ގދ ހޯނޑެއްދޫގައި މަސްފެކްޓްރީ އެޅުމަށް ހޮރައިޒަން އާއެކު ވެފައިވާ އެއްބަސްވުމުގެ މައްސަލަ ހައްލުކުރުމަށް ކޯޓަށް
އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު


ފިޝަރީޒް މިނިސްޓަރ މަޖިލީހުގައި ޖަވާބު ދެއްވަނީ
މަސްފެކްޓްރީ އެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒް އަށް ފިޝަރީޒް މިނިސްޓްރީން ގދ ހޯނޑެއްދޫއިން ބިންދޫކޮށްފައިވާތީ އާއި އެކަމާއި ގުޅޭ އެއްބަސްވުމާއި ގުޅޭ މައްސަލަ ކޯޓުމަރުހަލާއިން ހައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މި އެއްބަސްވުމާއި ގުޅޭގޮތުންނާއި މި އެއްބަސްވުމާއި އެއްވެސް ފަރާތަކުން ޚިލާފުވެފައިވާނަމަ، އެކަމުގެ ތަފުޞީލު ދެއްވުމަށް ސުވާލުކުރެއްވީ މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން އެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާރ ވިދާޅުވީ ގދ ހޯނޑެއްދޫގައި މަސްގަންނަ ސެންޓަރެއް ގާއިމުކުރުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ގއ ހޯނޑެއްދޫ ބިމުން 8.9 ހެކްޓަރުގެ ބިމާއި އެބިމާއި އިންވެގެން ހިއްކާފައިވާ 4.5 ހެކްޓަރުގެ ބިމާއެކު ޖުމްލަ 13.5 ހެކްޓަރުގެ ބިން ހޮރައިޒަން އަށް ކުއްޔަށް ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމުކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ވެލިފުނި ނެގުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ހުރުމަށްފަހު ހޯނޑެއްދޫގައި ހައުސިން މިނިސްޓްރީން ހައުސިންގ ޔުނިޓްތަކެއް އެޅުމަށް އެވެލި ބޭނުންކުރުމުގެ ހުއްދަ އަށް ހައުސިންގ މިނިސްޓްރީން އެދުމުން އެކަމުގެ ހުއްދަ ދިންކަމަށެވެ. އަދި އެކަމުގެ ހުއްދަ ދީފައިވަނީ 10 ފެބްރުއަރީ 2016 ގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ހައުސިންގ މިނިސްޓްރީއަށް ބޭނުންވާ ވެލި ނަގާ ނިމޭނެ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ހޯނޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސް ގެ މަސައްކަތް ނިންމުމަށް މަޝްރޫޢުގެ ވޯކް ޕްލޭން އިސްލާހުކޮށް ފޮނުވައިދިނުމަށް މިނިސްޓްރީން ވަނީ 10 ފެބްރުއަރީ 2016 ގައި ހޮރައިޒަންއަށް އަންގާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގެ އެންގުމާ ހަވާލާދީ ދުނިޔޭގެ އެވަގުތު ބާޒާރުގެ މަހުގެ އަގުތައް ދަށްކަމަށް ކުންފުނީގެ ކޭޝްފްލޯއަށް ހޯނޑެއްދޫ ފިޝަރީޒް ގެ މަސައްކަތް އަވަސް މުއްދަތެއްގައި ނިންމޭނެކަމަށް ނުފެންނާތީވެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް 2 އަހަރާއި 6 މަސްދުވަސް މުއްދަތެއް ނަގާނެކަމަށް 3 ޖޫން 2019 ގައި ވަނީ އެކުންފުނިން މިނިސްޓްރީއަށް އަންގާފައިކަމަށެވެ.
އޭގެފަހުންވެސް ހުށަހަޅާފައިވާ ވޯރކް ޕްލޭނާ އެއްގޮތަށް މަސައްކަތް ނިންމާ މަސްގަތުމަށް އަވަހަށް ފެށުމަށް 23 ޖޫން 2019 ގައި ވާނީ އެކުންފުންޏަށް އަންގާފައި ކަމަށް މިނިސްޓާރ ވިދާޅުވި އެވެ. އަދި މަސްގަތުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަންގައި ދިނުމަށްވެސް އެދިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް މިނިސްޓްރީގެ އެންގުމަށް ހޮރައިޒަން އިން މިއަދާ ހަމައަށް އެދެވޭ ޖަވާބެއް ދީފައިނުވާކަމަށް މިނިސްޓާރ ވިދާޅުވި އެވެ.
މިނިސްޓާރ ވިދާޅުވީ ދައުލަތަށް ބުރަ ބޮޑުނުވާނެ ގޮތަކަށް މިކަމަށް ހައްލު ގެނައުމަކީ މިނިސްޓްރީގެ އަމާޒެއްކަމަށެވެ.
އަދި މިހާރު މިމައްސަލަ އޮތްގޮތުން މިމައްސަލަ ދެން ދާނީ ކޯޓަށްކަމަށް މިނިސްޓާރ ވިދާޅުވި އެވެ. މިނިސްޓަރަށް މެމްބަރުން ތަކުރާރުކޮށް އަމާޒުކުރެއްވި ސުވާލަކީ އެގްރިމެންޓާ ހޮރައިޒަން އިން ޚިލާފުވެފައިވާކަމަށް ދެކެވަޑައިގަންނަވަންތޯ އާއި އެހެންކަމަށްވާނަމަ ފިޔަވަޅު އަޅުއްވާނީ ކޮންއިރަކުންތޯ އެވެ. މިނިސްޓާރ އެސުވާލަށް ސީދާ ޖަވާބެއް ނުދައްވާ ވިދާޅުވީ މިނިސްޓަރ އުންމީދުކުރެއްވި ހިސާބަށް އެމަސައްކަތް ނުދާކަމަށެވެ. އަދި ހެދިފައިހުރި އެކްސްކުލޫސިވް އެގްރިމެންޓް އުވާލައިގެން ނޫނީ މަސްވެރިންނަށް ހަމައަގު ހޯދައި ނުދެވޭނެކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިމައްސަލަ ކުރިޔަށް އޮތް ދެތިން މަސް ތެރޭގައި ހައްލުވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމުއްދަތަކީ ދިގު މުއްދަތެއްކަން ފާހަގަކުރައްވާ ވީ އެންމެ އަވަހަށް މިމައްސަލަ ނިންމުމަށް މަސައްކަތްކުރުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގަންފަ އެވެ.
ހޯނޑެއްދޫގައި މަސްފެކްޓްރީ އެއް އެޅުމަށް ބިން ކުއްޔަށް ދީފައިވަނީ އަކަފޫޓަކަށް 15 ލާރީގެ މަގުންނެވެ. އަދި ކުލި ބަރާބަރަށް ހޮރައިޒަން އިން ސަރުކާރަށް ދައްކަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.





