ފްލެޓްތަކުގަ މައްސަލަ ކުރިމަތިވަނީ އެކަށީގެންވާ މިންވަރަށް މޮނިޓަރކޮށްފައި ނުވާތީ: ހައުސިންގ
11 ފެބުރުއަރީ 2020 | އަންގާރަ 20:44ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅާފައި


ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު ދާވޫދު އިބްރާހިމް
ހުޅުމާލެއިން އެންމެ ފަހުން ދޫކުރި ފްލެޓުތަކުގެ މަރާމާތުގެ ބޮޑު މައްސަލަތައް ކުރިމަތިވަނީ ޢިމަރާތްކުރިއިރުގައި މޮނިޓަރ ކުރަންޖެހޭ ވަރަށް މޮނިޓަރ ކޮށްފައިނުވާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިމައްސަލައާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު ދާވޫދު އިބްރާހިމް ވިދާޅުވީ 704 ފްލެޓުގެ ތެރެއިން މަރާމާތައް ބޭނުންވެ، ހުޅުވާލި ފުރުޞަތުގައި ގިނަ މައްސަލަތަކެއް ފެނިގެންދިޔަ ކަމަށެވެ.
އެގޮތުން 36 އެޕާޓްމެންޓަކުން ފާޚާނާއިން ފެން ލީކުވުމުގެ މައްސަލަ ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ދާވޫދު ވިދާޅުވީ 06 ގެއެއްގެ ސީޓުގައި ރެނދުލާފައިވާ ކަމަށާއި، މިއީ ވެސް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ބޮޑެތި މައްސަލަތައް މިހާރު ފެންނަމުން މިދަނީ މިމަސައްކަތްތައް ކުރިއިރުގައި އެކަށީގެންވާ މިންވަރަށް މޮނިޓަރ ކޮށްފައިނުވާތީ ކަމަށެވެ.
ފްލެޓްތަކަށް ފެން ނުލިބޭ މައްސަލައަށް އަލިއަޅުއްވާލައްވާ ދާވޫދު ވިދާޅުވީ އެބަސްވުމާއި ޚިލާފަށް ހަދާފައިވާ ފަސް ވަޅެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިމައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނީ ފެންވަޅުތައް ބަދަލުކޮށްގެން ކަމަށެވެ.
ދާވޫދު ވިދާޅުވީ ވަޅުތަކުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ނަމަވެސް ދެން ހުރި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ފެށޭނެ ކަމަށާއި، މަސައްކަތް ފަށާ މާގިނަ ދުވަހެއް ނުވެ ޙައްލު ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ބިލްޑިންގައި ސްޓްރަކްޗަރ ލިބިފައިހުރި ގެއްލުންތަކުގެ މައްސަލަތައް ދެން ޙައްލު ކުރުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅަކު ހުރެގެން ކަމަށެވެ.
ފުލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތްކުރާނީ ކޮންޓްރެކްޓަރ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާއި، ހައުސިންގ މިނިސްޓްރީ އާއި ގުޅިގެންނެވެ. އަދި މި މަސައްކަތުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވެސް އެހީތެރިވާނެއެވެ.








