދައްކާ ހުރި ފައިސާގެ މައްސަލަ ފާހަގަކުރެއްވިއެވެ.
ހައްލުނުވެ ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ޒާހިރު ވިދާޅުވީ ގަބުރު އުފުލުމަށްޓަކައި ގަތް ދެ ދޯނި ގަތް މައްސަލަ އެބައޮތް ކަމަށެވެ. އަދި ބައެއް މައްސަލަތައް ކޯޓުތަކުގައި ކުރިއަށްދާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބައެއް މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.









