ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 19:53
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓު
އެންމެ މުހިއްމީ ކޮމެޓީތައް: އެކަމަކު ބައްދަލުވަނީ އެލަވަންސް ހޯދަންވީމަ!
13 ބިލެއް މަޖިލީހުގައި އޮތީ ހުއްޓިފައި
ބިލުތަކުގެ މަސައްކަތް ހުއްޓިފައިވާތާ ހަތަރު އަހަރު
މަޖިލީހުގެ އުމުރު ހަމަވާން ބާކީ އޮތީ ތިން މަސް

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ސައްލާ ކުރާ ތަނަކީ ތަޅުމެވެ. މަޖިލީހުގެ ފްލޯއެވެ. ނަމަވެސް އެ ތަޅުމަށް ހުށަހަޅާ ހުރިހާ ބިލުތަކުގެ ފަންނީ މަސައްކަތްތައް ކުރިއަށް ދަނީ މަޖިލީހުގެ ކޮމެޓީތަކުގައެވެ. ނަމަވެސް އެ ކޮމެޓީތަކުގައި މަސައްކަތް ކުރިއަށްދާން ވާ ބާރު މިނުގައި ދޭތޯއެވެ؟ ގާނޫނީ ބަހުސްތައްކޮށް، އެ ބަހުސްތަކުގެ އަލީގައި ހައްލު ހޯދޭތޯއެވެ؟ ބިލުތައް ދިރާސާކޮށް، ކަމާ ގުޅޭ ފަންނީ މާހިރުން ހާޒިރުކޮށްގެން، ލަފާ ހޯދޭތޯއެވެ؟

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެ މަންޒަރެއް ނުފެނެއެވެ. ޕީޕީއެމުން މަޖިލިސް ކޮންޓްރޯލްކޮށްގެން ހިންގި ދުވަސްވަރު، ސަރުކާރުން ހުށަހަޅާ ބިލުތައް ކޮމެޓީތަކަށް ފޮނުވާ ގޮތަށް، އިސްލާހަކާ ނުލައި ފާސްކޮށްލަނީއެވެ. ބިލުގައިވާ މާއްދާތައް ވެސް ކިޔާ ނުލައެވެ. ހުށަހެޅި ސަބަބާއި ނުކުންނާނެ ނަތީޖާއެއް ވެސް ބަލައެއް ނުލައެވެ. ރައްޔިތުންގެ މަންދޫބުން، ގާނޫނޫ ހަދާ މަޖިލީހަށް ނަގާފައިވާ ސަބަބަކީ އެއީތޯއެވެ؟ ގާނޫނެއްގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފެއް، ވާނެ ފައިދާއެއް ނުދަންނަ މެމްބަރުން މަޖިލީހުގައި ތިބުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުން، މަޖިލީހަށް ހުށަހެޅި 13 ބިލެއް ދިރާސާ ކުރުމުގެ މަސައްކަތް އަދިވެސް ނުފަށައެވެ. މަސައްކަތް ނުފަށާ ބިލުތަކުގެ ތެރޭގައި ހުށަހެޅިތާ ހަތަރު އަހަރު ވީ ބިލުތައް ވެސް ހިމެނެއެވެ. އެ ބިލުތައް ފާސްކުރަން ކަނޑައެޅި މުއްދަތު ހަމަވެ، އެ ބިލުތަކުގެ މުއާލާތް ކެނޑޭ ހިސާބަށް ވަނީ ގޮސްފައެވެ.

އެގޮތުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މި ވަގުތަށް އެންމެ މުހިއްމު އެއް ބިލު ކަމަށްވާ ހެއްކާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅިތާ ތިން އަހަރުވެއްޖެއެވެ. ބައި ގަރުނު ވީ ގާނޫނުލް އުގޫބާތު ދޫކޮށް، އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށިތާ ހަތަރު އަހަރު ވީ އިރު ވެސް، ހެއްކާ ބެހޭ ބިލެއް އަދިވެސް ވުޖޫދެއް ނުވެއެވެ. ހެއްކާ ބެހޭ ބިލަކީ އާ ގާނޫނުލް އުގޫބާތާއެކު އަމަލު ކުރަންޖެހޭ ބިލެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

މިހާރު އަމަލު ކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 40 އަހަރު ވީ ގާނޫނެކެވެ. އެއީ ރައީސް މައުމޫން ވެރިކަމުގެ ފުރަތަމަ ދައުރުގައި، 1989 އަހަރު އެކުލަވާލި ގާނޫނެކެވެ. އޭގެ ފަހުން ހަތަރު ރައީސުންގެ ވެރިކަން ނިމިދިޔަ އިރުވެސް، އަދިވެސް ރާއްޖޭގެ ޝަރުއީ ކޯޓުތަކުން އަމަލު ކުރަމުންދަނީ މުސްކުޅިވެފައިވާ ހެއްކާ ބެހޭ ގާނޫނަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހެއްކާ ބެހޭ ބިލު، 2017 އަހަރު ހުށަހަޅައި، ދިރާސާ ކުރުމަށްޓަކާ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވާއެވެ. ގައުމީ ސަލާމަތު ކޮމެޓީއަކީ މިހާރު ސަރުކާރު ހިންގާ ޕާޓީތަކުގެ މެޖޯރިޓީ އޮތް ކޮމެޓީއެކެވެ. ކޮމެޓީގެ 11 މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ ސަރުކާރު ހިންގާ ޕާޓީތަކުގެ މެމްބަރުންނެވެ. އެ މެމްބަރުން ބޭނުންވާ ނަމަ، އެ ބިލު ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެއެވެ.

ހެއްކާ ބެހޭ ބިލު މުހިއްމުވާ ސަބަބުތައް ގިނައެވެ. އެ ބިލަކީ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައި ގަތުމާއި ހެކި ވަންޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތައް ބަޔާން ކުރާ ބިލެކެވެ. އެ ބިލުގައި ޝަފަހީ ހެއްކާއި ކިތާބީ ހެއްކާއި މާއްދީ ހެއްކާ އެކު ޖުމްލަކޮށް، ކޮންމެ ބާވަތެއްގެ ހެކި ބައިގަނެވޭ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ.

ފޮރެންސިކް ހެކި ޝަރީއަތަށް ހުށަހަޅައި ވަޒަން ކުރާނެ ގޮތް ބިލުގައިވަނީ ކިޔައިދީފައެވެ. އެގޮތުން އިނގިލީގެ ނިޝާނާއި ޑީއެންއޭ އާއި ފޮޓޯ އާއި އެތެރެހަށީގެ ފޮޓޯ އާއި ބޮޑީ ސާމްޕަލާއި ސައިންސާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދާ މައުލޫމާތު ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ރާއްޖޭގެ ކުށްތައް އިތުރުވެ، ކުށުން ބަރީއަވުމަށް އާ އީޖާދުތަކެއް ގެންގުޅެން ފަށާފައިވާ ދުވަސްވަރެއްގައި ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކުރުން މުހިއްމެވެ. މި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވާން ތިން މަހަށްވެފައިވާއިރު ވެސް އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހަކުން ނުކުރެއެވެ. މެމްބަރުންގެ ޝައުގުވެރިކަމެއް ވެސް އެ ބިލަކަށް ނެތެވެ. އަމުދުން އެ ބިލު ހުށަހެޅުއްވި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް އެ ވާހަކަފުޅެއް ނުދައްކައެވެ. ދެހާސްސަތާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ. އެ ބިލު ތައްޔާރުކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

އެފަދަ މުހިއްމު ބިލުތައް މަޖިލީހުގައި ހުއްޓިފައިވާއިރު، ކޮމެޓީތަކުގައި ކަން ހިނގަމުންދާ ގޮތް މެމްބަރުން ވިދާޅުވެ ދެއްވައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މެމްބަރަކު ވިދާޅުވީ ކޮމެޓީތައް ގިނަ ފަހަރު ބާއްވަނީ ހަމައެކަނި ކޮމެޓީ އެލަވަންސް ހޯދުމަށް އެކަނި ކަމަށެވެ. މަޖިލިސް ޗުއްޓީގައި އޮތަސް، މެމްބަރުން އެއްކޮށްލައިގެން ކޮމެޓީއެއް ބާއްވައި ސޮއިކޮށްގެން ކޮމެޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ހޯދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ އަދަދަކީ 15 އެވެ. ކޮންމެ ކޮމެޓީއެއްގައި ތިއްބަވަނީ 11 މެމްބަރުންނެވެ. ގިނަ މެމްބަރުންނަށް ކޮމެޓީ އެލަވަންސް ހޯދުމަށްޓަކާ، ކޮމެޓީތަކަށް މެމްބަރުން އައްޔަންކޮށް، ބަދަލުކޮށް ހަދައެވެ. އޭރުން ގިނަ މެމްބަރުންނަށް މަހެއްގެ ތެރޭގައި އެއް ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވިޔަސް، ކޮމެޓީ އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ. މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހެއް ނިމިގެންދާއިރު ކޮން މެމްބަރަކަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ބޮޑެތި އަދަދުތަކުން، ބޮޑު މުސާރައިން މެމްބަރުން ފައިސާ ނަންގަވަމުންދާއިރު، އެ މެމްބަރުން ކުރައްވަންޖެހޭ ހަގީގީ މަސައްކަތް އެ ވަނީ ހުއްޓިފައެވެ. ކޮމެޓީތަކުގައި އެ ވަނީ ބުރަކި ޖެހިފައެވެ. ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ބިލުތައް ކޮމެޓީތަކުގައި ހުއްޓި، ޝަރީއަތްތައް ހިނގައިނުގަނެ، ދިގުލަމުންދާއިރު، މެމްބަރުންގެ މުސާރަ ބަރާބަރަށް އެބަ ހިނގައެވެ. އަނެއްކާ ވެސް އިތުރު ދައުރަކަށް ގޮނޑި ދިފާއު ކުރަން ނުކުމެ، ކެމްޕެއިންގައި މެމްބަރުން އަވަދިނެތި އުޅޭއިރު، މަޖިލީހުގައި ހުރި ބިލުތައް ފާސްނުކުރެވިވާ ސަބަބު ރައްޔިތުން އޮޅުން ފިލުވާލުން ރަނގަޅެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް