މި ސަރުކާރުން ބަނޑިދޫގައި ކުރިއަށްގެންދަން ފެށި ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި، އެ މަޝްރޫއުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ: ކައުންސިލްގެ ނައިބު ރައީސް
26 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:28ބަނޑިދޫގައި ފަށާފައިވާ ބިން ހިއްކުމާއި ސްކޫލް އިމާރާތް ކުރުން ފަދަ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، އެކަމުގެ އެއްވެސް މައުލޫމާތެއް ކައުންސިލަށް ލިބެމުން ނުދާ ކަމަށް އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އީސަ ވިދާޅުވި. މީގެ އިތުރުން، މީގެ ކުރިން އެއްވެސް ސަރުކާރަކުން އަމަލުނުކުރާ މިންވަރަށް މި ސަރުކާރުން އެ ރަށުގެ ފެނަކަ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުންވެސް އޭނާ ފާޅުކުރެއްވި


ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދ. ބަނޑިދޫގައި ކުރިއަށްގެންދަން ފެށި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށާއި، އެ މަޝްރޫއުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލަށް ލިބެމުން ނުދާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބަނޑިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވިދާޅުވީ، ކެމްޕޭނާ ގުޅިގެން ބިން ހިއްކުމާއި، ސްކޫލުގައި ކްލާސްރޫމް އިތުރުކުރުން ފަދަ ގިނަ މަޝްރޫއުތަކެއް ފެށި ނަމަވެސް، މިހާރު ކުރިއަށްދަނީ ހަމައެކަނި ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް އެކަނި ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށާއި، ބިން ހިއްކުމުގެ ސައިޓްގެ އެކިއެކި ތަންތަން ވީރާނާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތައް ކުރިއަށް ނުދާތީ ކަންބޮޑުވާކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ ޕޮލިސް ސްޓޭޝަން އެޅުމަށް ބިން ދޫކޮށްފައިވީ ނަމަވެސް އެތަނުގެ މަސައްކަތުގެ އެއްވެސް ޚަބަރެއް ނުވާ ކަމަށެވެ. އަދި ވިދާޅުވީ ބަނދަރު އަޕްގްރޭ ޑްކުރުމާއި ފުންކުރުމުގެ މަސައްކަތްތައް ފަދަ ކަންކަން ސަރުކާރުން ހަދާފައިވާ ވަކި ކޮމިޓީއަކުން ކުރިއަށް ގެންދާ ކަމަށް އަޑުއިވޭ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކައުންސިލަށް އެނގިގެން ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން އަނެއް ބިން ހިއްކުމުގެ ސައިޓު ޖެހިތާނގައި، ފާޑެއްގެ ކަޅުލާކޮޅެއް ޖަހާފައި އެ ތަން ވެސް މިހާރު ވީރާނާވެގެން ގޮއްސި. އަޅުގަނޑަކަށް ނޭނގެ ކުރިއިރުގައި އަޅުގަނޑު އުންމީދު ކުރަނީ އެ ކަންކަން ވެސް މި ސަރުކާރުން ކޮށްދޭނެ ކަމަށް. އެކަން އެއްވެސް ޚަބަރެއް ނުވޭ. ކައުންސިލަށް ވެސް ނޭނގޭ އެނގޭތޯއަހުމަދު އީސަ
އީސަ ވިދާޅުވީ ކައުންސިލުން އެއްވެސް މަޝްރޫއަކަށް ހުރަސްއަޅާފައި ނުވާނެ ކަމަށާއި، ރަށުގެ ތަރައްގީ އަށް ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މީގެ އިތުރުން އީސަ ވަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައަށް ވެސް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
އީސަ ވިދާޅުވީ، މިހާތަނަށް އައި އެއްވެސް ވެރިކަމެއްގައި ބަނޑިދޫގެ ވަޒީފާތަކުން މީހުން ކަނޑާފައި ނުވި ނަމަވެސް، މި ސަރުކާރުން ފެނަކައިގެ ވަޒީފާތަކުން ގާތްގަނޑަކަށް 9 މީހަކު ވަކިކޮށްފައިވާ ކަމަށެވެ.





