ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަނޑައެޅިގެން ވިދާޅުނުވާ ވާހަކަތައް ދެއްކެވި ކަމަށް ހައްދަވައިގެން ފަތުރަމުންދާ ވާހަކަތައް ގަބޫލު ނުކުރުމަށް އިބޫގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް އިބޫ ވިދާޅުނުވާ ވާހަކަތައް ވިދާޅުވި ކަމަށް ހައްދަވައިގެން ދައްކަވަމުން ގެންދަވާ ކަމަށެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އިބޫއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަދައްކަވާ ކަމަށް މާރިޔާ ވިދާޅުވި އިރު އެއީ ކޮން ވާހަކައެއްކަން ހާމަކޮށްފައެއް ނުވެއެވެ. މާރިޔާ މިހެން ވިދާޅުވި އިރު މިދިޔަ ހަފްތާގައި ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ މި ސަރުކާރުން ނަރުދަމާ ގާއިމްކޮށްފައިވާ ރަށެއްގައި ނަރުދަމާ އަޅުއްވާނެ ކަމަށް އިބޫ ދެއްކެވި ވާހަކަފުޅު ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ވަނީ ފާޑުވިދާޅުވެފައެވެ.
"މީގެ އިތުރަށް ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި ކުންފުނިތަކުން ވެސް އެތަންތަނުގެ މުވައްޒަފުންނާ ވާހަކަދައްކަވާ ވިދާޅުވޭ، ގުޅިފައިވާ ސިޔާސީ ޕާޓީއެއްގެ ސަރުކާރެއްގައި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކި ކުރާނެ ކަމަށް. އެސްޓީއޯ ވިޔަސް، އެމްޓީސީސީ ވިޔަސް އެމްއެންޑީއެފް ވިޔަސް އެބަ އެގޮތަށް ވާހަކަދައްކަވާ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން މިދައްކަނީ ވަޒީފާ އުނިކުރާ ވާހަކައެއް ނޫން.އަޅުގަނޑުމެން މިދައްކަނީ ވަޒީފާތައް އިތުރުކުރާ ވާހަކަ،" މާރިޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށާއި އެއްވެސް ބަޔަކު ވަޒީފާ އިން ވަކި ކުރުމުގެ ވިސްނުމެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީއެއްގެ ވެރިކަމެއްގައި ވަޒީފާ އެންމެ ހައްގު ފަރާތްތަކަށް ވަޒީފާ ލިބިގެންދާނެ ކަމަށާއި ވަޒީފާ ހުރުމަށް އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.