ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 11:14
ރިޝްވަތު ހިފައިގެން އެކެއް ފެބްރުއަރީގައި އަމުރު ނެރުނު ކަމަށް ތުހްމަތުކޮށް ހައްޔަރުކޮށްގައިވާ ފަނޑިޔާރު އަލީ ހަމީދު
ރިޝްވަތު ހިފައިގެން އެކެއް ފެބްރުއަރީގައި އަމުރު ނެރުނު ކަމަށް ތުހްމަތުކޮށް ހައްޔަރުކޮށްގައިވާ ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ރިޕޯޓް
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟
 
މިހާރު ސަލާމަތުން ތިއްބެވި ތިން ފަނޑިޔާރުންނަށް ފުލުހުން ތުހުމަތެއް ނުކުރޭ
 
އެކެއް ފެބްރުއަރީގެ އަމުރު ނެރުނީ މަޖުބޫރުކަމެއް އޮވެގެން ނޫންކަން ފަނޑިޔާރުން ފަހުން ނެރުނު އަމުރުން އެނގޭ  

ސުޕްރީމް ކޯޓުގެ ނިންމުންތައް ނިމިގެންދާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މެޖޯރިޓީންނެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލާނަމަ ހުކުމް ކުރެވިގެން ދަނީ އޭގެ ތެރެއިން މަދުވެގެން ތިން ފަނޑިޔާރުން ރައުޔު ނެރޭ ކޮޅަކަށެވެ. އެހެން ނޫން ގޮތަކަށް ބުނާނަމަ ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު އެއް ގޮތަކަށް ރައުޔު ނެރުނު ނަމަވެސް މައްސަލަ ނިމޭނީ ދެން ތިއްބަވާ ތިން ފަނޑިޔާރުން ބޭނުންވާ ކޮޅަކަށެވެ. މިއީ ވަރަށް އާދައިގެ ހިސާބެކެވެ. އެހެން ނަމަވެސް މި ހިސާބު މި ވަރަށް ކިޔައިދޭން މި ޖެހެނީ ފުލުހުން ދައްކާ ވާހަކަތަކުންނާއި ދައުލަތުން ބައެއް ބޭފުޅުންގެ މައްޗަށް އުފުލައިގެން އުޅޭ ދައުވާތަކާ ގުޅިގެންނެވެ.  

މައިގަނޑު ގޮތެއްގައި ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ވާހައަކީ އެކެއް ފެބްރުއަރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރަކީ ރިޝްވަތު ހިފައިގެން ނެރުނު އަމުރެއް ކަމަށެވެ. ފުލުހުންނަށް މިހާތަނަށް ހޯދުނު ހުރިހާ ކަޅުފޮއްޓަކުންނާއި އެހެނިހެން ތަކެތިން ވެސް ފެނުނީ ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތު ދިންކަމުގެ ހެކިތައް ކަމަށް ވެސް ބުނެ އެވެ.   މީގެ ކުރިން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތިއްބެވިއިރު ވެސް އެކި ފަނޑިޔާރުންގެ ރައުޔު ތަފާތުވެ ގިނަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މައްސަލަތައް ނިމިފައި އެބަ ހުއްޓެވެ. އެހެން ނެރޭ ހުކުމްތަކުގައި ތަފާތު ރަޔުއުތައް ހުރެއްޖެ ނަމަ ހުކުމާއެކު ފަނޑިޔާރުންގެ މަޖިލީހުން ފަނޑިޔާރުގެއަށް ވަންނަ އެންމެނަށް އެކަން އަންގާނަ އެވެ. އަދި ތަފާތު އެ ހުރިހާ ރައުޔުތައް ވެސް އިއްވަ އެވެ. އެއީވެސް މިހާރު ތިއްބެވި ފަނޑިޔާރުންނާއެކު ހަތް ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތް ކުރެއްވިއިރު ފެނުން ދުވަސްތަކެވެ. ތަފާތަކީ ހަމަ އެކަނި އޭރު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެހެން ބޭފުޅެއް ކަމެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން: ފުލުހުން ތުހްމަތު ކުރަނީ ދެ ފަނޑިޔާރަކު ރިޝްވަތު ހިފައި އަމުރު ނެރުނު ކަމަށް

އެކެއް ފެބްރުއަރީގައި ނެރުއްވި އަމުރުގައި ސޮއިކޮށްފައި އޮތީ ފަސް ފަނޑުޔާރުންނެވެ. މާނަ އަކީ ސިޔާސީ އެކި ބޭފުޅުން ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އަމުރު ނެރުމަށް އެއްވެސް ފަސްފަނޑިޔާރެއްގެ ހިޔާލު ތަފާތުވެފައިނެތެވެ. ތަފާތު ރައުޔެއް އޭގައި ނެތެވެ. ފުލުހުންނާއި ސަރުކާރުން ދައްކާ ވާހަކަ ބޮޑު ޖޯކަކަށްވާ އެއް ސަބަބަކީވެސް އެއީ އެވެ. އެ އަމުރު ނެރުމަށް ދެ ފަނޑިޔާރުން ބޭނުންވި ނަމަވެސް އަނެއް ތިން ފަނޑިޔާރުން އެ އަމުރު ނެރުމަށް ދެކޮޅު ހެދި ނަމަވެސް އެ އަމުރު ނެރުނުވުނީހެވެ.

އެކެއް ފެބްރުއަރީގައި އަމުރު ނެރުނު ފަނޑިޔާރުންގެ މެޖޯރިޓީއަށް ރިޝްވަތުދިންކަން އެނގޭކަން އަދިނެތް

ފުލުހުންނަށް މި ހާތަނަށް ހޯދުނު ކިތާބީ ހެކިތަކާއި ގަރީތަކުން ރިޝްވަތު ދިން ބަޔަކު ދީފައިވަނީ މައްސަލައެއް ނިންމުމަށް ބޭނުންވާނެ ވަރަށް ވުރެ މަދު ފަނޑިޔާރުންނަށް ކަން އެނގެން އެބަ އޮތެވެ. ސުޕްރީމް ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރުންގެ މެޖޯރިޓީއަށް އެއްވެސް ފައިސާގެ މިންވަރެއް ވެސް އަދި މަޖުބޫރު ކަމެއް ވެސް ނެތްކަން އެނގެނީ ފުލުހުން ޝައްކެއް ވެގެން ވެސް އެއިން ފަނޑިޔާރެއްގެ ގެކޮޅު ބަލާ ފާސްކޮށްފައި ނުވާތީ އެވެ. އަމުރު ނެރުއްވި ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ރިޝްވަތު ނެގި ކަމުގެ ހެކިތައް ހަގީގަތުގައިވެސް ފުލުހުނަށް ލިބުނު ކަމަށްވާނަމަ އެ އަމުރު ނެރުމަށް ބައިވެރިވި އަނެއް ފަނޑިޔާރުންގެ ގެދޮރާއި އަނބިދަރިން ކޮށްފައިވާ މުއާމަލާތައް ބަލާނެ ކަމީ އެއްވެސް މީހަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. ފުލުހުން އެ ހަދަނީ ތެދު ކަމަށްވާނަމަ އެއް ފަނޑިޔާރަށް ރިޝްވަތު ދިންކަން އެނގުމުން އަނެއް ހުރިހާ ފަނޑިޔާރުންގެ ގެކޮޅު ބަލާ ފާސްކުރާނެ އެވެ. އެހެން ކަމުން އަމުރު ނެރުނީ ރިޝްވަތު ދީގެން ކަމަށް ބުނެވޭނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެ އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން

ޖުޑިޝަލް އެޑްމިނިސްޓޭޓަރ ހަސަން ސައީދުގެ ގެއިން ފެނުން ކަޅުކުލައިގެ ދަބަހެއް ތެރޭގައި ވިލާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ފޮނުއްވި ސިޓީއެއް ފެނިފައިވާއިރު އޭގައިވެސް ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ރިޝްވަތު ފައިސާ ދިން ކަމަށެވެ. ސިޔާދު އަކީ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށްވާއިރު ތިނަކަށް ވުރެ ދޭއް މަދުވާނެ ކަން ނޭނގުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ގަބޫލު ކުރަންވީ ހެއްޔެވެ. ރިޝްވަތުގެ ގޮތުގައި ސިޔާދު އެކަނި ވެސް 2.4 މިލިއަން ޑޮލަރު ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ދީގެން މައްސަލައެއް ނިންމަން އުޅުނީ ކޮން ވިސްނުމެއްގައި ހެއްޔެ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަަލީ ހަމީދަށް ރިޝްވަތު ދީފައިވަނީ އެ އަމުރު ނެރުމަށް އެންމެ ފުރަތަމަ ދެ ކޮޅު ހެއްދެވުމުން ދެން ތިއްބެވިި ފަނޑިޔާރުންނާ އެއްބައި ކުރުވުމަށް ކަމަށް ބަލަންވީ ހެއްޔެވެ. އަދި މިހާރުވެސް ސަލާމަތުން އެ ތިއްބެވި ފަނޑިޔާރުނަށް ރިޝްވަތު ނުދިނީ ރިޝްވަތު ނުދިން ނަމަވެސް އަމުރު ނެރެން ތައްޔާރަށް ތިބީމަ ކަމަށްވެސް ގަބޫލު ކުރަންވީ ހެއްޔެ އެވެ. އެހެން ވިސްނި ނަމަވެސް އެ އަމުރު ނެރުމަށް މެޖޯރިޓީ އެ އޮތީ ރިޝްވަތު ނުހިފަ އެވެ. އެހެން ކަމުން އެ އަމުރަކީ ރިޝްވަތު ދީގެން ނެރުނު އަމުރެއް ކަމަށް ބެލެވޭނެ ހަމައެއް ނެތެވެ. 

ސުޕްރީމް ކޯޓުގެ އަމުރު ނެރުނީ ރިޝްވަތު ދީގެން ކަމަށް ފުލުހުން ވެސް އަދި ޕީޖީ އޮފީހުން ބުނާ ކަމަށްވާނަމަ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މެޖޯރިޓީ އަށް ރިޝްވަތުގެ ފައިސާގެ ކޮންމެ ވެސް ރާހަތެއް ކުރިކަން ބުނެ ދޭން ޖެހޭނެ ކަމަށް އިންސާނީ ހަމަ ބުއްދި ގަބޫލު ކުރެ އެވެ. އެހެން ނޫން ނަމަ އެ ދައްކާ ވާހަކަތަކުގެ އުރަތްޕެއް ނެތެވެ. އެވަރު ނުކޮށްދެވެންޏާ ރިޝްވަތުގެ ފައިސާ ހިފައިގެން ދެ ފަނޑިޔާރުން އަނެއް ތިން ފަނޑިޔާރުން ބިރު ދެއްކިކަން ސާބިތުކޮށް ދޭން ޖެހޭނެ އެވެ. އެވަރުގެ ކަމެއް ކުރި ކަމަށްވެސް އަދި ފުލުހުން ނުބުނެ އެވެ. ނުބުނަނީ ނެތީމަ ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބަކީ އެނގުނު އެއްޗެއް ވިއްޔާ އެ ދަނީ ހާމަ ކުރަމުންނެވެ.

އެކެއް ފެބްރުއަރީގެ އަމުރު ތިން ފަނޑިޔާރުން ނެރުނީ މަޖުބޫރުކަމެއް އޮވެގެން ނޫންކަން ފަނޑިޔާރުން ފަހުން ނެރުނު އަމުރުން އެނގޭ  

ފަސް ފަނޑިޔާރުންގެ ތެރެއިން މިހާރު ސަލާމަތުން ތިއްބެވި ތިން ފަނޑިޔާރުން ވެސް އެކެއް ފެބްރުއަރީގައި އަމުރު ނެރުނީ މަޖުބޫރު ކަމެއް އޮވެގެން އަދި ނުފޫޒެއް އޮވެގެން ނޫންކަން އެނގެނީ އެ އަމުރުގެ ބައިތަކެއް ބާތިލް ކުރުމަށް ފަހު އެ ތިން ފަނޑިޔާރުން ނެރުނު އަމުރުންނެވެ. އެކެއް ފެބްރުއަރީގައި އަމުރު ނެރުމަށް މިހާރު ތިއްބެވި ފަނޑިޔާރުނަށް އެއްވެސް މަޖުބޫރު ކަމެއް އަދި ރިޝްވަތުގެ އަމަލު ހިންގެވި ދެ ފަނޑިޔާރުންގެ ނުފޫޒެއް އޮތް ކަމަށްވާނަމަ އެކަންވެސް ބުނެދޭހާ ވަގުތު މިހާރު ހިނގައްޖެ އެވެ. ފުލުހުންނާއި ސިފައިން އެ ތިއްބެވީ ތިން ފަނޑިޔާރުންގެ ހިމާޔަތުގަ އެވެ.

ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ބައިތިއްބާފައި ދެ ފަނޑިޔާރަކު ހައްޔަރު ކޮށްގެން ކުރަމުންދާ ކަންކަމަކީ މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަށް ބިރު ދައްކައިގެން އަމުރުތަކެއް ނެރުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ކިރިޔަ ކިރިޔާ ސުޕްރީމް ކޯޓު ހިންގޭ ވަރަށް ފަނޑިޔާރުން ބައިތިއްބައިގެން އެ ފަނޑިޔާރުން ވެސް ބައިވެރިވެގެން ނެރުނު އަމުރަކީ ރިޝްވަތު ހިފައިގެން ނެރުނު އަމުރެއް ކަމަށް ބުނާއިރު ފަސް މީހުން ތިބޭ ތާކުން ދެ މީހުން އަރާ ކޮޅެއް ބަރުވާނެ ކަމަށް ގަބޫލު ކުރާ ހިސާބު ހަމަ ބުއްދި ހުރި މީހަކު ދިމާކުރާނީ ކިހިނެތް ތޯ މިއީ ސުވާލެކެވެ. އެހެން ކަމަށްވާނަމަ އެއަށް ވުރެ ބޮޑު ޖޯކެއް ނޯންނާނެ އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
25%
0%
0%
0%
0%
75%
ކޮމެންޓް