ގައުމީ ލޯތްބާއި ގައުމު ފާހަގަކުރާ ދުވަސްތައް ދިވެހި ދަރީންނަށް ކިޔާދިނުމުގައި މިއަދު އަދާކުރަމުންދާ ޒިންމާއަށްވުރެ މާބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ: ސަލީމް
11 ނޮވެމްބަރު 2026 | ބުދަ 12:41ދިވެހި ތާރީޚާއި ގައުމިއްޔަތަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަށް ލިޔުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމް ވިދާޅުވެއްޖެ. ޖުމްހޫރީ ނިޒާމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ގައުމީ ދުވަސްތަކުގެ އަގު ވަޒަންކުރަން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމަށް


މުހައްމަދު ސަލީމް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި | ރާއްޖެ އެމްވީ
ގައުމީ ލޯތްބާއި ގައުމު ފާހަގަކުރާ ދުވަސްތައް ދިވެހި ދަރީންނަށް ކިޔާދިނުމުގައި މިއަދު އަދާކުރަމުންދާ ޒިންމާއަށްވުރެ މާބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަލީމް ވަނީ ދިވެހިރާއްޖޭގައި ދިވެހި ތާރީހުގެ އިލްމު މަދު ކަމަށެވެ. އަދި ކިޔަވާ ކުދިންގެ މެދުގައި ދިވެހި ތާރީހާއި މެދު ލޯބި ނުއުފެއްދޭ ކަމުގައި ވާނަމަ ނޮވެންބަރު 11 އާއި "މަންޑޭ" އެކޭ ތަފާތެއް ކިޔަވާ ކުދިންނަށް ނުހުންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ގައުމިއްޔަތު ރޫހު ދިވެހިންގެ ތެރޭގައި އޮތް ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ނަމަވެސް މިހާރު ގައުމީ ރޫހު ނެތިގެންދާ ކަމަށެވެ. އެހެންކަމުން ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ ތެރޭގައި ވެސް ގައުމިއްޔަތު ނެތީ ކިހިނެއް ވެގެންތޯ ބަލަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
ގައުމު ހަމަގައިމު ވެސް ކޮށްދިން ދިވެހި ކޮންމެ ރައްޔިތަކަށް ލައްކަ ގިނަ ކަންތައްތައް. ރައްޔިތުކަން ދިން، ޕާސްޕޯޓެއް ދިން، ދުނިޔޭގެ އެތަން މިތަނުގައި ދަތުރު ކުރާނެ އަދި ވިސާއާ ނުލާ އެތައް ސަތޭކަ ގައުމަކަށް ދެވޭނެ ފުރުސަތު ފަހިކޮށްދިން، އާސަންދަ ދިން. ކޮން އެއްޗެއް ގައުމު ނުދެނީ އެހެންނަމަވެސް ގައުމު ދެކެ ލޯބިވާން ޖެހެނީ ވެސް އެއްޗެއް ދީގެންނެއް ނޫން އެއީ ހާލިސް ހިތަކުން ވާން ޖެހޭ އެއްޗެއްމުހައްމަދު ސަލީމް
މީގެ އިތުރުން، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖޫމްހޫރިއްޔަތާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ސަރަހައްދީ ފެންވަރުގައި ހިންގި ފަދައިން އަނެއްކާ ވެސް ޖޫމްހޫރިއްޔަތުގައި ހުރި ހާއްސަ ކަންކަމާއި މި ނިޒާމު ހިނގާ ގޮތް ކިޔާދިނުމުގެ ހޭލުންތެރި ޕްރޮގްރާމް ހިންގަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
އެހެންކަމުން، ދިވެހި ގައުމީ ލޯތްބާއި ގައުމު ފާހަގަކުރާ ދުވަސްތައް އަންގައިދީ، ކިޔާދިނުމުގައި މިހާރު އަދާކުރަމުންދާ ޒިންމާއަށްވުރެ މާބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.






