ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ!
11 ސެޕްޓެމްބަރު 2026 | ހުކުރު 14:29ބ. ފުޅަދޫ ފެނުގެ ނިޒާމުގެ މަސައްކަތް ހުއްޓި، ސައިޓަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ތަކެތި ހަލާކުވަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ކުރީ ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށްގެންދިޔަ މި މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކުރި ފަހުން ބަޖެޓު ނެތް ކަމަށް ބުނެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ކައުންސިލުން ބުނޭ

ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ! | ރާއްޖެ އެމްވީ
ބ. ފުޅަދޫގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު މިސަރުކާރު އައިފަހުން ކުރިއަށް ނުގޮސް ހުއްޓިފައިވާތީ ފުޅަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ފުޅަދޫ ކައުންސިލް މެންބަރު ހައްސާން މޫސާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ފުޅަދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތަކީ ކުރީ ސަރުކާރުން 2023 ވަނަ އަހަރު ފަށާ ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސައްކަތް ވަނީ ހުއްޓުވާލާފައި ކަމަށް ހައްސާން ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރު ނިމުނުއިރު އިމާރާތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އޭރު ހިލަޔާއި، ހިލަވެއްޔާއި، ގައު، މަގުމަތީ އަޅާ ހޮޅި އަދި ސީލިން ކުރަން ބޭނުންވާ ލަކުޑީގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ގެނެސްފައިވާ ކަމަށް ހައްސާން ވިދާޅުވި އެވެ.
ރައްޔިތުންގެ ފައިސާއިން ގަނެފައި ހުރި މި ތަކެތި މިހާރު ހުރީ ވީރާނާ ވާން ދޫކޮށްލާފައި ކަމަށް ހައްސާން ވިދާޅުވި އެވެ. އަދި ކައުންސިލުން މި މަަސައްކަތް ކުރިއަށް ނުދަނީ ކީއްވެގެންތޯ ސަރުކާރަށް ދެންނެވުމުން ވެސް ޖަވާބު ނުލިބޭ ކަމަށް ހައްސާން ވިދާޅުވި އެވެ.
މި މަޝްރޫއަކީ ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި މަޝްރޫއެއް ނަމަވެސް ސަރުކާރު ބަދަލުވެގެން މި މަޝްރޫއު ވަނީ އެމްޑަބްލިއުއެސްސީއަށް ހަވާލުކޮށްފައި ކަމަށް ހައްސާން ވިދާޅުވި އެވެ. އަދި އޭގެން ފަހުން މަޝްރޫއު އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.
ގެނައި ހޮޅިތަކާއި އެއްޗެހި އެމްޑަބްލިއުއެސްސީން ބުނުއްވަނީ އެ ކޮލިޓީއެއް ނޫނޭ އެ ހޮޅިތަކެއް ބޭނުމެއް ނުކުރާނޭ މުޅިން އަލަށްށޭ ތިމަންނަމެން ސާމާނު ގެންނާނީ އެކަމު މިވެސް ހަމަ އިސްރާފެއް ނޫންތޯ. މިހާރު ވެސް ހުންނާނެ ޓޭންކްތަކާއި އެއްޗެހި ބަންނަން ފައްޓާފައި ކުރީ ސަރުކާރުގައި، ބަންނަން ފައްޓާފައި ދަގަނޑުތަކާއި އެއްޗެހި އަތުރާލި ގޮތަށްހައްސާން މޫސާ
ހައްސާން ވިދާޅުވީ 2025 ވަނަ އަހަރު ރައީސް މުއިއްޒު އެ ރަށަށް ވަޑައިގަތުމުން، މަސައްކަތް ފަށަން ހިލައާއި މުވައްޒަފުން ވެސް ގެނައި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ރަށުން ވަޑައިގަތުމާއެކު ގެނައި އެމީހުންނާއި ތަކެތި ވެސް ގެންގޮސްފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ވަރަށް ގާތުން މި މަޝްރޫއު ބައްލަވާނެ ކަމަށް ވިދާޅުވި ކަމަށް ހައްސާން ފާހަގަކުރެއްވި އެވެ.
ހައްސާން ވިދާޅުވީ މިހާރު މަޝްރޫއުއާ ގުޅޭ ތަފްސީލެއް ހޯދުމަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފަކަށް ގުޅުމުން މަޝްރޫއު ކުރިއަށް ނުދަނީ ބަޖެޓް ނެތިގެން ކަމަށް ވިދާޅުވި ކަމަށެވެ.
މީގެ އިތުރުން، މަސައްކަތަށް ގެނައި ސިލިކޯން ފުޅިތަކާއި، ހޮޅިތަކާއި، ފިލާތައް އަދި ސިމެންތި އާއި ހިލަވެލި ވީރާނާވާން ދޫކޮށްލާފައިވުމުން ހައްސާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.





