އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް އަރުވައިފި
20 ނޮވެމްބަރު 2026 | ހުކުރު 07:16ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދީނީ ތައުލީމު ފެތުރުއްވުމާއި، ޤުރްއާން ތަރުޖަމާކުރުމުގެ އިތުރުން އަރަބިއްޔާ މަދަރުސާ ހަރުދަނާކުރެއްވުމުގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި އިލްމުވެރިއެއް. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެމަނިކުފާނަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ފޮތްތަކެއް ލިޔުއްވައި، ބައިނަލްއަޤުވާމީ މައިދާނުގައިވެސް ރާއްޖެ ތަމްސީލުކުރައްވާފައިވާ ބޭފުޅެއް


އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުހައްމަދު ރަޝީދު އިބްރާހީމަށް އަރުވައިފި | ރައީސް އޮފީސް
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ރޮނގުން ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ މުހައްމަދު ރަޝީދު އިބްރާހީމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު އަރުވައިފި އެވެ.
މިސްރުގެ ޖާމިއުލްއަޒްހަރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމަށްފަހު، ރާއްޖޭގައި ދީނީ ތައުލީމު އުނގަންނައިދެއްވުމަށާއި، ދީނީ ރޮނގުން މީހުން ހޭލުންތެރިކުރުމުގައި ޑރ މުހައްމަދު ރަޝީދު އިބްރާހީމަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްޕުޅުތަކެއް އަމަލީގޮތުން އަދާކުރެއްވި ބޭފުޅެކެވެ.
ޑރ މުހައްމަދު ރަޝީދު އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 8 ފެބުރުވަރީ 1981 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެފަހުން، އެ އޮފީހުގެ ޚާއްސަ ވަކީލުކަމުގެ މަގާމުވެސް ފުރުއްވި އެވެ. އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ ގުޅިގެން، އެ މަދަރުސާގެ މުދީރުކަމަށް 15 ޖަނަވަރީ 1987 ގައި ޑޮކްޓަރ މުހައްމަދު ރަޝީދު އިބްރާހީމް ހަމަޖެއްސުވުމާއެކު، އެ މަގާމުގައި ހުންނަވައިގެން، އެ މަދަރުސާގެ ހިންގުން ހަރުދަނާކުރައްވައި އެ މަދަރުސާގެ މުޤައްރަރު އަލުން މުޠާލިއާ ކުރައްވައި، ޘާނަވީ ތައުލީމުން ފެށިގެން އަރަބިބަހުން ތައުލީމުދޭ މަދަރުސާއަކަށް ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި އަމަލީގޮތުން ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފަ އެވެ.
ޑރ މުހައްމަދު ރަޝީދު އިބްރާހީމްގެ އިލްމީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ޚާއްސަގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތަކީ، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި ފެށްޓެވި، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށްޓަކައި އުފެއްދެވި ކޮމިޓީގައި އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެއްވި ޚިދުމަތެވެ. އެ ކޮމިޓީގެ ރައީސްކަންވެސް 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ކުރެއްވި އެވެ. ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުގައި ވެސް ތަފާތު އެތައް މައުޟޫއަކަށް ޑރ މުހައްމަދު ރަޝީދު އިބްރާހީމް ވަނީ އިލްމީ ތަޤްރީރުތައް ކުރައްވައިފަ އެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްއިން ފޮނުވަމުން ގެންދެވި ދީނީ އެކިއެކި ޕުރޮގުރާމުތަކުގައްޔާއި، އިލްމީ ބަހުޘްތަކުގައި އެ މަނިކުފާނު އަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ، ހުކުރު ޚުތުބާ ވެސް ގިނަ އަދަދަކަށް ލިޔުއްވި ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ ހަފުތާއަކު ނެރުއްވަމުން ގެންދެވި "ދީނުގެ މަގު" މި ނޫހަށް އެކިއެކި މައުޟޫއުތަކަށް ކޮންމެ ހަފުތާއަކު ވެސް ލިޔުއްވަމުން ގެންދެވި އެވެ.
ޑރ މުހައްމަދު ރަޝީދު އިބްރާހީމަކީ، މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއަށާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށް ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެތަންތާނގައި ހިންގި ތަފާތު ކޯސްތަކުގައި ދިގު މުއްދަތެއްގައި ކިޔަވައިދެއްވަމުން ގެންދެވި އަދި ދަރިވަރުންގެ މަޤްބޫލުކަމާއި ތާރީފު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދަރިވަރުންނަށް ހެޔޮއެދިވަޑައިގަންނަވާ، އިލްމީ މައިދާނުގައި ފުންނާބު އުސް އުސްތާޛެކެވެ. ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ، ދީނީ އަދި އިލްމީ ވަރަށްގިނަ ފޮތްފޮތް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި، ކުޑަކުދިންނަށް ޚާއްސަ ކުރައްވައިގެން ދީނީ ވާހަކަ އަދި ސިލްސިލާއެއްގެ ގޮތުގައި ކުޑަކުދިންނަށް ޚާއްސަ ކުރައްވައިގެން، ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް ބައެއް ފޮތް ލިޔުއްވައިފައިވެ އެވެ. ބޭރުގެ ބައެއް ޖަމުއިއްޔާ ޖަމާއަތްތަކުގައި ވެސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފަ އެވެ. އަދި ބައިނަލްއަގުވާމީ ބައެއް ކޮންފަރެންސްތަކުގައި ވެސް ރާއްޖެ ތަމްސީލު ކުރައްވައިފައިވެ އެވެ.
ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ވަނީ، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފަ އެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެ މަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 10 ނޮވެންބަރު 2008 ގަ އެވެ.







