އޯ ލެވަލް އިމްތިހާން ފަސްކުރުމަށް ކޭމްބްރިޖާ މަޝްވަރާކުރަނީ
10 އެޕްރީލު 2020 | ހުކުރު 07:15ގްރޭޑް 10ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ކަންކަން ވަރަށް ގާތުން ބަލަން


އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ
ކޮވިޑް-19އާ ގުޅިގެން އޯލެވަލް އިމްތިހާން ފަސްކުރުމަށް ކޭމްބްރިޖްއާއެކު މަޝްވަރާކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހު މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަކީ ޚާއްސަ ކުދިންތަކެއް ކަމަށާއި، އެކުދިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ހުރިހާ ސްކޫލުތައް ބަންދުވެފައިވީ ނަމަވެސް ޓެލެކްލާސްތައް މެދުވެރިކޮށް ގްރޭޑް 10ގެ ދަރިވަރުންނަށް ފިލާވަޅުތައް ނަގާ ދިނުމުގެ މަސައްކަތްތައް ހުރިހާ ސްކޫލަކުން ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ އޮކްޓޫބަރު އަދި ނޮވެމްބަރުގައި އޯލަވަލް ފަސްކުރުމާ ގުޅޭ ގޮތުން މިނިސްޓްރީން ކޭމްބްރިޖާ މަޝްވަރާކުރަމުންދާ ކަމަށާއި، މިހާތަނަށް ކޭމްބްރިޖުން ރަސްމީ ޖަވާބެއްދީފައިނުވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އައިޝަތު ވިދާޅުވީ އޯލަވަލް އިމްތިހާން ފަސްވެއްޖެ ކަމަށް ވަނީނަމަ އެސްއެސްއީ އިމްތިހާން ވެސް ފަސްކުރާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް އަދި، ކޮލެޖް ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. އަދި މި ދަނޑިވަޅަށް ޓިއުޝަން ކްލާސްތައް ވެސް މެދުކަނޑާލުމަށް އަންގާފައިވެ އެވެ. ރާއްޖޭގައި ސްކޫލްތައް ބަންދުވެފައި އޮންނަތާ ފަސް ހަފުތާވެފައިވާއިރު، އަންނަ ހަފުތާއަށް ވެސް ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.










