ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވައިގަދަވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ
10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:19ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި


ވިއްސާރަ ދުވަހެއްގެ މަންޒަރެއް
ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދެމުންދާތީ، މި ސެޕްޓެމްބަރު މަހުގެ 11، 12 އަދި 13 ވަނަ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އެވެ. އަދި މި ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ވައިގެ ބާރުމިނާއި މިސްރާބަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އާންމުގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެ އެވެ. މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
ވިއްސާރައިގެ ސަބަބުން ދިމާވެދާނެ އެކި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުންނާއި، ޚާއްސަކޮށް ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.









