ކ. މާލެ
|
20 އޯގަސްޓް 2020 | ބުރާސްފަތި 17:35
ކޮވިޑް-19 އާ ގުޅިގެން އުފެއްދި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހަރަކާތްތައް ރައީސް ޞާލިހު ބައްލަވާލައްވަނީ
ކޮވިޑް-19 އާ ގުޅިގެން އުފެއްދި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހަރަކާތްތައް ރައީސް ޞާލިހު ބައްލަވާލައްވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ދައުލަތުގެ ފައިސާއިން ވައްކަން ކުރުން
ސިޔާސީ މަގާމެއް ލިބުމަކީ، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ދެވޭ ލައިސަންސެއް ނޫން!
 
ސަރުކާރެއް ނިމޭއިރު، އެސަރުކާރުގެ ތެރޭގައި ހިންގާފައިވާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގި ފަރާތްތަކާމެދު ފިޔަވަޅު އަޅައި ސާފު ކުރަންޖެހޭ
 
އޮޑިޓް ރިޕޯޓަކާއި ގުޅިގެން ތަހުގީގެއް ހިންގަން އޮތްނަމަ، އެރިޕޯޓަށް ހިރަފުސް އެރުމަށް ނުބާއްވާ، ތަހުގީގު އަވަސް ކުރަންޖެހޭ
 
އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރާ ކަންކަމަށް ތަހުގީގު އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެކަން އަވަސް ކުރަންޖެހޭ

ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނަކީ، ތޮބައީ ގޮތުން އިންސާނާގެ ގައިގާ ހުންނަ ސިފައެއްކަމަށް މީގެކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ވެރިޔަކު ވިދާޅުވި އަޑުއެހީ މެވެ. ނަމަވެސް، ހަމަ އެވެރިޔާގެ އެންމެ ގިނައިން ވިދާޅުވާ، ނުވަތަ އެންމެ "އަނގަމަތީ ބަހަކަށް" ވެފައިއޮންނަ އެ ބަހަކީ "މައުސޫމް" އެވެ. އަދި ތިމަންމަނިކުފާނަކީ މައުސޫމް ބޭފުޅެއްގެ ގޮތުގައި ދެއްކުމަށްޓަކައި، އަބަދުވެސް އެ ބަސް ބޭނުންކޮށް އުޅުއްވަ އެވެ. ނަމަވެސް، ހަޔާތެއް ސިޔާސީ އެކިއެކި އިސްމާގާމުތައް އުޅުއްވި އަދި ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ވެރިޔަކަށް، ވައްކަމަކީ އިންސާނާގެ ތޮބީއަތުގައި ހުންނަ ކަމެއްކަމަށް ގަބޫލު ކުރެވުމަކީ ހަމަ ވެދާނެ ކަމެކެވެ.

ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނަކީ ދިވެހިރާއްޖޭގައި ވަރަށް އާއްމު ވެފައިވާ ގައުމީ ބޮޑު މައްސަލައަކެވެ. މީގެކުރިން ހާހުން ލައްކައި ވައްކަން ކުރިއަސް މިހާރު ވައްކަން ކުރާ މީހުން ވައްކަން ކުރަނީ މިލިއަނުން ނެވެ. އަދި މިރާއްޖޭގެ ސިޔާސީ މަގާމުތަކުގައި ތިއްބައިވައިގެން މިލިއަން ޑޮލަރުން ވައްކަން ކުރާ ވެރިންވެސް ވަކި މަދެއް ނޫނެވެ.

ދިވެހިރާއްޖެއަކީ މުއްސަނދި ގައުމެއްކަމަށް ގަބޫލުކުރާ، އެއްހަގީގަތަކީ ވެސް މިއީ އެވެ. ރާއްޖެގެ ސިޔާސީ ބޭފުޅުން ތާއަބަދު އެތައް މިލިއަން ޑޮލަރަކުން ވައްކަން ކުރަމުންދާއިރުވެސް ދައުލަތުގައި ފައިސާ ހުރެއެވެ. މީގެ މިސާލަކީ މިހާރު ދިމާވެގެން އުޅޭ ކޮވިޑް-19 ޕެންޑަމިކް އާގުޅިގެން ރާއްޖެއަށް އާމްދަނީ ވަންނަ ހުރިހާ ދޮރެއް ގާތްގަނޑަކަށް ބަންދުވެފައިވާއިރު، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ވައްކަން ކުރާ މިންވަރު ވަކި މަދުނުވާ ކަމެވެ. ހަމައެކަނި ހެލްތް މިނިސްޓްރީއަށް ބެލިޔަސް މިލިއަން ޑޮލަރުން އެވަނީ ވައްކަން ކޮށްފަ އެވެ. އެހެންނަމަވެސް، ސަރުކާރުން އެދަނީ ވަޒީފާއިން ވަކިކުރި މީހުންނަށާއި އާމްދަނީ އަށް އަސަރުކުރި ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެކަމަކު ދައުލަތަކަށް އާންދަނީ ވަންނަ ހުރިހާ ދޮރެއް ބަންދުވެ، 5 މަސް ދުވަސް ވެގެންދާއިރުވެސް ދިވެހި ރައްޔިތުންގެ ތެރެއިން މަދު ބައެއްގެ ޖީބަށް ނޫނީ އަސަރު ކުރިތަނެއް ނުފެނެއެވެ. އެހެންވެ، ދައުލަތުގެ މާލިއްޔާއިން ވައްކަން ނުކުރާނަމަ، ދިވެހިންނަށް ވުރެ ވަކި އުފަލުން އުޅޭނެ ބަޔަކު މިދުނިޔޭގައި އޮންނާނެ ބާއޭ ހިތަށް އަރާ ފަހަރަ ވަކި މަދެއް ނޫނެވެ.

އޮތީ އެންމެ ހައްލެކެވެ. ދައުލަތުގެ މާލީ ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް، ދައުލަތުގެ ފައިސާއިން ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ހިންގާ ހުރިހާ އެންމެނަށް ވަގުތުން ވަގުތަށް ބޮޑެތި އަދަބުތައް ދިނުމެވެ. ދައުލަތުގެ އިދާރާތުގައި ތިއްބަވާ މާލީ ޒިންމާދާރު ފަރާތްތައް ދައުލަތުގެ ފައިސާއިން ޚަރަދު ކުރުމުގައި ޒިންމާދާރު ކުރުވުމެވެ. ދައުލަތުގެ މާލީ ޒިންމާދާރުވެރިންގެ އިހުމާލުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ ނަމަ، ވަގުތުން ވަގުތަށް އޮޑިޓްކޮށް، އެ އޮޑިޓް ރިޕޯޓް ކަމާބެހޭ ތަހުގީގު އިދާރާއިން ވަގުތުން ވަގުތަށް ތަހުގީގު ހިންގާ، ހެކި ނައްތާލާފާނެކަމަށް ފެންނަނަމަ، ހައްޔަރުކޮށްގެންވިޔަސް، އޮންނަ އިޖުރާއަތުގެ ދަށުން ވީއެންމެ އަވަހަކަށް އެމައްސަލައަށް ގޮތެއް ނިންމަންވީ އެވެ. އަދުލްއިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުވަންވީ އެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތު ކުރާނީ ޝަރީއަތުންނެވެ. ޝަރީއަތްވެސް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްދާންޖެހެ އެވެ. ތަހުމަތު ކުރެވޭ މީހާއަށް ކުށުން ބަރީއަވުމަށް ފުރިހަމަ އިހުތިޔާރާއި ބާރު ލިބިދޭންޖެހޭނެ އެވެ. ކުށުން ބަރީއަ ވުމަކީ އެމީހެއްގެ އަމިއްލަ މަސްއޫލިއްޔަތެކެވެ.

މިފެންވަރަށް އަދުލްއިންސާފުގެ ކަންކަން ކުރިއަށް ނުގެންދެވޭނަމަ، ރާއްޖޭގައި އަށަގެންފައިވާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ނައްތައެއް ނުލެވޭނެ އެވެ. އެންމެ މުހިންމު އެއް ކަމަކީ މިސަރުކާރުގެ ވެރިން ހިންގާފައިވާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލުތައް މިސަރުކާރު ނިމެދެން ނުބޭއްވުމެވެ. މިސަރުކާރު ނިމޭއިރު، ދާންވާނީ ހުރިހާ ކަމެއް ސާފުކޮށްފަ އެވެ. އެގޮތަށް ކޮންމެ ސަރުކާރެއް އައިސް އެސަރުކާރެއް ނިމޭއިރު، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ހައްގު އަބަދު ދެވެންޖެހެ އެވެ. ވައްކަން ކުރަން ބިރުގަންނަ ވަރަށް އަބަދު ދެވެންޖެހެއެވެ. އޭރުން ދައުލަތަށް ލިބޭ ފައިސާގެ ހަމަ އަދަދު ދައުލަތުގެ މާލިއްޔާއަށް ވަދެ، ރައްޔިތުން އެދޭ ތަރައްގީ ގެންނަން ފައިސާ ހުންނާނެ އެވެ. މާލީ ގޮތުން އެހެން ގައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ދަށްވެ، މަލީ ތަނަވަސްކަން ލިބި، ގައުމު އިސާހިތަކުން ހަމަޖެހިލަފާނެ އެވެ.

މިކަމުގައި ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދުލްއިންސާފުގެ ދާއިރާގެ ވެރިޔާއާއި ދައުލަތުގެ އޮޑިޓަރ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ މުއައްސަސާ އަދި ޕްރޮސެކިއުޓާރ ޖެނެރަލް ފަދަ ބޭބޭފުޅުންގެ އިލާސްތެރި މަސައްކަތެވެ. މިހެން ބުނާއިރުވެސް، ދިވެހިރާއްޖޭގައި އަށަގެންފައިވާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ނައްތާލުމަކީ ވަރަށް އުނދަގުލުން ނޫނީ ނުހުއްޓުވޭނެ ކަންކަން ގަބޫލުވެސްކުރަންޖެހެ އެވެ. އަދި އަމުދުން މިހާރު މިކަން ކުރާ މީހުން ކުރަނީވެސް ވަރަށް "ސްޓައިލް"ގައިކަން ގަބޫލުކުރަންޖެއެވެ.

ދިވެހި ރައްޔިތުންގެ ފައިސާއިންނާއި މުދަލުން ވައްކަން ކުރާއިރު، މޭޒުކައިރީ އިނދެގެން، ރައްޔިތު މީހާއަށް ދޮންކަޅުވެސް އަންގާނުލަ އެވެ. ދައުލަތުގެ އިދާރާތަކުން ވަންކަން ކުރާއިރު، މިހާރު އެއީ ނެޓްވޯކެއްގެ ތެރެއިން ހިންގާ ޖަރީމާތަކެކެވެ.

ކޮވިޑް-19 އާއެކު މުޅި ދުނިޔޭގެ އިގްތިޞާދު ފުނޑުނުއިރު، ރާއްޖެއަށް ކުރާ އަސަރު މާބޮޑު އެވެ. އެކަމަކުވެސް، ކޮވިޑާއެކު ގައުމުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ނިކަމެތި ރައްޔިތުން ގެއަށް ވެއްދުމަށްފަހު، ސިއްހަތާބެހޭ ވުޒާރާ އޮތީ، ކޮވިޑުން ރައްޔިތުން ސަމާލަތް ކުރުމުގެ "ހެޔޮނިޔަތުގައި" ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގަ އެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ވެރިންނާއި މާލީ ޒިންމާދާރުވެރިން ވައްކަން ކުރުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލު ވަރައް ރީއްޗަށް ހެލްތް މިނިސްޓްރީގެ ކޮވިޑް-19 އާ ގުޅިގެން ކުރި ޚަރަދުތަކުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުން އެކަނިވެސް ސާފުވާނެ އެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ހިއްސާވާ އެސްޓީއޯއަކީ، ނަން ހުސްކޮށް، ރާއްޖެއަށް ބޭސް އެތެރެކުރާ ކުންފުންޏެކެވެ. ބޭސް އެކަންޏެއްވެސް ނޫނެވެ. ދިވެހި ރައްޔިތުންނަށާއި ސަރުކާރުން ބޭނުންވާ ކޮންމެ އެއްޗެއް ސަރުކާރުގެ އިދާރާތަކަށް ސަޕްލައި ކުރުމުގެ ގާބިލްކަން އެސްޓީއޯގައި އޮތްއިރު، މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ދައުލަތުގެ ޚަރަދަށް ނުބަލާ، ހެލްތް މިނިސްޓްރީން ވަނީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މާލިއްޔަތު ގަވާއިދުގައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލެއް ކަނޑައަޅާފައިވަނީ، އޭގެ ނާޖާއިޒު ފައިދާ ނަގާކަށް ނޫނެވެ.

ވަގުތު ނާޒުކުކަމުން، މާލިއްޔަތު ގަވާއިދުގައި އެހަނި ފުރުސަތު ދީފައިވާއިރު، އެފުރުސަތުގެ ބޭނުން ކުރުމުގައި އިތުބާރު ހިފޭ ބަޔަކާ ހަވާލު ކުރިނަމަ، އެބުނާ ވެންޓިލޭޓަރުތަކެއް ނުގެނެވުނުއިރު، ވެންޓިލޭޓަރުތައް ގެންނަން ދިން ފައިސާ ދައުލަތަށް އަނބުރާ ލިބުނީސް އެވެ. ހަމަ ގައިމުވެސް އެސްޓީއޯއަށް އެ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރިނަމަ، ވެންޓިލޭޓަރުތައް ނުލިބުނުތަނުގައި ފައިސާ އަނބުރާ ލިބޭނެކަމީ ޔަޤީންވާ ކަމެކެވެ. އެކަމަކު ހެލްތް މިނިސްޓްރީން ބިޑް ކުރުމުގައިވެސް އަދި ކޯޓޭޝަން ހުށަހަޅަން އެސްޓީއޯއަށް އެދުމުގައި ކޮށްފައިވަނީ ޖެއްސުމެކެވެ. ހެލްތް މިނިސްޓްރީން ވަކި ބަޔަކާ ހަވާލުކޮށްގެން ތަކެތި ގެންނަން މަސައްކަތްކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ވަރަށް ސާފުކޮށް އެނގެއެވެ.

ތަކެތި ހޯދަން ބިޑަށް އިއުލާން ކުރުމުގެ ކުރިން ހެލްތް މިނިސްޓްރީން މަސައްކަތް ހަވާލުކުރަން ބޭނުންވާ ކުންފުންޏާ ކުރިން މުއާމަލާތްތައް ހިންގާނަމަ، އެއީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. އޯޑިޓް ރިޕޯޓްތަކުން މިފަދަ ބައެއް ކަންކަން ކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ.

ހެލްތް މިނިސްޓްރީއަށް ވެންޓިލޭޓަރުތަކާއި ފާމަސޫޓިކަލް ވަސީލަތްތަކާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ފަދަ ތަކަތި ގަތުމަށް ބިޑް ކުރިއިރު، އެތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް ވަރަށް ބޮޑަށް ބަލާފައިވެއެވެ. އެހެންނަމަވެސް، މަސައްކަތް ހަވާލުކުރުމުގެ ކުރިން ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަން ވަޒަންކޮށްފައި ނުވާ މައްސަލައަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އެއީ ވަކިބަޔަކަށް ބިޑް ހަވާލު ކުރުމަށް ބައެއް ފަރާތްތަކުން ގެންގުޅޭ އުކުޅެވެ. އެގޮތުން، އެންމެ ކުރު މުއްދަތެއްގައި އެތަކެތި ފޯރުކޮށްދޭން ބުނާ ކުންފުންޏަށް، އެތަކަތި ހަވާލުކުރާއިރު، އެބުނާ މުއްދަތަކަށް އެތަކެތި ނުގެނެވި، އަދި އެކުންފުންޏަކީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށްވީއިރު، އެތެރެއެތެރެއިން، މުއްދަތު އިތުރުކޮށްދޭނެ ކަމަށްބުނެ، ބޮޑު އަގު ޖަހަން ބުނުމަކީ ނުވެނުދާނެ ކަމެކެވެ.

އެންމެފަހުން އާހިރުގައި މިޖެހުނީ ކޮންތާކުތޯ އެވެ. އެބުނާ ދުބާއީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ އޭޕްރީލް 2ގަ އެވެ. އެތަކެތި 14 ދުވަހުގެ ތެރޭގައި ރާއްޖެ ގެންނަ ގޮތަށެވެ. އަދި ޖުމްލަ 34 މިލިއަން ރުފިޔާގެ އަގުގެ 90 ޕަސެންޓް އެޑްވާންސްކޮށް ފައިސާ ދައްކަން އެއްބަސް ވެފައިވާތީ، އޭޕްރީލް 2 ވަނަ ދުވަހު އެޑްވާންސްކޮށް 25،6 މިލިއަން ރުފިޔާ ދެއްކިއިރު، އެޑްވާންސްގެ ދެވަނަ ޕޭމަންޓް ދެއްކީ 27 އޭޕްރީލްގަ އެވެ. އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ހެލްތް މިނިސްޓްރީ އެކުންފުންޏަށް ދެއްކިއިރު، އެއީ އެންމެ އަގުބޮޑުކޮށް ވެންޓިލޭޓަރުތައް ގެންނަން ހުށަހެޅި ކުންފުންޏެވެ. އަދި އޭޕްރީލް 16 ވަނަ ދުވަހު ރާއްޖޭގައި ހުންނަންޖެހޭ ވެންޓިލޭޓަރުތައް މިއަދާ ހަމައަށް ވެސް ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ. ނުވިތާކަށް ޙަރަދުކުރި 30.9 މިލިއަން ރުފިޔާ ވަންތަނެއްވެސް އެނގޭނީ ހަމަ ހެލްތް މިނިސްޓްރީގެ ބޭފުޅުންނަށެވެ.

އޮޑިޓަރ ޖެނެރަލް އެވަނީ އޭނާގެ ޒިންމާ ނިންމާފަ އެވެ. ދެން އޮތީ، ތަހުގީގު އިދާރާތަކުގެ ޒިންމާއެވެ. އޮޑިޓް ރިޕޯޓަށް ހިރަފުސްއަރަންދެން އެ ރިޕޯޓް ނުބާއްވާއި، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހެއެވެ. އެހެންނޫނީ، ދައުލަތުގެ އިދާރާތައް އޮޑިޓް ކުރުމުގެ ބޭނުމެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
33%
0%
33%
0%
0%
ކޮމެންޓް