ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަށް އަރުވައިފި
20 ނޮވެމްބަރު 2026 | ހުކުރު 07:13ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި 67 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އައްބާސް އިބްރާހީމަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ތަރުޖަމާކުރުމުގެ އިތުރުން ބަހުގެ ގަވާއިދު އެކުލަވައިލުމުގައި ނަމޫނާ ޝަޚުސިއްޔަތެއް. ދިވެހިބަސް ޑިޖިޓަލްކުރުމާއި ކީރިތި ޤުރުއާނުގެ ތަރުޖަމާ މުރާޖައާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މި ބަހުގެ އުސްތާޛަށް ވަނީ ޤައުމީ ފެންވަރުގެ ގިނަ ޝަރަފުތަކެއް ލިބިވަޑައިގެންފައި. އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ދިވެހިބަހުގެ އެކެޑަމީގެ ކޮމިޓީތަކުގައާއި ސަރުކާރުގެ މުޝީރެއްގެ ގޮތުގައި ބަހުގެ ކުރިއެރުމަށް މަސައްކަތްޕުޅު ކުރައްވަމުން


ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަށް އަރުވައިފި | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަށް އަރުވައިފި އެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޛެކެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އެމަނިކުފާނަށް ވެދެވަޑައިގެންނެވުމުގެ އެންމެބޮޑު ސަބަބަކަށް ވެގެންދިޔައީ، ނޫސްވެރިކަމަށް އައްބާސްގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެވެ. ޚަބަރުގެ ދާއިރާއަށް 1959 ވަނަ އަހަރު އައްބާސް އިބްރާހީމް ވެދެވަޑައިގެންނެވުމާއެކު ޚަބަރު ލިޔުއްވަން ފެށްޓެވި އެވެ. ބޭރުގެ ޚަބަރު، ރޭޑިއޯއިން އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ. ބޭރު ބަސްބަހުން ހުންނަ ކުދިކުދި ވާހަކަ އެ ދުވަސްވަރު ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްވެސް އައްބާސް އިބްރާހީމް ކުރެއްވި އެވެ. ތަރުޖަމާ ކުރެއްވުމުގެ މަސައްކަތުގައި ވެސް ބޭރު ބަސްތައް ނުހިމަނައި، ރީތި ދިވެހިބަހުން އެ ވާހަކަތައް ގެނެސްދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވި އެވެ.
ދިވެހިބަހަށް އެންމެ ގިނަ ޚިދުމަތެއް ކުރެއްވުމުގެ ފުރުސަތު އައްބާސް އިބްރާހީމަށް ލިބިވަޑައިގަތީ، 22 ޑިސެންބަރު 1996 ގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމު ސަރުކާރުން ދެއްވި ހިސާބުން ފެށިގެންނެވެ. އޭގެފަހުން، އެ މަޖިލީހުގެ ނަން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވި އެވެ. އެ މަގާމުގައި ޚިދުމަތް ކުރެއްވި 12 އަހަރެއްހައި ދުވަހު، ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް އައްބާސް ކުރެއްވި އެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ، 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި، ކޮމްޕިއުޓަރުން ބޭނުންކުރެވޭގޮތަށް ބަދަލު ކުރެއްވުމެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، އައްބާސް އިބްރާހީމް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތައުރީފު ހައްޤު މަސައްކަތްޕުޅުތަކެކެވެ.
އެމަނިކުފާނު ދިވެހިބަހާއި އަދަބިއްޔާތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ އެކީގައި ބައްލަވައި، ދިވެހިބަހުން ރަނގަޅަށް ދޭހަވާގޮތަށް ބަސްތައް ފުރިހަމަކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅެވެ. ދިވެހިބަހުގެ އެކެޑަމީގައި އޮންނަ "ބަސްކޮމިޓީ"ގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި އެވެ. އެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވީ އެ މަނިކުފާނެވެ. މީގެއިތުރުން ވާހަކަ ލިޔުއްވުމާއި، އެކިއެކި މައުޟޫއުތަކަށް މަޒުމޫނު ލިޔުއްވުމާއި އަދި ބޭރު ބަސްބަހުން ހުންނަ ބައެއް ވާހަކަ ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން ވާހަކަފޮތް ލިޔެ ޝާއިއު ކުރުމާއި އެކިއެކި މުނާސަބަތާ ގުޅިގެން ތަފާތު މައުޟޫއުތަކަށް މަޒުމޫނު ލިޔުއްވައި، ނޫސްތަކުގައި ޝާއިއު ކުރެއްވުމާއި ދިވެހި އަދަބިއްޔާތުގެ މުހިންމު ބައެއް ކަމަށްވާ ޅެންވެރިކަމުގެ ރޮނގުގައިވެސް އައްބާސް އިބްރާހީމްގެ މަސައްކަތްޕުޅު ފާހަގަކޮށްލެވެ އެވެ.
1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ރޭޑިއޯ މޯލްޑިވްސްއާ އައްބާސް އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯގެ ޕުރޮގުރާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. ހަމައެއާއެކުގައި ޕުރުގުރާމްތަކުގެ ތެރެއިން ދިވެހި ބަހާއި އަދަބިއްޔާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި އެވެ.
ދިވެހިބަހާއި އަދަބިއްޔާތަށް އަދި މި ރޮނގުން ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކުގައި އައްބާސް އިބްރާހީމް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު، ދައުލަތުން ވަނީ އެކި ފަހަރުމަތިން ވަޒަންކުރައްވައި، އެކަމުގެ ޝަރަފު އަރުވައިފަ އެވެ. މިގޮތުން، ނޫސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985 ވަނަ އަހަރު، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އައްބާސް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފަ އެވެ. މިނިވަން 25ގެ އިނާމު ވެސް 1 990ވަނަ އަހަރު އައްބާހަށް ލިބިވަޑައިގެންފައިވެ އެވެ.
ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ނޫސްވެރިކަމުގެ ރަން ގަލަމާއި، ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން ދެއްވި "އަލިމަސް ގަލަން" ވެސް އައްބާހަށް ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން، މީޑިއާ ކައުންސިލުން ދެއްވި "ހަޔާތުގެ އަރުތަ" އިނާމު ވެސް އައްބާސް އަށް ލިބިވަޑައިގެންފައިވެ އެވެ.
އައްބާސް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގަ އެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެ މަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެ އެވެ. އެ މަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ، 26 ޖުލައި 2013 ގަ އެވެ.






