!ނޫސްވެރިކަމަށް ބަނަ އަހަރެއް، ކުރިއަށް އޮތީ ވެސް ބަނަކަން


ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން
ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރެވެ. ނަމަވެސް، މި ބާރު ވަރުގަދަ ކުރުމަކީ ސިޔާސީ ވެރިން ބޭނުންވާ ކަމެއް ނޫނެވެ. ނަތީޖާއަކީ މިނިވަން ކަމުގައި ހެދި ފޯދެމުން އައި ނޫސްވެރިކަމުގެ ކުރި މަރުވާން ފަށުމެވެ. ދައުލަތުގެ އެންމެ އިސް މަގާމުން ފެށިގެން، ސަރުކާރު ކޯލިޝަނުގައި ހިމެނޭ މަޖިލީހުގެ ބައެއް މެމްބަރުން ވެސް، ރުޅުވެރިކަމާއެކު ނޫސްވެރިންނަށް "ބެވުން" ވަނީ އާދައަކަށް ހަދައިފަ އެވެ. ނޫސްވެރިންނާއި ނޫސްވެރިކަމާ ބީރައްޓެހި ސަރުކާރަކަށް، މި ސަރުކާރު ވަނީ ވެފަ އެވެ. ރައީސް އަބްދުﷲ ޔާމީނަކީ ވެސް ފެށުނީއްސުރެ ވެސް ނޫސްވެރިންނާ އިންތިހާއަށް ދުރު، ބީރައްޓެހި ބޭފުޅެކެވެ. ނޫސްވެރިން ދެކެ އެ މަނިކުފާނު ބިރުފުޅު ގަންނަންޖެހޭ ސަބަބެއް އޮވެގެން ނުވާނެ އެވެ. އޮތިއްޔާ އޮތީ އެންމެ ސަބަބެކެވެ. އެއީ، ރާއްޖޭގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އާންމު ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ބޭނުންފުޅު ނުވުމެވެ. އަދި މިހާރު ވެސް ހިންގަމުންދާ ހިޔާނާތުގެ މައްސަލަތައް ނޫސްވެރިން ތިލަކޮށް ބޭޒާރުވެ، އިތުރަށް ފަޟީހަތް ވެގެން ހިނގައިދާނެތީ އެވެ.
ހާލަތު މިހެން ހުރިއިރު، ފެންނަމުން ދަނީ އަސްލެއް ނެތް ކަންކަމުގައި ނޫސްވެރިންގެ މައްސަލަތައް ބޮޑުކޮށްގެން ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތަކަށް އަދަބު ދޭ ތަނެވެ. އަދި ނޫސްވެރިންނަށް ބިރު ދެއްކުން ނިމުމަކަށް ނައުމުގެ ނަތީޖާއަކަށްވެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި، ރާއްޖެ ބޮޑު ތަނުން ސޮއްސައިލުމެވެ. ދުނިޔޭގެ 180 ގައުމުގެ ނޫސްވެރިކަމުގައި މިނިވަންކަން އޮތް މިންވަރު، ރިޕޯޓާސް ވިތުއައުޓް ބޯޑާސްއިން ވަޒަންކޮށް، ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ދެ އަހަރު ރާއްޖޭގެ މަގާމަކީ 112 ވަނަ އެވެ. މިއީ 2010 ވަނަ އަހަރާ އަޅައި ބަލާއިރު، 60 ދަރަޖައިގެ ވެއްޓުމެކެވެ. މިކަމުން ހާމަކޮށްދެނީ އަލަށް އުފެއްދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއެކު ލިބުނު ނޫސްވެރިކަމުގެ މިނިވަންކަން މިހާރު ހަނިވެފައިވާ މިންވަރެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ އެތައް ސަބަބެއް އެބަ ހުއްޓެވެ. ވީނުވީއެއް ނޭނގި ނޫސްވެރިޔަކު ގެއްލިފައިވާއިރު، އެ މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވެ އެވެ. މައްސަލައިގެ ތަހްގީގާމެދު އެތައް ސުވާލެއް ވަނީ އުފައްދާފަ އެވެ. އެ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ. ސުވާލު އުފައްދަން ޖާގަ ވެސް އޮތީ މުއައްސަސާތަކުގެ ދޯދިޔާކަމުންނެވެ. ނުވަތަ އިހްމާލުގެ ސަބަބުންނެވެ. ގޭންގުތަކުން ނޫސްވެރިންނަށް ބިރު ދައްކާއިރު، ދައުލަތުގެ ނިޒާމުގެ ތެރެއިން ދައްކާ ބިރާއި ކުރާ ގޯނާ އަދި ދޭ އަނިޔާ އަށް ހުއްޓުމެއް ނެތެވެ. ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ހުސައިން ފަރިޔާޒު "ފޭރިގަތީ" ނޫސްވެރިކަމުގެ ވާޖިބު އަދާކުރަމުން ދަނިކޮށެވެ. ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށް ބުނާއިރު، ހަގީގަތުގައި ނޫސްވެރިންގެ ވާޖިބަށް ހުރަސް އެޅީ ފުލުހުންނެވެ. ނޫސްވެރިންނަށް ބިރުދެއްކުމާއި މަރުގެ އިންޒާރު ދިން މައްސަލަތަކުގެ ތަހްގީގެއް ވެސް ނުހިނގަ އެވެ. މިކަންކަމާ ކަންބޮޑުވާ މުއައްސަސާއެއް ވެސް ނެތެވެ.
ފަހުގެ ތާރީހުގައި އެންމެ ގިނަ މީޑިއާ ބަންދުކުރީ ވެސް މި ވެރިކަމުގަ އެވެ. ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ، އަދި ހަމައެކަނި ޗާޕްކޮށްގެން ނެރެމުންދިޔަ "ހަވީރު" ނޫސް ހުއްޓާލަން ޖެހުނީ، ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ތުހްމަތުކުރާ ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ސީއެންއެމް ބަންދުކުރީ އެ ކުންފުނީގެ އެއް ހިއްސާދާރަށް ކުރިމަތިވި "ސިޔާސީ ނުފޫޒާ" ގުޅިގެން އޭނާގެ ވިޔަފާރި ހިމާޔަތް ކުރުމަށެވެ. އިއްތިފާގުން ނަމަވެސް، ބަންދުކުރި މި ދެ ނޫހަކީ ދައުލަތް ޒިންމާދާރުކުރުވައި، ޖަވާބުދާރީކުރުވުމަށް މިނިވަން ނޫސްވެރިކަމެއް ކުރަމުން ދިޔަ ދެ ނޫހެވެ. މަހްޖަނު އަހްމަދު މޫސާ (އުއްޗު)ގެ ދިޓީވީ ބަންދުކުރީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބަންދުކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުންނެވެ. އަދި ސަރުކާރަށް އިތުރަށް ސަނާ ކިޔަން ބޭނުންނުވުމަކީ ވެސް، ދަނޑިވަޅުގެ ބޭނުން ހިފައި ބަންދުކުރި ސަބަބެއް ކަމަށް، އެ ސްޓޭޝަންގެ އިސް ވެރިޔަކު ވިދާޅުވި އެވެ.
ސަރުކާރަށް ފާޑުކިޔާ އޮންލައިން ނޫސް، އައްޑޫ ލައިވް ބްލޮކް ކުރީ ވެސް ނިމިގެން މިދިޔަ އަހަރު އެވެ. ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް އަސްލެއް ނެތް ދައުވާކޮށް، ޝަރީއަތް ހިންގަމުންދާއިރު، ރާއްޖޭގެ ތާރީހުގައި އެއް ފަހަރާ އެންމެ ގިނަ ނޫސްވެރިން ހައްޔަރުކުރީ ވެސް މިދިޔަ އަހަރު އެވެ. ނޫސްވެރި ކަމަށް ކުރިމަތިކުރަމުން ދިޔަ ގޮންޖެހުންތަކާ ގުޅިގެން، ހައްގު ހޯދަން، އިހްތިޖާޖުކުރި އެ ނޫސްވެރިންގެ ތެރެއިން 16 ނޫސްވެރިޔަކު ހައްޔަރުކުރި އެވެ. ނަމަވެސް އެ ނޫސްވެރިންގެ މައްޗަށް ދައުވާ ނުކުރީ ނޫސްވެރިކަމަށް ހެޔޮ އެދިގެނެއް ނޫނެވެ. ކުރިމަތިވި އަދި ކުރިމަތިވާނެ އިތުރު ޕްރެޝަރުގެ ސަބަބުންނެވެ.
ނޫސްވެރިކަން ރެގިއުލޭޓްކުރަން އޮތް ދެ މުއައްސަސާގެ ހާލަތަށް ވެސް ވިސްނާލަން ޖެހެ އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނުގައި ހަމައެކަނި އޮތީ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އެޅުމެއް ނޫނެވެ. މައްސަލަތައް ބެލުމެއް ވެސް ނޫނެވެ. މުޅި މި ދާއިރާއަށް ދިރުން ގެންނަން ޖެހެ އެވެ. ކުރިއަރުވަންޖެހެ އެވެ. އުސޫލްތަކާއެކު ހިންގާނެ ގޮތް ބުނެދޭންޖެހެ އެވެ. ނަމަވެސް ފިޔަވަޅު އެޅުން ފިޔަވައި އިތުރު ކަމެއް ބްރޯޑްކާސްޓިން ކޮމިޝަނަކަށް ނުކުރެވެ އެވެ. އަލަން އެކުލަވާލި މީޑިއާ ކައުންސިލްގައި ވެސް އޮތީ ސަރުކާރުގެ މެޖޯރިޓީއެވެ. އެހެންވެ، ބްރޯޑްކާސްޓިން ކޮމިޝަނެކޭ އެއްގޮތަށް ސަރުކާރުގެ ވިސްނުމަށް މީޑިއާ ކައުންސިލްގެ ހިންގުން ބަދަލުވެ، މުޅި ނޫސްވެރިކަމަށް އިތުރު ބަނަކަން 2017 ގައި އައުމަކީ އެކަށީގެންވާ ކަމެކެވެ.
ދެން އޮތީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހެދި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަންދުކުރުމުގެ ގާނޫނުގެ ވާހަކަ އެވެ. މިއީ އިންސާނުން ދިރިއުޅޭ ތަނެއްގައި އަމަލުކުރެވޭ ގޮތަށް ހަދާފައި އޮތް ގާނޫނެއް ނޫނެވެ. ސަރުކާރާއި ދައުލަތުގައި ހުރި އުނި ކަންކަމާއި ހިޔާނާތާއި ފަސާދަ އާއި އަނިޔާވެރި ކަމުގެ ވާހަކަ ނޫސްވެރިން ބަލައި ހޯދައި، އެ ވާހަކަ ދައްކަންޖެހެ އެވެ. އެއީ ނޫސްވެރިން ވާޖިބެވެ. ނަމަވެސް އިންވެސްޓިގޭޓިވް ޖާނަލިޒަމް ކުރިއަށް ގެންދިއުމަކީ ދައުލަތުގެ މުއައްސަސާތަކުން ހިތްވަރެއް ނުދެ އެވެ. ސަރުކާރަށް ތާއިދުކުރާ ސްޓޭޝަނަކުން މީހެއްގެ އަބުރު ކޮށައި ކުދިކޮށްލިޔަސް ނުއެއް ފެނެއެވެ. ފިޔަވަޅެއް ނޭޅެ އެވެ. މައްސަލަ ބެލިޔަސް، ބަލާފައިވަނީ އެ ތުހްމަތުން ސްޓޭޝަން ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ.
ހާލަތު މިހެން ހުރިއިރު، ވިސްނާލާށެވެ. "އަނދިރި ކޮޓަރީ"ގައި ދައުލަތުގެ ވަތްގަނޑަށް އަތްކޮށްޕައިގެން ބަނޑުފުރަމުން ދިޔަކަން އެނގުނީ ނޫސްވެރިން ހާމަކުރުމުންނެވެ. މި ސަރުކާރާއި ސިޔާސީ ވެރިން ސިހުރަށް ބަރޯސާވެފައިވާ މިންވަރު އެނގުނީ ސިހުރުވެރިޔާގެ ދުލުން ދެއްކި ވާހަކަ ނޫސްވެރިން ހާމަކުރުމުންނެވެ. މިކަންކަމުގައި ފިޔަވަޅު އެޅީ ރާއްޖެޓީވީ އަށެވެ. ތުހްމަތުކުރެވޭ މީހުންނަށް އެޅި ފިޔަވަޅެއް، މައްސަލަ ބެލި މުއައްސަސާއެއް ނެތެވެ.
ކުރިއަށް އޮތީ ވެސް ސިޔާސީ ގޮތުން ފޯރިގަދަ ދުވަސްތަކެވެ. މިހާތަނަށް ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު، ކުރިއަށް މިއޮތް ދެ އަހަރަކީ ނޫސްވެރިންނާއި ނޫސްވެރިކަމަށް ނުރައްކާ ދެ އަހަރަށް ވުން ގާތެވެ. ނޫސްވެރިން ދެކެ ސިޔާސީ ވެރިން ބިރު ގަންނާނެ އެވެ. އެ މީހުން ދައްކާ ބިރުގައި ނޫސްވެރިން ބިރު ގަތުން ވާނީ އެވެރިންނަށް ލިބޭ ކާމިޔާބަކަށެވެ. ގަލަމާއި ދުލުގެ މިނިވަން ކަން ހިފެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް އެކަން ފަސޭހަ ވެގެންދާނީ ކެރުންތެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ.




