ކ. މާލެ
|
6 އޮކްޓޯބަރ 2017 | ހުކުރު 14:30
ރާއްޖޭގެ ރިސޯޓެއް - ޔޫރަޕުން ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އާދޭ
ރާއްޖޭގެ ރިސޯޓެއް - ޔޫރަޕުން ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އާދޭ
ގޫގުލް
އީޔޫ-ރާއްޖެ ގުޅުން
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟
އީޔޫއަކީ ރާއްޖޭގެ އެކްސްޕޯޓްގެ ވެސް މުހިއްމު ބައިވެރިއެއް
ޗައިނާ، ސައޫދީއަށް ފަތުރުވެރިިކަމުގައި ބަރޯސާވެވެން ނެތް
ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު ބައި ހިއްސާކުރަނީ ޔޫރަޕްގެ ފަތުރުވެރިން

ބުރާސްފަތި ދުވަހު ޔޫރަޕިއަން ޕާލަމެންޓްގައި ދިވެހިރާއްޖޭގެ މަސްރަހާ ބެހޭ ގޮތުން ބަހުސްކުރެވެމުން ދިޔަ އިރު، ބައެއް މެމްބަރުން ވަނީ ޔޫރަޕްގެ ޤައުމުތަކުގެ ރައްޔިތުން ދިވެހިރާއްޖެއަށް ދިޔުން މަނާކުރުމަށް ހުށަހަޅުއްވާފައެވެ. މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަށް ބުރާސްފަތި ދުވަހު ފާސްކުރި ޤަރާރުގައި ނިންމާފައިނުވި ނަމަވެސް، މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއާ ދެކޮޅަށް މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅަން ޖެހުނީ، އެބޭފުޅުން ވިދާޅުވާ ގޮތުން، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ހައްޤުތަކެއް ނިގުޅައިގަނެ، ދިވެހިރާއްޖޭގައި ހުދުމުޚުތާރު ވެރިކަމެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާތީ، އެކަން ހުއްޓުވުމަށް އެހާ ދުރުގަތި ތިބެ އެޤައުމުތަކަށް ކުރެވޭނީ އެފަދަ މަސައްކަތްތަކެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. ދިވެހި ސަރުކާރުން އީޔޫ ޕާލަމެންޓްގެ ޤަރާރު ޤަބޫލު ނުކުރާ ކަމަށް ބުނެ، އަދި އީޔޫއިން ދިވެހިރާއްޖެއާ މެދު ފިޔަވަޅު ނާޅާނެ ކަމަށް ބައެއް ސަފީރުން ގަދަބަސް ވިދާޅުވިޔަސް، މިއީ އެހާ ސީރިއަސްކަން ކުޑަކޮށް ނަގާ ވަރުގެ ކަމެއް ނޫނެވެ.

އީޔޫއިން ދިވެހިރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ، އެކަމުގެ ހުރިހާ ގެއްލުމެއް އޮތީ ދިވެހިންނަށާއި ދިވެހި ރާއްޖެއަށެވެ. ޔޫރަޕަށް ނުވަތަ ޔޫރަޕްގެ ވަކި ޤައުމުތަކަށް ލިބޭނެ ގެއްލުމެއް ނެތެވެ. ޔޫރަޕަކީ އެބައްރަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ބައްރެވެ. އިޤްތިޞާދުގެ ބޮޑު ބައެއް އަދި ވަޒީފާ އަދާކުރާ އާބާދީގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާއިރު، އެސިނާޢަތުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަންނަނީ މިދެންނެވި ޔޫރަޕިއަން ޔޫނިއަންއަށް ނިސްބަތްވާ އަދި އެސަރަހައްދުގެ ޤައުމުތަކުންނެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 46 އިންސައްތަ އައީ ޔޫރަޕުންނެވެ. އެއީ ޖުމްލަ 409،819 ފަތުރުވެރިންނެވެ. މިއީކީ ކުޑަ އަދަދެއް ނޫނެވެ. އަދި މިއީ އެއް އަހަރުން އަނެއް އަހަރަށް މަތިވަމުން އަންނަ އަދަދެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން 2016 ވަނަ އަހަރުގެ މިމުއްދަތުގައި ޔޫރަޕުން އައި ފަތުރުވެރިންގެ އަދަދަކީ 370،202 އެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ. އެހެން ކަމުން ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތްތަނުގައި ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ސަރުކާރަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ޔޫރަޕްގެ ޤައުމުތަކުގެ ގުޅުން މުހިއްމެއް ނޫނޭ ނުވަތަ ޔޫރަޕްގެ ފަތުރުވެރިން ނަޔަސް އެންމެ ރަނގަޅޭ ކިޔާތީ އިވެއެވެ. އެމީހުން ދެކޭ ގޮތުގައި ބޯކޮށް ފައިސާ އޮތް ޗައިނާ އާއި ސައޫދީއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެބައި ފުރިހަމަ ކުރާނެއެވެ. އެހެންނަމަވެސް ނަމްބަރުތައް ދައްކަނީ އެހެނެއް ނޫނެވެ. ޔޫރަޕްގެ ފަތުރުވެރިން އެހިއްސާކުރަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ! އެއީ މީހުންގެ އަދެދެވެ. ނަމަވެސް ޗައިނާގެ ފަތުރުވެރިން ކުރާ ހޭދައިގެ އެތައް ގުނައެއް އިތުރަށް ޔޫރަޕްގެ ފަތުރުވެރިން ކުރެއެވެ. އެއީ ކުޑަ މިންވަރެއް ނޫނެވެ. ޔޫރަޕްގެ ޤައުމުތަކުން އެޤައުމުތަކުގެ ރައްޔިތުންނަށް ރާއްޖެއަށް ދަތުރުނުކުރަން އަންގައިފި ނަމަ އެތަން ފޫބައްދަން ރާއްޖެއަށް އަންނާނެ ކަމަށް އެބުނާ ސައޫދީ އާއި ޗައިނާގެ ފަތުރުވެރިންގެ އަދަދުތަކަށް ވެސް ބަލަމާ ހިނގާށެވެ. މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެ އާއި އެއޮތް ގުޅުން ރަނގަޅުކަމަށް ބުނާ ސައޫދީ އަރަބިއްޔާއިން އައީ 14،279 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު ވެސް 8.1 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އެންމެ 1.6 އިންސައްތައެވެ. ސައޫދީން އަންނަ ކޮންމެ ފަތުރުވެރިޔަކީ ޝާހީ އާއިލާގެ މެމްބަރެއް ނޫނެވެ. ކޮންމެ މީހަކު އައިސް ހުންނަނީކީ ފަސް ތަރީގެ ރިޒޯރޓެއްގައެއް ވެސް ނޫނެވެ. ސައޫދީން އަންނަ ގިނަ ފަތުރުވެރިންގެ ފަރާތުން ވެސް ރާއްޖޭގެ އިޤްތިޞާދަށް ވަންނަނީ ހަމަ ޔޫރަޕްގެ މެދުފަންތީގެ ފަތުރުވެރިއެއްގެ އަތުން ރާއްޖެއަށް ވަންނަ މިންވަރެކެވެ.

ދެން އޮތީ ޗައިނާއެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަކީ ޗައިނާއަށް ވަނީ ވެފައެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައެވެ. ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ އަދަދު މިފާއިތުވި އޮގަސްޓް މަހު އަށެއް އިންސައްތަ އިތުރުވިއިރު، މި އިތުރުވުމުގައި އީޔޫގެ މެމްބަރު ޤައުމުތައް ކަމަށްވާ ނެދަލެންޑްސް، އިޓަލީ އަދި ފްރާންސް ހިމެނޭ ކަމަށް މަރުކަޒީ ބޭންކުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކައެވެ. އަދި މިމުއްދަތުގެ ތެރޭގައި ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވެ، އެކަމުގެ އަސަރުކުރި ނަމަވެސް މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތައް ދައްކައެވެ. ޗައިނާއިން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 209،514 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މި މުއްދަތުގެ ތެރޭގައި 2016 ވަނަ އަހަރު ޗައިނާއިން 230،437 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެހެންކަމުން މިއީ 9.1 އިންސައްތައިގެ ދަށްވުމެކެވެ. އަދި ޗައިނާއިން އަންނަ ފަތުރުވެރިއެއްގެ ފަރާތުން ބޮލަކަށް ޖެހޭ އަދަދަށް ބަލާއިރު ރާއްޖޭގެ އިޤްތިޞާދަށް ވަންނަ އަދަދު މަދެވެ.

ޗައިނާއިން ހިއްސާކޮށްފައި ވަނީ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ 23.5 އިންސައްތައެވެ. ޔޫރަޕުން 46 އިންސައްތަ އައި އިރު، ޗައިނާގެ 23.5 އިންސައްތައަކީ ބޮޑުތަނުން ކުޑަ އަދަދެކެވެ. މިކަމާ ގުޅިގެން ބައެއް ބޭފުޅުން ބުނެފާނެ ވާހަކައެއް އޮވެދާނެއެވެ. އެއީ ޗައިނާއަކީ އެންމެ ޤައުމަކަށްވެފައި ޔޫރަޕަކީ 50 ޤައުމުގެ މައްޗަށް އެކުލެވޭ ބައްރަކެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއް އެބައޮތެވެ. ޗައިނާގެ އާބާދީއަކީ މުޅި ޔޫރަޕްގެ އާބާދީއާ އަޅާބަލާއިރު ވެސް ދެގުނަ ބޮޑު އާބާދީއެކެވެ. ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ޤައުމުތަކުގެ އާބާދީގައި 500 މިލިއަނެއްހާ މީހުން އުޅޭއިރު، ޗައިނާގެ އާބާދީއަކީ 1.4 ބިލިއަނެވެ.

ރާއްޖެއަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ، ގެއްލުންވާނީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާޢަތަކަށް ނޫނެވެ. އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މުދާ ޔޫރަޕަށް އެތެރެ ނުކުރެވޭ ގޮތް ހަދައި، ޔޫރަޕްގެ މުދާ ރާއްޖެއަށް ބޭރު ނުކުރެވޭ ގޮތް ހަދައިފި ނަމަ، ދިވެހިން ތިބޭނީ ކޮން ހާލެއްގައިތޯއެވެ؟ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ 29 އިންސައްތަ ބޭރުކުރީ ޔޫރަޕްގެ ޤައުމުތަކަށެވެ. މިމުދަލުގެ އަގު 465،350،000 އާއި ގާތްކުރެއެވެ. ބައި ބިލިއަނެއްހާ ރުފިޔާގެ މުދާ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޔޫރަޕަށް ބޭރުކުރިއިރު އޭގެ ތެރެއިން ބޮޑު އިންސައްތައަކީ މަހުގެ ބާވަތްތަކެވެ. މިމުދާތައް ބޭރު ނުކުރެވިއްޖެ ނަމަ ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ ޙާލަކީ ކޮބައިތޯއެވެ؟ ލަންކާ، ޓައިވާން، ޖަޕާން، ޗައިނާ އަދި އުތުރު އެމެރިކާއަށް މަހުގެ ބާވަތްތައް ބޭރުކުރި ނަމަވެސް ހަމަގައިމު ވެސް ޔޫރަޕްގެ ޤައުމުތަކަށް މަހުގެ ބާވަތްތައް ބޭރުކުރުން ހުއްޓާލަން ޖެހިއްޖެ ނަމަ، އޭގެ އަސަރު މަސްވެރިކަމުގެ ސިނާޢަތަށް ނުހަނުބޮޑަށް ކުރާނެއެވެ.

ޔޫރަޕިއަން ޔޫނިއަންއިން އަބަދުވެސް ބުނާ، އަދި އެންމެ ފަހުގެ ޤަރާރާއި ބަހުސްގައި ވެސް ތަކުރާރުކޮށް ފާހަގަކުރި އެއްކަމެއް އެބައޮތެވެ. އެއީ އީޔޫ އޮތީ ރާއްޖެއާ އެކު މަސައްކަތްކޮށް، ރާއްޖެއަށް ބޭނުންވާ އެހީ ދޭން ތައްޔާރަށް އޮތް ވާހަކައެވެ. އީޔޫގެ ޤަރާރުގައި ވެސް، އަދި އޭގެ ކުރީގައި ވެސް ފާހަގަކުރާ އިސްލާހުކުރަން ޖެހޭ ހުރިހާ ކަމަކާ ދެކޮޅު ހެދުމަށް ފަހު ދިވެހި ސަރުކާރުން އަބަދުވެސް ހިފަނީ އެޕޮއިންޓްގައެވެ. ދިވެހިންނަށް ދައްކަން ބޭނުންވަނީ ސަރުކާރާއި އީޔޫއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ޚާރިޖީ ބަސްމަގުގެ ނާޖާއިޒް ފައިދާ ނަގައި، ދިވެހިންނަށް ސަރުކާރުން އެދައްކަނީކީ ހަޤީޤީ މަންޒަރެއް ނޫނެވެ. އީޔޫގެ ޤަރާރުގައި ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅު ނުކޮށްފިނަމަ، ހުރިހާ ގުޅުމަކާއި އެހީއެއް ކަނޑާލުމުގެ އިޚްތިޔާރާއި ބާރު އީޔޫއަށާއި އީޔޫގެ މެމްބަރު ޤައުމުތަކަށް އެބަ އޮތެވެ. އެހެން ކަމުން މިވަގުތަކީ ދިވެހި ސަރުކާރުން ގަދަ ބަސް ނުބުނެ، ދިވެހިރާއްޖެއިން އިސްލާހުކުރުމަށް އީޔޫއިން ބުނާ ކަންކަން އިސްލާހުކުރަންވީ ވަގުތެވެ. އިންސާނީ ހައްޤުތަކާއި އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ދޭންވީއެވެ. ޝަރުއީ ދާއިރާ އިސްލާހްކުރަންވީއެވެ. އެއީ ކޮންމެހެން އީޔޫގެ ދަށުވުމެއް، ނުވަތަ އީޔޫއިން ދިވެހިންގެ ދާޚިލީ ކަންކަމާއި ބެހުމެއް ނޫނެވެ. އެއީ އީޔޫ އިން ނުބުންޏަސް ކުރަންޖެހޭ ކަންކަމެވެ. އެއީ ދިވެހިރާއްޖެއިން ތަސްދީޤްކޮށްފައިވާ އެތަކެއް މުއާހަދާތަކެއްގެ ދަށުން ރާއްޖެއިން ކަށަވަރުކޮށްދޭން ޖެހޭ ހައްޤުތަކެވެ. އަދި ރައްޔިތުންގެ ސަރުކާރެއްގެ ހައިސިއްޔަތުން ރައްޔިތުން އަދާކޮށްދޭން ޖެހޭ ޒިންމާއެކެވެ. ގަދަބަސްނުބުނެ، ރާއްޖޭގެ އިޤްތިޞާދު ސަލާމަތްކޮށްދޭން އެބަޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 އޮކްޓޯބަރ 2017 | ހޯމަ 18:40
ރާނީ
އީމަންކައްކުޑަމީހުން ތިޔަސުވާލު ކުރަނީ އަހަރެމެންނަށް ރިޒުގުދެއްވަނީ އަހަރެމެން ހެއްދެވިފަރާތް އެވެސްބަޔަކަށް އެވެސްކަމެން ނުކުރެވޭނެ އެމް.ޑީ.ޕީި ހީކުރާގޮތެއްނުވާނެ
7 އޮކްޓޯބަރ 2017 | ހޮނިހިރު 09:34
ހަސންބެ
ތި އީޔޫން މިޔަންމާޔަށް ފިޔަވަޅު ނާޅާ މިތަނާ އަލައިގަނެގެން މިއުޅެނީ ހަމަ ދީންދެކެ ބިރުން އުތަ!..މީގެ މާހަޔަކީ ޔާމީނު ކުރާކަންތައް ރަނގަޅެކޭ ނޫން ،އެކަމު އެންމެ ފުރަތަމަ މިޔަންމާ ދެން އިޒުރޭލު ދެން ރާއްޖެ...