ގޮހޮރުގެ ސިއްހަތު ރަނގަޅުކުރުމަށް ކޮންމެ ދުވަހަކު ވެސް ކުރަންވީ 5 ކަމެއް
17 ނޮވެމްބަރު 2026 | އަންގާރަ 11:18ގޮހޮރުގެ ސިއްހަތު ރަނގަޅުކުރުމަށްޓަކައި ކޮފީއަށް ފައިބަރާއި ހަވާދުގެ ބާވަތްތައް އެއްކުރުމާއި، ޕްރޮބަޔޮޓިކްސް ގިނަ ފަރމެންޓްކޮށްފައިވާ ކާނާ ބޭނުންކުރުން މުހިންމު. މީގެ އިތުރުން ކެލޮރީ ގުނުމުގެ ބަދަލުގައި ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ކެއުމުގައި ހިމެނުމާއެކު، ރޭގަނޑު ނިދުމުގެ ކުރިން ސްކްރީންތަކުގެ ނޫ އަލިން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ. މިފަދަ ކުދިކުދި އާދަތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ


ގޮހޮރުގެ ސިއްހަތު | ގެޓީ އިމޭޖަސް. އީޓިންގްވެލް ޑިޒައިން
ގޮހޮރުގެ ސިއްހަތު ނުވަތަ "ގަޓް ހެލްތް" އަކީ އަހަރެމެންގެ ހަށިގަނޑުގެ އާންމު ދުޅަހެޔޮކަމާ ނުހަނު ބޮޑަށް ގުޅިފައިވާ މުހިންމު ނިޒާމެކެވެ. ގޮހޮރުގައި ދިރިއުޅޭ އެތައް ޓްރިލިއަން ބެކްޓީރިއާގެ ނިޒާމު (މައިކްރޯބަޔޯމް) ގެ ބެލެންސް ގެއްލިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު އަހަރެމެންގެ ނިދުމަށާއި، ބަރުދަނަށާއި، އަދި ކާތަކެތި ހަޖަމުކުރުމަށް ވެސް ކުރެ އެވެ. އަހަރެމެންގެ ކާނާގެ ސަބަބުން ގޮހޮރުގެ ސިއްހަތަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ފައިބަރ އަދި ޕްރޮބަޔޮޓިކްސް ހިމެނޭ ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މަޝްހޫރު ގޭސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ވިލް ބުލްސިއެވިޗް (ޑރ. ބީ) ވަނީ، ގޮހޮރުގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އޭނާ ކުރައްވާ 5 ކަމެއް ހިއްސާކުރައްވާފަ އެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އަހަރެމެންނަށް ފަސޭހައިން އާދަކުރެވިދާނެ ކަންތައްތަކެކެވެ.
1. ހެނދުނު ބޯ ކޮފީތަށި އިތުރަށް ފައިދާހުރި އެއްޗަކަށް ހެދުން
ކޮފީގައި ގުދުރަތީގޮތުން ޕްރީބަޔޮޓިކްސް އެކުލެވިގެންވެ އެވެ. ނަމަވެސް ޑރ. ބީ ލަފާދެއްވަނީ ކޮފީ ތައްޓަށް ސޮލިއުބަލް ފައިބަރ ސަޕްލިމެންޓެއް ނުވަތަ ފޮނިތޮށި އަދި ކަރަންފޫ ފަދަ ހަށިގަނޑުގެ ދުޅަ ތިރިކޮށްދޭ ހަވާދުގެ ބާވަތެއް އެއްކޮށްލުމަށެވެ. ސޮލިއުބަލް ފައިބަރއަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި މާއްދާއެކެވެ. ސަޕްލިމެންޓް ބޭނުންކުރަން ބޭނުން ނުވާނަމަ، މޭވާއާއި އޯޓްސް އަދި މުގުގެ ބާވަތްތަކުން ވެސް ގުދުރަތީ ގޮތުން މި ފައިބަރ ލިބޭނެ އެވެ.
2. ފަރމެންޓްކޮށްފައިވާ ކާނާ ބޭނުންކުރުން
ފަރމެންޓްކޮށްފައިވާ ކާނާގައި ގޮހޮރަށް ފައިދާހުރި ބެކްޓީރިއާ ކަމަށްވާ ޕްރޮބަޔޮޓިކްސް ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. މީގެ ތެރޭގައި ޔޯގަޓް، ކިމްޗީ، ސައުއަރކްރައުޓް އަދި ކޮމްބޫޗާ ފަދަ ބާވަތްތައް ހިމެނެ އެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ގޮހޮރުގެ ބެލެންސް ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކާނާ އެވެ. މިފަދަ ކާނާގެ ރަހަ ކަމުނުދާނަމަ، މޭވާއާއި ޔޯގަޓް އެއްކޮށްލައިގެން ސްމޫތީއެއް ތައްޔާރުކޮށްލެވިދާނެ އެވެ.
3. ކެލޮރީ ގުނުމުގެ ބަދަލުގައި ގަސްގަހާގެހިން ލިބޭ ކާނާ ގިނަކުރުން
ކެލޮރީ ގުނުން ހުއްޓާލާށެވެ. އޭގެ ބަދަލުގައި ގަސްގަހާގެހިން ލިބޭ ކާނާ ކެއުމުގައި ހިމެނޭތޯ ބަލާށެވެ. ނުވަތަ ތަފާތު ވައްތަރުގެ މޭވާއާއި ތަރުކާރީ ކެއުމުގައި ހިމެނުމަށް އިސްކަންދޭށެވެ. ގިނައިން ތަރުކާރީއާއި މޭވާ ހިމެނޭ ޑައިޓެއް ޚިޔާރުކުރުމަކީ ހިތުގެ ސިއްހަތަށާއި މުޅި ހަށިގަނޑަށް ވެސް ނުހަނު ފައިދާހުރި ކަމެކެވެ.
4. ކެއުމުގައި ތަފާތު ބާވަތްތައް ހިމެނުން
ކޮންމެ ފަހަރަކު ވެސް ކާއިރު، ތަށީގައި ތަފާތު ބާވަތްތަކުގެ ކާނާ ހިމެނުމަށް ސަމާލުކަން ދޭށެވެ. އޭގެ ތެރޭގައި ތަރުކާރީ، މޭވާ، ހޯލް ގްރެއިންސް، ސިއްހަތަށް ފައިދާހުރި ފެޓްސް، އަދި ޕްރޮޓީން ހިމަނަންވާނެ އެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއެންޓްސް ފަސޭހައިން ލިބިގެންދާނެ އެވެ. މިއީ މެޑިޓަރޭނިއަން ޑައިޓްގައި ވެސް އެންމެ ބޮޑަށް ބާރުއަޅާ އެއް ކަންތަކެވެ.
5. ނިދުމުގެ ކުރިން ބްލޫ ލައިޓް ބްލޮކްކުރާ އައިނު އެޅުން
ކެއުމާ ނުގުޅޭ ކަމެއްހެން ހީވިނަމަވެސް، ނިދުމުގެ ކުރިން ސްކްރީންތަކުން އަންނަ ނޫ އައްޔަށް ހުށަހެޅޭ މިންވަރު މަދުކުރުމަކީ މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ނިދުމުގެ ކުރިން ބްލޫ ލައިޓަށް ހުށަހެޅުމަކީ ސިކުނޑި ހޭލައްވާލާ ކަމަކަށްވާތީ އޭގެ ނޭދެވޭ އަސަރު ސިއްހަތަށް ކުރެ އެވެ. ބްލޫ ލައިޓް ބްލޮކްކުރާ އައިނު އެޅުމުން ނިދަންވާއިރަށް ސިކުނޑި ހަމަޖެހި، ރަނގަޅަށް ނިދުމަށް މަގުފަހިކޮށްދެ އެވެ.
ގޮހޮރުގެ ސިއްހަތު ރަނގަޅުކުރުމަށް މުޅި ދިރިއުޅުމުގެ ވައްޓަފާޅި އެއްކޮށް ބަދަލުކުރާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި، ކެއުމުގައި ތަފާތު ބާވަތްތައް ހިމެނުމާއި، ފަރމެންޓްކޮށްފައިވާ ކާނާ ކެއުމާއި އަދި ރޭގަނޑު ސްކްރީންތަކާ ދުރުވުން ފަދަ ކުދިކުދި އާދަތަކަށް ފަރުވާތެރިވުމުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިވެގެންދާނެ އެވެ. އެންމެ މުހިންމު ކަމަކީ މިކަންކަން ދާއިމީ ގޮތެއްގައި ކުރުމާއި ތިމާގެ ހަށިގަނޑާ ގުޅޭ ރަނގަޅު އާދަތަކެއް އަށަގަންނުވުމެވެ.
ގޮހޮރުގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ކުރަން ރަނގަޅު 5 ކަމެއް










