ދަނޑުވެރިކަން ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ :މިނިސްޓްރީ
7 ސެޕްޓެމްބަރު 2020 | ހޯމަ 14:55އެގްރޯ ޓޫރިޒަމް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށްދޭ


އއ.ތޮއްޑޫގެ ކަރާ ދަނޑުތައް
ދަނޑުވެރިކަން ކުރިއެރުވުމަށް މި ފާއިތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ނުކުރާ ވަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތްތައް ކުރެވިފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަބާއު ވިދާޅުވީ މި ސަރުކާރު އައީ ވެސް ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޚާއްސަ ސްޓްރެޓެޖިކް ޕްލޭނަކާއެކު ކަމަށާއި، އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ދަނޑުވެރިކަން ބޮޑަށް ބަރޯސާވެފައި އޮތީ ބޮޑަށް ޓޫރިޒަމްގެ މާކެޓަށްކަން ފާހަގަކުރައްވައި ޝަބާއު ވިދާޅުވީ ގިނަ ބަޔަކު ހައްދަމުން އައީ ވެސް އެ މާކެޓަށް ބެލުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ ލޯކަލް މާރުކޭޓަށް ރަށްރަށުން ގިނަ ބާވަތްތައް ރިސޯޓުތަކަށް ގެންދާ ކަމަށެވެ.
ޝަބާއު ވިދާޅުވީ މި ފާއިތުވެދިޔަ އަހަރުތަކުގައި ނުދެވޭ ޚާއްސަކަން މި ސަރުކާރުގައި ދަނޑުވެރިމުގެ ސިނާއަތަށް ދީފައިވާ ކަމަށެވެ. އެގޮތުން ބަޖެޓް ކަނޑައެޅުމާއި އެގްރޯ ޓޫރިޒަމް ފުޅާ ކުރުމުގައި މަސައްކަތް ކުރަމުންދާ ކަމަށް ޝަބާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަނޑުވެރިކަމުގެ ޕްރޮޑަކްޝަން އިތުރު ކުރުމަށް ވެސް މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ދަނޑުވެރިންނަށް ޚާއްސަކޮށް ލޯނުތައް ދޫކުރެވިފައިވާ ކަމަށެވެ.
އެގްރޯ ޓޫރިޒަމަށް އަލިއަޅުވާލައި ޝަބާއު ވިދާޅުވީ ސަޕްލައި ނުހުއްޓި ފޯރުކޮށްދެވެން ޖެހޭ ކަމަށާއި، ކޮލެޓީ ވަކި މިންގަނޑެއްގައި ހިފެހެއްޓެން ޖެހޭ ކަމަށެވެ. އެގޮތުން ދަނޑުވެރިން އުފައްދާ ބާވަތްތައް ޕެކެޓް ކުރުމާއި، ހަލާކުނުވެ މާރކެޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަބާއު ވިދާޅުވިއެވެ.
ޝަބާއު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ލޯކަލް މާރުކޭޓް ވެސް ތަރައްގީ ކުރަމުންދާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ޚާއްސަ އިސްކަމެއް ދީގެން މާލޭގެ ލޯކަލް މާރުކޭޓް ބަލަހައްޓަމުންދާކަން ވެސް ޝަބާއު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޝަބާއު ވިދާޅުވިއެވެ.





