ވެނިސް ފިލްމު ފެސްޓިވަލުން 2026 އޮސްކާއަށް ވާދަކުރާނެ ކަމަށް ބެލޭ 6 ފިލްމް
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 16:10ވެނިސް ފިލްމު ފެސްޓިވަލުގައި ދައްކާލި ފިލްމުތަކުގެ ތެރެއިން އޮސްކާ އެވޯޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ފާހަގަކޮށްލެވޭ ހަ ފިލްމެއްގެ ތެރޭގައި ރޮބަޓް ޕެޓިންސަންގެ "ޕްރައިމްޓައިމް" އާއި އީލޮން މަސްކްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ މޮޅު އުފެއްދުންތަކެއް ހިމެނޭ. މި ފިލްމުތަކަކީ އެކްޓިން އާއި ޑައިރެކްޝަންގެ ގޮތުން ބޮޑު މަގުބޫލުކަމެއް ހޯދާނެ އުފެއްދުންތަކެއްކަން ފާހަގަކުރެވޭ

އިޓަލީގެ ވެނިސްގައި 2026 ސެޕްޓެމްބަރު 7 ވަނަ ދުވަހު ބޭއްވި 83 ވަނަ ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ ތެރެއިން، ޕެނެލޮޕީ ކްރޫޒް އާއި ހަވިއޭ ބާޑެމް ފެނިގެންދަނީ. | ގެޓީ އިމޭޖަސް
2026 ވަނަ އަހަރުގެ ވެނިސް ފިލްމު ފެސްޓިވަލަކީ އޮސްކާ އެވޯޑަށް ވާދަކުރާނެ ފެންވަރުގެ މޮޅު ފިލްމުތަކެއް ދުނިޔެއަށް ތައާރަފުވެގެންދާ ފެސްޓިވަލެކެވެ. ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި "ލާ ލާ ލޭންޑް"، "ދަ ޝޭޕް އޮފް ވޯޓަރ"، "ރޯމާ"، "ދަ ބްރުޓަލިސްޓް"، "ޖޯކަރ" އަދި "ފްރެންކެންސްޓައިން" ފަދަ ކާމިޔާބު ފިލްމުތަކަކީ މި ފެސްޓިވަލުން ވިދާލި ފިލްމުތަކެވެ. މިއަހަރުގެ ފެސްޓިވަލުގައި ހޮލީވުޑްގެ ބޮޑު ބަޖެޓު ފިލްމުތައް ފެނިގެންދިޔަ މިންވަރު މަދުވި ނަމަވެސް، އޮސްކާ އެވޯޑަށް ނޮމިނޭޓްވުމުގެ ފުރުސަތު ބޮޑު ހަ ފިލްމެއް މިހާރު ވެސް ވަނީ ފާހަގަކުރެވިފަ އެވެ.
ޕްރައިމްޓައިމް

ފިލްމް ޕްރައިމްޓައިމްގެ މަންޒަރެއް | އޭ24
މި ފިލްމަކީ މަޝްހޫރު އެކްޓަރު ރޮބަޓް ޕެޓިންސަންގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ ރޯލު ފެނިގެންދާ ފިލްމެވެ. މި ފިލްމުގައި ކިޔައިދެނީ 2000 ގެ ކުރީކޮޅު މަގުބޫލުވި "ޓޫ ކެޗް އަ ޕްރިޑޭޓަރ" ޝޯގެ ހޯސްޓް ކްރިސް ހެންސަންގެ ވާހަކަ އެވެ. ޖިންސީ ގޯނާކުރާ މީހުން އަތުލައިގަތުމަށް ހިންގި މި ޝޯގެ ހަގީގީ ކްރިސް ހެންސަންގެ ހަރަކާތްތަކާއި އަޑު، ޕެޓިންސަން ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފަ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް ޕެޓިންސަން ކަމަށްވާއިރު، އޭނާގެ މި ހުނަރުވެރި އެކްޓިންއާއެކު، މިއީ އޭނާއަށް ފުރަތަމަ އޮސްކާ ނޮމިނޭޝަން ލިބޭނެ ފިލްމަށް ވުމުގެ ފުރުސަތު ބޮޑެވެ.
ވައިލްޑް ހޯސް ނައިން

ވައިލްޑް ހޯސް ނައިންގެ މަންޒަރެއް | ސާޗްލައިޓް ޕިކްޗާސް
މާޓިން މެކްޑޮނާގެ އެންމެ ފަހުގެ ފިލްމު "ދަ ބެންޝީސް އޮފް އިނިޝެރިން" ނުވަ އޮސްކާ އެވޯޑަށް ނޮމިނޭޓްވި ނަމަވެސް، އެއްވެސް އެވޯޑެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ އާ ފިލްމު "ވައިލްޑް ހޯސް ނައިން" އަށް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބިދާނެ ކަމަށް ބެލެވެ އެވެ. 1973 ވަނަ އަހަރު އީސްޓަރ އައިލެންޑްގައި ޗުއްޓީ ހޭދަކުރާ ސީ.އައި.އޭ އެޖެންޓުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ ޖޯން މެލްކޮވިޗް އަދި ސޭމް ރޮކްވެލް އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޮސްކާއަށް ނޮމިނޭޓްވެފައިވާ 72 އަހަރުގެ މެލްކޮވިޗް، މި ފިލްމުގައި ދައްކުވައިދޭ މުސްކުޅި ގާތިލެއްގެ ރޯލަކީ އޭނާއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދައިދިނުމަށް މަގުފަހިވާނެ ފަދަ ވަރުގަދަ އެކްޓިންއެކެވެ.
ފްލެޝް އިމްޕެކްޓް

ފްލެޝް އިމްޕެކްޓްގެ މަންޒަރެއް | ވެނިސް ފިލްމް ފެސްޓިވަލް
"ފްލެޝް އިމްޕެކްޓް" އަކީ ވެނިސް ފެސްޓިވަލުން ފެނިގެންދިޔަ ތަފާތު އުފެއްދުމެކެވެ. މިއީ އެންމެ މޮޅު "ލައިވް އެކްޝަން ޝޯޓް ފިލްމު" ކެޓަގަރީން އޮސްކާއަށް ވާދަކުރާނެ ކަމަށް ބެލެވޭ 17 މިނެޓުގެ ކުރު ފިލްމެކެވެ. މެގީ ގިލެންހާލް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މެރިލިން މޮންރޯގެ 100 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އުފެއްދި ފިލްމެކެވެ. މި ފިލްމުގައި މޮންރޯގެ ރޯލު ކުޅެނީ 93 އަހަރުގެ އެލެން ބާސްޓިން އެވެ. އަދި މޮންރޯގެ ޒުވާން ދުވަސްވަރުގެ ރޯލުން ފެނިގެންދަނީ ދަކޯޓާ ޖޯންސަން އެވެ. މިއީ މޮންރޯގެ ހަޔާތުގެ ވާހަކަ އޭނާގެ އަމިއްލަ ބަހުން ކިޔައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިތްގައިމު ފިލްމެކެވެ.
ވުމަން އަންނޯން

"ވުމަން އަންނޯން" ފިލްމުގެ މަންޒަރެއް | އެންޑްރޭސް ސްޓްރޯކިންސް
ޑެންމާކުގެ ފިލްމެއް ކަމަށްވާ "ވުމަން އަންނޯން" ޕްރިމިއާ ކުރުމާއެކު، މިއީ އެންމެ މޮޅު ބައިނަލްއަގުވާމީ ފިލްމުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވާނެ ފިލްމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. މޭ އެލް-ތޫކީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ކޯޕަންހޭގަންގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މާތިލްޑޭ އާކެލް މައި ރޯލު ކުޅެފައިވާ މި ފިލްމުގައި، އޭނާގެ މާޒީގެ ސިއްރުތަކެއް ފަޅާއަރުވާލާނެ ކަމުގެ ބިރުދެއްކުމުން ކުރިމަތިވާ ގޮންޖެހުންތައް ދައްކުވައިދެ އެވެ. އިންސާނުން ދިރިތިބުމަށްޓަކައި ކުރާ ކަންތައްތަކާއި، އަންހެނުންނަށް ކުރާ އަނިޔާތައް ފިރިހެނުން ދިފާއުކުރާ ގޮތް މި ފިލްމުން ވަރަށް ފުރިހަމައަށް ސިފަކޮށްދެ އެވެ.
ޕޮސިބަލް ލަވް

ޕޮސިބަލް ލަވްގެ މަންޒަރެއް | ނެޓްފްލިކްސް
ލީ ޗަންގް-ޑޮންގްގެ އާ ފިލްމު "ޕޮސިބަލް ލަވް" އަކީ މުޖުތަމައުގެ އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދަނީ މެދުފަންތީގެ ޑައިރެކްޓަރަކު (ޗޯ ޔޯ-ޖިއޮންގް) އޭނާގެ މުއްސަނދި ފިރިމީހާގެ އެހީތެރިކަމާއެކު، ފެކްޓްރީ މަސައްކަތްތެރިއެއްގެ މައްޗަށް ޑޮކިއުމެންޓްރީއެއް ތައްޔާރުކުރާ ގޮތެވެ. މި ދެ އާއިލާގެ މެދުގައި އުފެދޭ ގުޅުމަކީ ހަގީގީ ގުޅުމެއްތޯ ނުވަތަ އަމިއްލަ އެދުމެއް އޮވެގެން އުފެދޭ ގުޅުމެއްތޯ މި ފިލްމުގައި ސުވާލު އުފައްދަ އެވެ. "ރޮޓެން ޓޮމާޓޯސް" ސައިޓުގައި މި ފިލްމަށް 100 އިންސައްތަ ރޭޓިން ލިބިފައިވުމާއެކު، މިއީ އޮސްކާގެ ބައިނަލްއަގުވާމީ ފިލްމު ކެޓަގަރީން ޖާގަ ހޯދާނެ ފިލްމެއްކަން ގާތްގަނޑަކަށް ޔަގީނެވެ.
މަސްކް

އީލޮން މަސްކް | ގެޓީ އިމޭޖަސް
ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އީލޮން މަސްކްގެ ހަޔާތުގެ މައްޗަށް އެލެކްސް ގިބްނީ ތައްޔާރުކޮށްފައިވާ "މަސްކް" އަކީ ހަތަރު ގަޑިއިރުގެ ދިގު ޑޮކިއުމެންޓްރީއެކެވެ. މި ޑޮކިއުމެންޓްރީގައި މަސްކްގެ ކުޑަ ދުވަސްވަރުން ފެށިގެން، ޓެސްލާ އަދި ސްޕޭސް އެކްސްގެ ކާމިޔާބީއާ ހަމައަށް ހުރިހާ ތަފްސީލެއް ހިމަނާފައިވެ އެވެ. 2008 ވަނަ އަހަރު އޮސްކާ އެވޯޑު ހޯދި ގިބްނީގެ މި އައު އުފެއްދުމަށް މަސްކް ވަނީ ފާޑުކިޔާފަ އެވެ. މަސްކް ބުނި ގޮތުގައި މިއީ ހަތަރު ގަޑިއިރުގެ ފޫހި ފިލްމެކެވެ. ނަމަވެސް، މަސްކްގެ އެ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއްކަން ފިލްމު ބަލާލުމުން އެނގިގެންދެ އެވެ. މިއީ މިއަހަރުގެ އެންމެ މޮޅު ޑޮކިއުމެންޓްރީގެ އޮސްކާ އެވޯޑު ހޯދާނެ ކަމަށް ބެލެވޭ އެންމެ ވަރުގަދަ އެއް ފިލްމެވެ.








