ބޮޑުފިނޮޅުގެ މައްސަލައިގައި ހަގީގަތް އޮޅުވާލަން މަސައްކަތްކުރި ވަކީލުންތަކެއްގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަނީ
ހުރިހާ ބިދޭސީންގެ ނަމުގައި ވަކީލުންތަކެއް ވާހަކަ ދައްކާ އިރު 10 ބިދޭސީއަކަށް ވަކީލުން ވަނީ ހަމަޖެހިފައި

ބ. ބޮޑުފިނޮޅު ހަމަނުޖެހުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އެދުވަހު ގެނެވުނު ބައެއް ބިދޭސީންތައް ބަނދަރު މައްޗަށް ގެނެސްފައި
ބ. އަތޮޅު ބޮޑު ފިނޮޅުން ހައްޔަރުކުރި 19 ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ވަކީލުންތަކެއް، ފުލުހުންގެ މަސައްކަތަށް ދަތިކޮށް ހަޤީޤަތާއި ޚިލާފް ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތްކުރަމުންދާތީ އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ފުލުހުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރެވުނު 19 ބަންގްލަދޭޝް މީހުންނަށް އައްޔަންވި ވަކީލުންގެ ތެރެއިން ބައެއް ވަކީލުން ފުލުހުންގެ މުޢައްސަސާ ބަދުނާމު ވާގޮތަށް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު ޢާންމު ކުރަމުންދާ ކަމަށެވެ. އަދި ބޮޑުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ ރިސޯޓްގެ މަސައްކަތް ކުރުމަށް ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެރަށަށް ގެންގޮސްފައިވާ 198 ބިދޭސީންގެ ތެރެއިން ބަޔަކު ޖުލައި މަހުގެ 2 ވަނަ ދުވަހު އެރަށުގައި ހަމަނުޖެހުން ހިންގާ، ބަޔަކު ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި، ފުލުހުންނާ މެދު ލަކުޑިއާއި، ދަގަނޑާއި، ގައު ބޭނުންކޮށްގެން މާރާމާރީ ހިންގައި، ފުލުހުންގެ އުޅަނދަށް ގެއްލުންދީ، އަދި ބޮޑުފިނޮޅުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައާ ގުޅިގެން އެކަމުގައި ޢަމަލީގޮތުން އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ބަނގްލަދޭޝްގެ 19 މީހުން ހައްޔަރު ކުރެވުނު ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު 19 ބިދޭސީން ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް ކޯޓަށް ހުށަހަޅައިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންނަށް އައްޔަންވި ބައެއް ވަކީލުން 19 ބިދޭސީންގެ ނަމުގައި، އެ 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މިމައްސަލައިގެ ތަޙްޤީޤާއި، ފުލުހުން މުއައްސަސާއާއި، ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރައި ފުލުހުންގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި 19 ބިދޭސީންގެ ތެރެއިން 5 މީހަކަށް ދައުލަތުން ޢައްޔަންކޮށްފައިވާ ވަކީލުން ހަމަޖެހިފައިވާ ކަމަށެވެ. އަދި 5 މީހަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން 5 ވަކީލުން ޢައްޔަންވެފައިވާ ކަމަށެވެ. މި 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަ ދައްކާ ނޫސް ބަޔާން ނެރެމުންދަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވާ 19 ބިދޭސީންގެ ތެރެއިން 10 ބިދޭސީންގެ ވަކީލުންގެ ގޮތުގައި ވަކި ވަކީލުންތަކެއް ޢައްޔަންވެފައިވަނިކޮށް އެ ވަކީލުންނަށް އެނގުމެއް ނެތިކަމަށް ފުލުހުން ބުންޏެވެ. އަދި އެ 10 މީހުންނަށް އައްޔަންވެފައިވާ ވަކީލުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމެއް ނެތި، އަދި އެވަކީލުންނާ އެއްވެސް މަޢުލޫމާތެއް ޙިއްޞާކުރުމެއް ނެތިކަމަށް ވެސް ފުލުހުން ބުނެއެވެ.
ބ. ބޮޑުފިނޮޅުން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ނަމުގައި މަދު ވަކީލުންތަކެއްގެ ފަރާތުން ތަޙްޤީޤަށް ޤަސްދުގައި ހުރަސްއަޅައި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅޭކަމަށް ބެލެވޭގޮތަށް މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވާ ތަޙްޤީގް ރެކޯޑިންގ ތެރޭގައި ބުނުވަން އުޅުމާއި، އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބ. ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރުކުރުވާކަން ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވަނީ ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމުގެ މައިގަނޑު މައްސަލަ އަކީ އަދި އެކަންކަން ފެށިގެން އައިސްފައިވަނީ 2019 ޑިސެމްބަރު މަހުން ފެށިގެން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް، ރިޒް ކުންފުނީގެ ފަރާތުން މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމާއި އަދި މަސައްކަތްތެރީންގެ ހައްޤުތަކަށް އިހުމާލުވެ ފަރުވާކުޑަކުރުމާއި މަސައްކަތްތެރީންނާއިމެދު އަމަލުކުރެވެމުން ދިޔަގޮތުންކަން ތަހުގީގުން ހާމަވާ ކަމަށެވެ. އަދި ޖުލައި 2 ވަނަ ދުވަހު ބޮޑުފިނޮޅުގައި ހަމަނުޖެހުންތައް ހިނގަން ދިމާވި މައިގަނޑު މައްސަލައަކީ މުސާރަ ނުދިނުންކަން އެ ރަށުން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ބ. އޭދަފުށި ކޯޓުގައި ބޭއްވުނު މަޖިލީހުގައި ވެސް އެ މީހުން ކިޔައިދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މިކަންކަމާއި ގުޅުން ހުރި ޖިނާޢީ ތަޙްޤީޤްތައްވެސް އެ ސަރވިސްއިން މިދަނީ އަދި ހަމަނުޖެހުން ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކުގެ ތަޙްޤީޤްގައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ މިސަރވިސްއާއި ޕީޖީ އޮފީހާއި ދެމެދު މިހާރު ދަނީ ހިންގަމުންނެވެ.
ފުލުހުން ބުނީ ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވުނު 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކާލާތު ކުރަމުން އަންނަ މަދު ވަކީލުންތަކެއްގެ ފަރާތުން، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ވަކީލުން ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވާ އެތައް ސުލޫކީ މައްސަލައެއް ފާހަގަކުރެވެމުން އައިސްފައިވާތީއާއި މިވަކީލުންގެ ފަރާތުން ފުލުހުންގެ މަސައްކަތަށް ދަތިކޮށް ހަޤީޤަތާއި ޚިލާފް ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތްކުރަމުން އައިސްފައިވާތީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަން މިސަރވިސްއިން މޯލްޑިވްސް ބާ ކައުންސިލްއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.








