ރިސޯޓުތަކުގެ މުވައްޒަފުންގެ ރީރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ޝކުވާއެއް ހުށަހަޅައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިސޯޓްތަކުގެ މުވައްޒަފުން ރީރަޖިސްޓްރީ ކުރާ އިރު ރަޖިސްޓްރީ ކުރާ ރިސޯޓެއްގެ ސްޓޭމްޕް ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށެވެ. އަދި ސްޓޭމްޕް ނެތް ފޯމުތައް ބަލައި ނުގަންނަ އިރު މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ރީރަޖިސްޓްރީ ކުރާ އިރު އެ އިދާރާއެއްގެ ސްޓޭމްޕާއި ނުލައި ފޯމު ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ހައްލުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
Today, MDP has submitted a complaint with regard to Resort employees voter registration issue. The @ElectionsMv is requiring from employees to get their forms stamped by their employer while they accept forms collected through the ministries, SoE's without their stamps.
— Anas Abdul Sattar (@anasabdulsattar) July 30, 2018
އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 44 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.
ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ
އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރީ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް ގިނަ ރިސޯޓު މުވައްޒަފުންގެ ޝަކުވާއާ ގުޅިގެން އެ ނިންމުން ވަނީ ބަދަލު ކޮށްފައެވެ.
ރާއްޖޭގައި 132 ރިސޯޓްގައި އޮޕަރޭޝަން ހިންގަމުންދާއިރު 70 އަށް ވުރެ ގިނަ ރިސޯޓުގައި ވޯޓުފޮށި ބަހައްޓަން އެރިސޯޓުތަކުން ބޭނުން ނުވާ ކަމަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެރިސޯޓުތަކުގެ ނަންތައް ހާމަކުރައްވާނެ ކަމަށް އެކޮމިޝަނުން ބުނެފައިވާ އިރު މިހާތަނަށް އެ ރިސޯޓުތަކުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.