ކ. މާލެ
|
21 އޮކްޓޯބަރ 2020 | ބުދަ 17:42
ކޮވިޑްއާއި ގުޅިގެން މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތް ބޮޑުތަނުން ދަށް
ކޮވިޑްއާއި ގުޅިގެން މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތް ބޮޑުތަނުން ދަށް
ވެލާނާ އެއާޕޯޓް
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 27،000 އިން މައްޗަށް
 
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް އަލުން ވަނީ ހުޅުވާފައި
 
މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތް ބޮޑުތަނުން ދަށް
 
2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވޭ

ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލި ފަހުން 27,217 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި ވަނީ މި އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ. ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމުން ރާއްޖެއަށް ޒިޔާރަތް ކުރީ 1752 ފަތުރުވެރިންނެވެ. ޖެހިގެން އައި އޮގަސްޓް މަހު 7628 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިރު ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 9538 ފަތުރުވެރިންނަށް އިތުރުވެފައެވެ.

އިމްގްރޭޝަނުގެ ތަފާސްހިސާބުތަކަށް ބަލާ އިރު މި މަހުގެ 15 ވަނަ ދުވަހާ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 8350 އެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 2308 އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސޯސް މާކެޓްތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ، ރާއްޖެއަށް އާންމު ކޮށް ފަތުރުވެރިން އަންނަ ގައުމުތަކުގައި އަޅާފައިވާ ކަރަންޓީނު ފިޔަވަޅުތަކާއި ބަދަލު ވަމުން އަންނަ ކޮވިޑުގެ ހާލަތާއި ގުޅިގެން އެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދުތައް ދަށަށް ގޮސްފައިވާ ކަމަށެވެ.

ޑރ. ނައުޝާދު އެ ދުވަހު ވިދާޅުވި ގޮތުގައި، އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 413،662 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެހެން ކަމަށް ވާނަމަ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 30،000 އަށް ވުރެ އިތުރުވެފައެވެ.

މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފި ނަމަވެސް، ކޮވިޑްގެ ހާލަތާއި ގުޅިގެން ފަތުރުވެރިން އަންނަ އަދަދުތައް ވަނީ ބޮޑު ތަނުން ދަށަށް ގޮސްފައެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އެންމެ ފަހުން ވިދާޅުވި ގޮތުގައި، މިހާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހަތް ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމެވެ.

މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ވަމުން އަންނަ އިރު، މި މަހުގެ 15 ގައި ގެސްޓް ހައުސްތައް ހުޅުވާލުމާ ގުޅިގެން ވެސް ފަތުރުވެރިންގެ އަދަދުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ޑިސެމްބަރު މަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން އަންނަންވާ އިރަށް، އިތުރު ރިސޯޓްތަކާއި ގެސްޓް ހައުސްތައް ހުޅުވިގެން ދާނެ ކަަމށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް