ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ޗެލްސީ މޮޅުވިއިރު، އާސެނަލް ބަލިވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ބްރައިޓަންއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
ބްރައިޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ވަނީ ބްރައިޓަންގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދާފައެވެ.
މި ހާފްގައި ބްރައިޓަންގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެންދިޔައިރު، އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފްގައި ދެޓީމުންކުރެ ދެޓީމަކަށްވެސް ލަނޑެއް ޖެހިފައިނުވާއިރު، ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މުހައްމަދު ސަލާހުއެވެ.
މި ލަނޑާއެކު ބްރައިޓަން އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 22 މެޗުން ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބްރައިޓަން އޮތީ 22 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.
Brazilian brilliance #CHENEW pic.twitter.com/41CmwIqfeM
— Premier League (@premierleague) January 12, 2019
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޑޭވިޑް ލުއިޒްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ.
މި ލަނޑާއެކު ނިއުކާސަލްއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުފުލުގައި ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ޗެލްސީގެ ގޯލަށް ފޮނުވާލާފައެވެ.
ނިއުކާސަލްއިން މެޗުގެ ނަތިޖާ ހަމަހަމަކުރީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޗީގެ އެހީތެރިކަމާއެކު ކްލާކްއެވެ.
ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، 57 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގައި އަނބުރާ ލީޑު ހޯދާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްގެ އެހީތެރިކަމާއެކު ވިލިއަންއެވެ.
މީގެއިތުރުންވެސް މި ހާފްގައި ޗެލްސީއަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 22 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު 22 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.
Declan Rice became the 10th teenager to score a #PL goal for West Ham, and the first since Junior Stanislas in 2009#WHUARS pic.twitter.com/eDWo8ostIt
— Premier League (@premierleague) January 13, 2019
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ ވެސްޓްހޭމް ޔުނައިޓެޑާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
ވެސްޓްހޭމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައްވެސް އުފައްދަން މަސައްކަތްކޮށްފައެވެ.
މި ހާފްގައި އާސެނަލްގެ ފަރާތުން މާ އެދެވޭ ހަމަލާއެއް ފެނިގެންނުދިޔައިރު، ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފް ފެށީގެން މާގިނައިރުތަކެއް ނުވަނީސް ވެސްޓްހޭމްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ސާމީ ނަސްރީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރައީސްއެވެ.
މެޗުގެ ފަހު 20 މިނެޓު ތެރޭގައި އާސެނަލްއިން ވެސްޓްހަމްގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައިވާއިރު، ވެސްޓްހޭމްއިން ވަނީ އެ ހަމަލާތައް ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.
މި ނަތީޖާއާއެކު ވެސްޓްހޭމް އޮތީ ކުޅުނު 22 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ. މެޗުން ބަލިވި އާސެނަލް އޮތީ ކުޅުނު 22 މެޗުން ލިބުނު 41 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.