ކައުންސިލް އިންތިޚާބުގެ ކުރިން ލާމަރުކަޒީ ގާނޫނު ފާސްވާނެ: ރައީސް ނަޝީދު
23 ނޮވެމްބަރު 2019 | ހޮނިހިރު 19:42ރައްޔިތުންގެ އާންމު ހާލަތު ބަދަލުވާނެ


ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ލާމަރުކަޒީ ގާނޫނު ފާސްކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ.ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ދަށުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަނީ، އެބާރުތަކާ އިތުރު ފައިސާތަކާއެކު ރާއްޖެ ބަދަލު ކުރުމަށް ކަމަށާއި، އާންމު ރައްޔިތުންގެ އާންމު ހާލަތު ބަދަލު ކުރުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަދަލު ގެނައުމުގެ ވިސްނުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވިސްނުން ކަމަށާއި، ބަދަލަށް އެދެނީ ކުދިކުދި ކަންކަމުގައި ކަމަށެވެ. ނަޝީދު ވިދާޅުވީ މިބަދަލާއެކު ވަޒީފާތައް އިތުރުވާނެ ކަމަށާއި، ގޭގައި ހުރި މީހަކަށް ވާޒީފާގެ ފުރުސަތުތައް ލިބިގެން ދިއުމަކީ ގައުމަށް ލިބޭ ކުރިއެރުން ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ޕީޕީއެމުން ބާރުއަތުލައި، މުށުތެރޭގައި އެންމެހައި ކަމެއް ހިފެހެއްޓި ނަމަވެސް މިސަރުކާރު ނުވަތަ އެމްޑީޕީގެ ފިކުރަކީ ދޫކޮށްލުން ކަމަށެވެ. އަދި ކަމެއް ތަރައްގީވެގެން ދަނީ ދޫކޮށްލުމުން ކަމަށާއި، ހިފެހެއްޓުމުން ކުރި ނާރާނެ ކަމަށެވެ.
2020 ވަނަ އަހަރުގެ ބަޖެޓަށް އަލިއަޅުއްވާލައްވާ ނަޝީދު ވިދާޅުވީ އެބަޖެޓަކީ ރައްޔިތުންނަށް މަންފާއާއި ފައިދާ ފުރިހަމައަށް ލިބޭ ބަޖެޓެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ކައުންސިލްގެ ބަޖެޓުން ފައިސާ ހަރަދު ކުރަންވީ ވަޒީފާގެ ފުރުސަތު އުފެއްދުމަށް ކަމަށާއި، އަތޮޅު ތެރޭގައި ރަށްރަށުގައި އެކިއެކި މަސައްކަތްތައް ކުރުމަށް ކަމަށެވެ.
އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ގެސްޓްހައުސް ވިޔަފާރިއާ، ވަޑާންގެތަކާއި، ފިހާރަތައް އަދި ރެސްޓައުރެންޓްތައް ވެސް ރަށުގައި ހިންގާ، މިފަދަ ކަންކަން އިތުރަށްފުޅާކޮށް މަގުފަހި ކުރުމަށް ބަޖެޓްގެ ފައިސާ ބޭނުންކޮށް، ފައިސާ އިތުރަށް ހޯދާނެ ކަމަށެވެ. އަދި އެބަޖެޓުން ހަރަދު ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ދޫކޮށްލަނީ އާންމު ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.






