ހާލު ކިހިނެއް ބ. ފުޅަދޫ: ކޮންމެ ރައްޔިތެއްގެ އާދޭހަކީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ދިނުން!
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:05ބ. ފުޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުވެފައި ނެތުމުން ފެން ލޮނުވެ، ނަޖިސް ބޭރުކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި. މިދިޔަ އަހަރުގެ އޯގަސްޓް މަހު އަމަލީ މަސައްކަތް އަލުން ފަށައި ބާރު ދުވެލީގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވާފައިވީ ނަމަވެސް އަދިވެސް މަސައްކަތް ފަށާފައި ނުވޭ


ރާއްޖެޓީވީން ގެނެސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ތެރެއިން | ރާއްޖެ އެމްވީ
ބ. ފުޅަދޫ ފެނާއި ނަރުދަމާ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ބ. ފުޅަދޫއިން ވާހަކަ ދެއްކި ކޮންމެ ރައްޔިތަކު ވަނީ އެ ރަށުގައި ފެނާއި ނަރުދަމާ ނެތުމުގެ ސަބަބުން ފެނުން ނުބައި ވަސް ދުވާ، ލޮނު ރަހަލާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.
އެގޮތުން، ފުޅަދޫއިން ވާހަކަދެއްކި ރައްޔިތަކު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަން އުޅުނު ނަމަވެސް އެއްވެސް ވަރަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ނުދާ ކަމަށެވެ. އަދި ފެނާއި ނަރުދަމާ އެޅޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މިރަށު ފެނުން ދުވާނީ ފާވަސް ދެން ލާނީ ލޮނު ރަހަ އެ ފެނުން ފެންވަރާ ހުރިހާ ކަމެއް މިކުރަނީ މަގުމަތީ ޖަންކްޝަން ހަދައިގެން އެޔަށް ފެން ހިންދައިގެން އެޔަށް ނަޖިސް ހިންދައިގެން މިއުޅެނީ ފެނާއި ނަރުދަމާއެއް ވެސް ނެތް. ވަޅުބުރިއެއް ހަދާ އެއީ އަސްލު ހަގީގަތަށް ބުނަންޏާ ވަޅުބުރިއަކީ ހޮޅިތަކުގެ މާފަހުން ކުރަން ޖެހޭ ކަމެއް މިހާރު ހޮޅިތަކުގެ ކުރިން ފާޑެއްގެ ވަޅު ބުރިއެއް ހަދަން މިހާރު އެތަނުގައި ތިބި މީހުން ވެސް އެކަން ހުއްޓާލާފައި ގޮއްސި ދެން މިހާރު އިނީ ހުއްޓިފައިބ. ފުޅަދޫ ރައްޔިތެއް
ފޫޅަދޫއިން ވާހަކަ ދެއްކި އިތުރު ރައްޔިތަކު ބުނި ގޮތުގައި ފެނާއި ނަރުދަމާ ނެތުމުގެ ސަބަބުން ފާހަނާ ބެދުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ. އަދި މިސަރުކާރުން ނަރުދަމާ އެޅުމުގެ ނަމުގައި ތިން ވަޅުބުރިއެއް ހަދާ ކަމަށާއި އެ ހަދަން އުޅޭތާ މިހާރު ހަތަރު މަސް ވާނެ ކަމަށް އޭނާ ބުނި އެވެ. ހަމައެއާއެކު އިތުރު ރައްޔިތަކު ވެސް ވަނީ ފަތުރުވެރިން ގިނަ އަދަދަކަށް ފުޅަދޫއަށް އަންނަކަން ފާހަގަކޮށް އޭނާ ވަނީ ފެން ލޮނުވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި އޮތީ ދެން އެތަން ފަހަރަކު ބައެއް ދެން އެއްފަހަރު ފެނަކައިން އެމްޑަބްލިއުއެސްސީން އެކަހަލަ ގޮތަކަށް މިދަނީ. ފެން ވަރަށް ލޮނު. ވަރަށް ގެސްޓުން އުޅޭ. އަޅުގަނޑު މިދޭތެރެއިން ޕާސަނަލީ މެންބަރާއި ވެސް ވާހަކަ ދައްކާލިން ދެން މެންބަރު ވެސް ވިދާޅުވީ ހަނގުރާމައާ މިކަންތައްތަކުގެ ސަބަބުން މަޝްރޫއުތަކަށް ވަރަށް ބޮޑަށް ލަސްކަމެއް އައިސްގެން އުޅޭ ވާހަކަބ. ފުޅަދޫ ރައްޔިތެއް
ފަތުރުވެރިކަމުން ފުޅަދޫއިން ގިނަ އަދަަދަކަށް ޓެކްސް ސަރުކާރަށް ދައްކާ ކަމަށާއި، މިހާރު ވެސް ސަރުކާރުގެ އިސްވެރިން ރަށަށް އަރާ ފައިބާ ދާއިރު، ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދަދޭން ނޫޅޭ ކަމަށް ފުޅަދޫއިން ވާހަކަ ދެއްކި އިތުރު ރައްޔިތަކު ބުނި އެވެ.
އަޅުގަނޑުމެންނަކަށް ނޭނގޭ ވާނުވާއެއް، މިހާރު މިވެރިކަން އައިފަހުން ވެސް ނަރުދަމާގެ މަސައްކަތް ތިން ބަޔަކަށް އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން އެތަން ހަވާލުކުރެވިއްޖެ މަސައްކަތް އަދިވެސް ކުރިއަކަށް ނުދޭ. މިހާރު ތިން މަސް ނޫނީ ހަތަރު މަސް ވެދާނެ ތިން ވަޅުބުރިއެއްގެ މަސައްކަތް ކުރާތާ. އެ މަސައްކަތް ކުރަން ފުރަތަމަ އައި ބޭފުޅުން ވެސް ތިން މަސް ވަންދެން މުސާރަ ނުދީގެން ފުރަތަމަ އައި މީހުން ވަނީ އެ މަސައްކަތް ދޫކޮށް ގޮސްފައިބ. ފުޅަދޫ ރައްޔިތެއް
މީގެ އިތުރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތުގެ މަސައްކަތް ބޮޑުބައި ނިންމާފައިވާ ކަމަށާއި، ރަށުގެ ވަކި ހިސާބަކަށް ހޮޅިވެސް އަޅާފައި ވަނިކޮށް، އެ ހޮޅިތައް މާކުޑަ ކަމަށް ބުނެ އެހެން ރަށަކަށް ހޮޅިތައް ގެންގޮސްފައިވާ ކަމަށް ފުޅަދޫ ރައްޔިތަކު ބުނި އެވެ.
ބ. ފުޅަދޫގައި ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ކުރީ ސަރުކާރުން ފަށާފަ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު މި މަޝްރޫއު ވަނީ ހުއްޓިފައި އެވެ. އަދި 2025 ވަނަ އަހަރު ރައީސް މުއިއްޒު ވަނީ ފުޅަދޫއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ ފެނާއި ނަރުދަމާކަން ފާހަގަކުރައްވައި 2025 ވަނަ އަހަރު އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދެއްވައިގެން ބާރު ދުވެލީގައި އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.







