ބޮޑު ބަންދު އަހަރުގެ މެދުތެރެއަށް ގެނައުމަށް މިއީ ރަނގަޅު ފުރުސަތެއް: މިނިސްޓަރު އައިޝަތު
24 މެއި 2020 | އާދީއްތަ 00:44ބޮޑު ބަންދު އަހަރުގެ މެދުތެރެއަށް ބަދަލު ކުރުމަށް ޓޫރިޒަމްގެ ދާއިރާގެ ފަރާތްތަކުން އެދޭ


ފައިލް ފޮޓޯ: މިހާރު ބޮޑު ބަންދު ލިބެނީ އަހަރުގެ ފަހުކޮޅު ނޮވެމްބަރ އަދި ޑިސެމްބަރުގައި
ބޮޑު ބަންދު އަހަރުގެ މެދުތެރެއަށް ގެނައުމާ މެދު މަޝްވަރާތައް ކުރަމުންދާ ކަމަށާއި، މިފަދަ ބޮޑު ބަދަލެއް ގެނައުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އައިޝަތު ވިދާޅުވީ ބޮޑު ބަންދު އަހަރުގެ މެދުތެރެއަށް ގެނައުމާ މެދު ހިޔާލު ތަފާތުވެފައިވާ ކަމަށާއި، އަހަރުގެ މެދުތެރެއަށް ބޮޑު ބަންދު ގެނައުމަށް އެންމެ ބޮޑަށް ތާއީދު ކުރަނީ ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކުން ކަމަށެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ ކޮވިޑް-19ގެ މިހާލަތަކީ މިފަދަ ބޮޑު ބަދަލެއް ގެނައުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި، ކަމާ ބެހޭ ފަރާތްތަކާއެކު ބޮޑެތި މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.
ތައުލީމީ ދާއިރާއަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ހުރިހާ އެންމެނަށް ވެސް އޭނގެ އަސަރު ކުރާނެ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިކަމުގައި ވެސް ލިބޭ ފައިދާއާ ގެއްލުމަށް ބަލާނެ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ ނުލާ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށާއި ބޮޑަށް ޑިޕެންޑްވާނީ ގިނަ ފަރާތްތަކުން ބޭނުންވާ ގޮތުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ސްކޫލް ކިޔެވުން ބަންދު ވުމަށްފަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބެނީ އަހަރުގެ ފަހުކޮޅު ނޮވެމްބަރ އަދި ޑިސެމްބަރުގަ އެވެ. މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ގިނަައިން ފަތުރުވެރިން އަންނަ އެއް ދުވަސްވަރު ކަމަށްވާތީ ސްކޫލް ކުދިންގެ ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު އެދިފައި ވެއެވެ.







