އަދީބްގެ ޝަރީޔަތް ކުރިއަށް ދިޔަ ގޮތާއި މެދު އަދީބުގެ އަންހެނުން ކަންބޮޑުވުން ފާޅުކޮށްފި
8 ޑިސެމްބަރު 2018 | ހޮނިހިރު 16:44ދޫނިދޫގެ ކުޑަ ކޮޓަރިއެއްގެ ތެރޭ ޝަރިޔަތް ގެންދިޔައީ ކްރިމިނަލް ކޯޓުގެ ބޯޑް އަޅުވާފައި


ކުރީގެ ނައިބް ރައީސް އަދީބު
ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބު ޖަލުގައި ހުންނެވިއިރު ޝަރީޔަތް ކުރިއަށް ގެންދިޔަ ގޮތާއިމެދު އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ އަދީބުގެ އަންހެނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ ޝަރީޔަތް ކުރިޔަށް ގެންދިޔައީ ދޫނިދޫގައި ހުންނަ ފުލުހުންގެ ތަހްގީގު ކުރާ ކޮޓަރިއެއްގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބޯޑް އަޅުވައިގެން ކަމަށެވެ. ނަޝްވާ ވިދާޅުވީ އަދީބުގެ ޝަރިޔަތް ކޮށްފައިވަނީ ވީޑިއޯ ކޮންފަރެންސް އެއް މެދުވެރި ކޮށެވެ. މި ޝަރީއަތުގައި އަދީބް ދޫނިދޫގައި ހުންނަ ކޮޓަރީގައި ހުންނެވެއިރު ގާޒީންނާއި ވަކީލުން ތިބީ މާލޭގައިކަމަށެވެ. އަދީބްގެ އަންހެނުން ވަނީ އިންސާފު ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވާފައި އެވެ.
މޯލްޑިވިސް މާކެޓިންގް އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ މި އަހަރު ނޮވެމްބަރު މަހު ފަހު ކޮޅުގައިއެވެ. އަދީބު ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައި ވަނީ އަދީބުގެ ހަށިގަނޑަށް ސްޓެންޓެއް ލައްވާފައިވާތީ އަދީބަށް ބޭނުންވާ މާހައުލާއި އާއިލާގެ އެހީ ލިބޭނެހެން ގޭބަންދަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގާފައިވަނިކޮށެވެ.











