ލަންކާގެ ހަތަރު މަސް ބޯޓު އެމްއެންޑީއެފުން އަތުލައިގެންފި
1 މާރިޗު 2019 | ހުކުރު 12:27މިއީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ހަތަރު ބޯޓު


ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެ ކުރިން ފެނުނު މަސް ބޯޓުތަކެއް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ހަތަރު މަސް ބޯޓު އެމްޑީއެފުން އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ގަވައިދާ ހިލާފަށް މަސްވެރިން ކުރަމުން ދަނިކޮށް ހިފެހެއްޓީ ސްރީލަންކާގެ ހަތަރު މަސްބޯޓު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 23:30 ހާއިރު ފުރަތަމަ ދެ މަސްބޯޓު ހިފެހެއްޓީ ހއ. ކެލާ ގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މިދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސް ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރުމުން ދަނިކޮށް ރޭ ދަންވަރު 2:30 ހާއިރު އިތުރު ދެމަސްބޯޓެއް ފެނިގެން އަތުލައިގަނެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ހަތަރު މަސްބޯޓާއި އެކު ކޯސްޓްގާޑު ހުރަވީ ކުޅުދުއްފުށީ ބަނދަރަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި ހުކުރު ދުވަހުގެރޭ ވަގުތެއްގައި މިހަތަރު ބޯޓު ކުޅުދުއްފުށީ ބަނދަރަށް ގެންދެވޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮން ބޭރުގެ މަސްބޯޓުތައް ދޭތެެރެދޭތެރެއިން ދަނީ އަތުލައިގަންނަމުންނެވެ.






