ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 08:13
އިންޑިއާއި ޕާކިސްތާންގެ ހަމަނުޖެހުމަށް 70 އަހަރުވީއިރު އެތައް ބައެއް މި ހަމަނުޖެހުންތަކުގައި މަރުވެފައިވޭ
އިންޑިއާއި ޕާކިސްތާންގެ ހަމަނުޖެހުމަށް 70 އަހަރުވީއިރު އެތައް ބައެއް މި ހަމަނުޖެހުންތަކުގައި މަރުވެފައިވޭ
ގޫގުލް
ޑިވައިޑް އެންޑް ރޫލް
ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!
 
ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ މިހާރު ވެސް ދުނިޔޭގައި ގެންގުޅޭ
 
އިންޑިިއަން އެމްޕަޔާ ބައިބައިވެ ތިން ގައުމެއް އުފެދިގެން ދިޔަ
 
އިންޑިއާއި ޕާކިސްތާން އުފެދުނީ އިނގިރޭސީންގެ ޕޮލިސީގެ ދަށުން

ޑިވައިޑް އެންޑް ރޫލް ނުވަތަ ބައިބައިވުން އުފައްދައިގެން ވެރިކަން ކުރުމުގެ ފަލްސަފާއަކީ ވަރަށް ޒަމާންވީ ފަލްސަފާއެކެވެ. ޑިވައިޑް އެންޑް ރޫލް މި ބަސް އައިސްފައިވަނީ ލެޓިން ބަހުގެ ޑިވީޑޭ އެޓް އެމްޕީރާ އިންނެވެ. މި ބަހުގެ މާނައަށް ބަލާއިރު ވެސް މިއީ ތިމާ ނޫން ދެން ތިބޭ މީހުންގެ މެދުގައި ބައިބައިވުން އުފައްދައިގެން އެމީހުން ކޮންޓްރޯލް ކުރުމެވެ. ނުވަތަ ބާރުގަދަ ބޮޑު ގްރޫޕެއްގެ މެދުގައި ބައިބައިވުން އުފައްދާ ބާރު ދެރަ ކުދު ގްރޫޕްތަކަކަށް ބައިބައި ކޮށްލުމެވެ. މި ފަލްސަފާއަކީ އާރާއި ބާރު ދެމެހެއްޓުމަށް އެންމެ ފަސޭހަ އަދި އެންމެ ދާއިމީ އުސޫލުކަން ދުނިޔޭގެ ތާރީޚުގައި ހިނގާފައި ހުރި އެކިއެކި ހާދިސާތަކުން ހާމަވެ އެވެ. އިސްތިއުމާރީ ބާރުތަކުން ގެންގުޅޭ އެންމެ އާންމު އުސޫލަކީ މިއީ އެވެ. ގައުމުގެ އެތެރޭގައި ބައިބައިވުން އުފައްދާ ގުޅުންތައް ކަނޑާލައި އެކަމުގެ ނާޖާއިޒް ފައިދާ ނެގުމެވެ.

ޑިވައިޑް އެންޑް ރޫލްގެ މިސާލެއް ނަގަން އަޅުގަނޑުމެން ދިވެހިން މާ ދުރަކަށް ދާން ނުޖެހެ އެވެ. އަޅުގަނޑުމެންނާ އެންމެ ކައިރީގައިވާ އިންޑިއާއަކީ ޑިވައިޑް އެންޑް ރޫލްގެ ހިތިކަން ފެނިފައިވާ އަދި މިހާރު ވެސް އެކަމުގެ ހިތިކަން ތަޖުރިބާކުރަމުންދާ ގައުމެކެވެ. ތާރީޚުގެ ފަތްފުށްތަކުގެ ތެރެއަށް ފީނާލަމާ ހިންގަވާށެވެ. އެއީ މީގެ 70 އަހަރު ކުރި އެވެ. އިނގިރޭސީން އިންޑިއާ ހިފުމަށް ފަހު އެގައުމުގައި ބާރުތައް ދަމަހައްޓާނެ ގޮތަކާ މެދު ވިސްނަން ފެށި އެވެ. އެއިރު އިނގިރޭސީންނާ ދެކޮޅަށް އެއް ފައުޖެއްގައި ހިންދޫއިންނާއި މުސްލިމުން ދިޔައީ މަސައްކަތްކުރަމުންނެވެ. އެކަތިގަނޑެއްގެ ގޮތުގައި މުސްލިމުންނާއި ހިންދޫއިން ވަރަށް ވެސް ބާރުގަދަ އެވެ. މިކަމަށް ހައްލެއް ހޯދުމަށް އިނގިރޭސީންނަށް ފެނުނު އެންމެ މޮޅު ގޮތަކީ ހިންދޫއިންނާއި މުސްލިމުންނާ ދެމެދު ފިތުނަވެރިކަން އުފެއްދުމެވެ. އިންޑިއާ ބައިބައިކޮށްލުމަށް އެންމެ އެކަށޭނެ ހަތިޔާރަކަށް ފެނުނީ އެގޮތެވެ. ހިންދޫ އިންނާއި މުސްލިމުންނާ ދެމެދު ރުޅިވެރިކަން އުފައްދައި އެބައި މީހުންގެ މެދުގައި ހަނގުރާމައެއް ފެށުމަށް ހުރިހާ މަގެއް ކޮށުމެވެ. ވިސްނުމަކަށް ވެފައި އޮތީ އެމީހުން އެމީހުންނާ ތަޅާފޮޅާނަމަ އަހަރެމެންނާ ތަޅާފުނޮޅާނެ ނޫން ހެއްޔެވެ.

އިނގިރޭސީން މި ފަލްސަފާ ތަންފީޒް ކުރުމުގައި ކާމިޔާބު ހޯދި އެވެ. މުސްލިމުންނާއި ހިންދޫއިންނާ ދެމެދު އޮތް ގުޅުން އެއްކޮށްހެން ކަނޑާލި އެވެ. ނަތީޖާއަކަށްވީ އިނގިރޭސީން އިންޑިއާއިން ފޭބުމުން މުސްލިމުން ވަކި ގައުމެއް އުފެއްދުމުގެ ޚިޔާލު ގެންގުޅެން ފެށުމެވެ. މި ހައިޖާނުގަނޑުގެ ތެރޭގައި އިންޑިއާ އޮއްވައި ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނެވެ. އިންޑިއާއިން އިނގިރޭސީންނާއެކު ހަނގުރާމަކޮށްފިނަމަ، ހަނގުރާމަ ނިމުމުން އެގައުމުން ފައިބާނެ ކަމަށް އިނގިރޭސީން ވައުދުވި އެވެ. އިންޑިއާއިން އިނގިރޭސީންނާއެކު އެއް ސަފެއްގައި ހަނގުރާމަކުރި އެވެ. ނަމަވެސް، ގައުމަށް މިނިވަންކަމެއް ނުލިބުނެވެ. އޭގެ ވިއްސަކަށް އަހަރު ފަހުން ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ. އަނެއްކާ ވެސް ހަނގުރާމައިގައި ބައިވެރިވެއްޖެނަމަ މިނިވަންކަން ދޭނެ ކަމުގެ ވައުދުވި އެވެ. ނަމަވެސް، މިފަހަރު މަހާތުމާ ގާންދީ އާއި ޖަވަހަލާލް ނެހްރޫ ފަދަ ލީޑަރުން އިނގިރޭސީންގެ އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ. މުސްލިމުންގެ ވަކި ގައުމެއް ހެދުމަށް އިނގިރޭސީންގެ ތާއީދު ބޭނުންވާތީ މުސްލިމް ލީގުގެ މުހައްމަދު އަލީ ޖިނާހު ނިންމީ އިނގިރޭސީންގެ ފަހަތުގައި ހަނގުރާމަ ކުރުމަށެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު، އިނގިރޭސީން އިންޑިއާއިން ފައިބާނެކަން އޮތީ ޔަގީންވެފަ އެވެ. އިނގިރޭސީން ފައިބައިގެން ދިޔުމަށް ފަހު، ހިންދޫއިންގެ މެޖޯރިޓީ ވެރިކަމެއްގެ ދަށުގައި ދިރިއުޅުމަށް މުސްލިމުން ބިރުގަންނަން ފެށި އެވެ. މުސްލިމުން ވަކި ގައުމެއް ހަދައިގެން ގައުމު ބައިބައިކޮށްލަން އުޅޭ ކަމަށް ބުނެ ހިންދޫއިން ތިބީ ރުޅިވެރިކަމުގަ އެވެ. މި ރުޅިވެރިކަން ދެބައި މީހުންގެ މެދުގައި ބޮޑުވެ ހަމަނުޖެހުންގަނޑަކަށް ބަދަލުވި އެވެ. މީހުން މެރުމާއި، ގަދަކަމުން ދީން ބަދަލުކުރުވުމާއި، ހުޅު ޖެހުމާއި، ރޭޕްކުރުމާއި، ރަހީނު ކުރުމާއި ނަސްލު ނައްތާލުން ފަދަ އެތައް ކަމެއް ހިންގަން ފެށި އެވެ. 1946 ވަނަ އަހަރުގެ އޯގަސްޓް މަހު ކޮލްކަޓާގައި ހިނގި ހަމަނުޖެހުންތަކުގައި ހިންދޫއިންގެ 4،000 މީހުން މަރުވި އެވެ. މި ހާދިސާއަށް ފަހު އިނގިރޭސީން ބޭނުންވީ އަވަހަށް އިންޑިއާއިން ފައިބައިގެން ދިއުމަށެވެ. ނަމަވެސް، ސުލްހަވެރިކަމާއެކު ފަސޭހަ ގޮތަކަށް ފައިބައިގެން ދެވޭނެ މަގެއް ނުފެނުނެވެ. ހިންދޫއިންނާއި މުސްލިމުންގެ ދެމެދު އުފެއްދި ބައިބައިވުން އޮތީ ރުޅިވެރިކަމުގެ އަލިފާނަށް ބަދަލުވެފަ އެވެ. 

އެ ދަނޑިވަޅުގެ ބޭނުން ހިފައިގެން މުސްލިމުން ވަކި ގައުމެއް އުފެއްދުމަށް ޖިނާހު ބާރު އެޅުއްވި އެވެ. ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެއުމުގެ މަގުސަދުގައި ނެހްރޫ ވެސް އެކަމަށް އެއްބަސްވެލެއްވި އެވެ. ކަންކަން ހައްލުކުރެވުނީ ކަމަށް ދެކި، ކުރިން އިންޑިއާއިން ފައިބަން ރާވާފައި އޮތް ތާރީޚުގެ އެއް އަހަރުކުރިން 1947 ވަނަ އަހަރުގެ އޯގަސްޓް މަހު އެގައުމުން ފައިބާނެކަން އިއުލާނުކުރި އެވެ. އެއަށްފަހު އިންޑިއާ ބައިކޮށް މުސްލިމުންގެ ވަކި ގައުމެއް އުފެއްދުމަށް ބޯޑަރު ކުރެހުމުގެ މަސައްކަތަށް އިނގިރޭސީ ގާނޫނީ ވަކީލެއް ކަމަށްވާ ސެރިލް ރެޑްކްލިފް އިންޑިއާއަށް ފޮނުވި އެވެ. އިންޑިއާ ބައިކޮށް ވަކި ދައުލަތްތަކެއް އުފެއްދުމަށް ރެޑްކްލިފް އަށް ދިނީ އެންމެ 36 ދުވަހެވެ. ޝެޑިއުލްއަށް ވުރެ ތިން ދުވަސް ކުރިން އޭނާ މަސައްކަތް ނިންމާލި އެވެ. ނަމަވެސް، ވެސްޓް ޕާކިސްތާނާއި، އިންޑިއާއާއި، އީސްޓް ޕާކިސްތާން ބައިކުރާ ލައިންތައް އޮތީ މިނިވަން ވަންދެން ސިއްރުކޮށްފަ އެވެ. ރެޑްކްލިފްގެ މަސައްކަތް ނިންމާލިއިރު، ކަޝްމީރު ލިބެނީ ކޮން ބަޔަކަށް ކަމެއް ނިންމިފައެއް ނުވެ އެވެ. އެތަނުގައި ބައި ކުރާ ރޮނގު ދަމާފައެއް ނުވެ އެވެ.

އެހެން އޮއްވައި، އޯގަސްޓް 14 ވަނަ ދުވަހު ޕާކިސްތާން އުފައްދައި ވަކި މިނިވަން ދައުލަތެއް އިއުލާނުކުރި އެވެ. ޖެހިގެން އައި ދުވަހު އިންޑިއާއިން މިނިވަންކަން އިއުލާނުކުރި އެވެ. ދީނީ ބައިބައިވުން ހަގީގަތަކަށްވެ، އިންޑިއާ ބައިބައިވެގެން ދިޔައީ އެވެ. މިހިސާބުން ނިމުނީއެއް ނޫނެވެ. މެޕުގައި ރެޑްކްލިފް ދެމި ރޮނގުތަކުގެ ނަތީޖާ ފެންނަން ފެށި އެވެ. ހަތް މިލިއަން މީހުން އިންޑިއާއިން ޕާކިސްތާނަށް ބަދަލުވި އެވެ. އިތުރު ހަތް މިލިއަން މީހުން ޕާކިސްތާނުން އިންޑިއާއަށް ބަދަލުވި އެވެ. ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެއް މިލިއަން މީހުން މަރުވި އެވެ. އާއިލާތައް ބައިބައިވެގެން ދިޔަ އެވެ. މިއަދާ ހަމައަށް ވެސް މި ބައިބައިވުން ފެންނަން އެބައޮތެވެ. ކަޝްމީރު ލިބެނީ ކޮން ގައުމަކަށް ކަން ކަނޑައަޅައި ރޮނގު ދަމާފައި ނެތުމުގެ ސަބަބުން މިހާތަނަށް ކަޝްމީރުގެ މިލްކުވެރިކަމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުން ތިން ހަނގުރާމައެއް ކޮށްފައިވެ އެވެ. އަދި އީސްޓް ޕާކިސްތާނުގެ މިލްކުވެރިކަމާ މެދު ވެސް ހަނގުރާމައެއް ކުރި އެވެ. ފަހުން އީސްޓް ޕާކިސްތާން ބަދަލުވެގެން ދިޔައީ މިއަދުގެ ބަންގްލަދޭޝް އަށެވެ. ދެ ގައުމުން މިއަދު ވެސް ގެންދަނީ ބިމުގެ މައްސަލައިގައި ހަނގުރާމަ ކުރަމުންނެވެ. މިއީ އެއްގޮތަކަށް ވާހަކަ ދައްކާ، އެއް ނަސްލެއްގެ ބައެއްގެ ދެމެދުގައި ފާއިތުވީ 70 އަހަރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޚުލާސާއެކެވެ. މިއަދު މި ދެ ގައުމުގެ މެދުގައި ކުޅެވޭ ކްރިކެޓް މެޗު ވެސް ވެފައިވަނީ ބޮޑު ސިޔާސީ ކުޅިގަނޑަކަށެވެ.

ބައިބައިކޮށްގެން ގައުމުތައް ހިންގުމުގެ މި ފަލްސަފާއަކީ އިނގިރޭސީން އުފެއްދި އެއްޗެއް ނޫނެވެ. ބާބިލުގެ އެންމެ ވަރުގަދަ ޒަމާނުގައި އެގައުމު ބައިބައިކޮށްލީ ވެސް މި ފަލްސަފާ ބޭނުންކޮށްގެންނެވެ. މެސެޑޯނިއާ އާއި ގައޫލް ބައިބައިކޮށް ވަކިވަކި ގައުމުތައް އުފެދިގެން އައީ ވެސް މި ފަލްސަފާގެ ދަށުން ހިންގި ހަރަކާތްތަކަކަށް ފަހުގަ އެވެ. ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާއިން އިރާގު ހިފައި، ހިންގި ކަންތައްތަކަށް ފަހު އެގައުމު ވަނީ ބައިބައިވެފަ އެވެ. މިހާރު އިރާގުގައި އޮތީ ދާޚީލީ ހަނގުރާމައެކެވެ. ހަތިޔާރު ނެތް ވަކި ޖަމާއަތްތަކަކަށް ހަތިޔާރުދީ ބައިބައިވުން އުފެއްދުމުގެ ނަތީޖާއެވެ. ގައުމުތައް އިސްތިއުމާރުކޮށްގެން އުޅުނު ޒަމާން ދުނިޔެއާ އަލްވަދާއު ކިޔާފައިވާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަދު ވެސް ޑިވައިޑް އެންޑް ރޫލްގެ ފަލްސަފާގެ މަތިން ކުރަމުންދާ ވެރިކަންތައް ފެނިގެން އެބަދެ އެވެ. ވަކި ވަކި ގައުމުތަކުގައި ވެރިކަން ކުރަމުންދަނީ ވެސް މި ފަލްސަފާގެ ތެރެއިންނެވެ. ރައީސް މީހާގެ ޖަމާއަތް ނޫން އެހެން ޖަމާއަތްތަކުގެ މެދުގައި ފިތުނަ އުފައްދައި، ބައިބައިކުރުވައިގެންނެވެ.

އެކަތިގަނޑެއްގެ ގޮތުގައި ކޮންމެ މުޖުތަމައުއެއް އަދި ގައުމެއް ވެސް ބާރުގަދަ އެވެ. އެހެންނަމަވެސް، ވަކިވެގަތުން އޮންނަ ނަމަ ބާރު ދެރަވެ އެ މުޖުތަމައުއެއް އަދި ގައުމެއް ވެސް ނާޒުކު ހާލަތަކަށް ވެއްޓިގެންދެ އެވެ. މިއީ މިއަދު އަޅުގަނޑުމެން ދިވެހިން ހޭލާ ތިބެންޖެހޭ ކަމެކެވެ. ދުނިޔޭގެ ބާރު އޮޔާއި ވައިގެ ތެރޭގައި ފެތުރެމުންދާ އަމިއްލަ ޕްރޮޕެގެންޑާތަކާއި އެޖެންޑާތަކަށް ރަނގަޅަށް ހޭލާ ތިބެންޖެހެ އެވެ. ބާރުގަދަ ގައުމުތަކުން ސްޕޮންސަރ ކޮށްގެން ހިންގާ ހަރަކާތްތައް ރާއްޖޭގެ އައްސޭރިފަށާ ހަމައަށް ވެސް ވަނީ އައިސްފަ އެވެ. މީގެ ކުރިން ވެސް މި ކުޑަ ގައުމު ދެބައިވެ، ވަކި ދައުލަތެއް އިއުލާނުކޮށްފައިވެއެވެ. އެކަން ވެސް ކުރީ ދުނިޔޭގެ ބާރެއްގެ މަދަދުގަ އެވެ. ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ގައުމު ބައިބައިވެ، ނާޒުކު ހާލަތަކަށް ވެއްޓުނަ ނުދޭށެވެ. މި ގައުމުގެ ފޮއްޗެއްގެ އުންމީދުގައި ތިބި އެތައް ބަޔަކު ބާރުގަދަ ގައުމުތަކުގައި އެބަތިއްބެވެ. އަމިއްލަ އެދުމުގައި ސިޔާދަތާއި މިނިވަންކަން ދޫކޮށްލަންޖެހޭ ހިސާބަށް ކަންތައްތައް ނުގެންދާށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
33%
0%
67%
ކޮމެންޓް