އަންނަ އަހަރު ގިނަ މަޝްރޫޢުތައް ނިމޭވަރަށް ބަޖެޓުގައި ފައިސާ ހުންނާނެ: މިނިސްޓަރ އަސްލަމް
203 މަޝްރޫއެއްގެ މަސައްކަތްތައްވާނީ ކޮންމެސް މަރުހަލާއަކާ ހިސާބަށް ގެންގޮސްފައި ކަމަށް މިނިސްޓަރ ވިދާޅުވި


މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގިނަ މަޝްރޫޢުތައް ނިމޭވަރަށް ފައިސާ ހުންނާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ މިނިސްޓަރ އަސްލަމާ ސުވާލުކުރެއްވީ މީގެކުރިން މިނިސްޓަރ މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގާވަރަށް ފައިސާ ނެތްކަމަށް ވިދާޅުވެފައިވާތީ އަންނަ އަހަރުގެ ބަޖެޓްގައި މަޝްރޫޢުތައް ނިމޭވަރަށް ފައިސާ ހުރިތޯއެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިޔާސަތަކަށްވީ ބަޖެޓުގައި ހިމަނާފައި ހުރި ޕްރޮޖެކްޓުތަކުގެ ކޮންމެވެސް މަސައްކަތެއް މިއަހަރު ތެރޭގައި ފެށުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު މަސައްކަތްކޮށް 203 މަޝްރޫއެއްގެ މަސައްކަތްތައް ކޮންމެވެސް މަރުހަލާއަކާ ހިސާބަށް ގެންގޮސްފައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބަޖެޓުގައި ހުރި މަޝްރޫޢުތަކަކީ ތިން އަހަރު ތެރޭގައި ނިމޭގޮތަށް ހިމަނާފައި ހުންނަ މަޝްރޫޢުތައް ކަމަށެވެ. އެހެންކަމުން ތިން އަހަރުގެ ތެރޭގައި ބަޖެޓުގައި ޖަހާފައި ހުރި މަޝްރޫޢުތައް ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި 900 ށް ވުރެ ގިނަ މަޝްރޫޢުތައް ވަނީ ހިމަނާފަ އެވެ. މި މަޝްރޫޢުތަކަށް 10.2 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.



