ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ޝަރަފު ހޯދާފައިވާ އިނގިރޭސިވިލާތުގެ ކެޓަހަމް 117 ވަނަ އުފަންދުވަސް ފާހަގަކޮށްފި
21 އޯގަސްޓު 2026 | ހުކުރު 18:45ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ޝަރަފު ހޯދާފައިވާ އިނގިރޭސިވިލާތުގެ އީތެލް ކެޓަހަމް، އޭނާގެ 117 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވާއިރު، އޭނާއަކީ އެ ގައުމުގެ ތާރީޚުގައި މިހާ ގިނަ ދުވަހު ދިރިހުރި ފުރަތަމަ މީހާ. ދުނިޔޭގެ ބޮޑެތި ހާދިސާތަކާއި ކޮވިޑް-19 ގެ ބަލިމަޑުކަން ތަޖުރިބާކޮށްފައިވާ ކެޓަހަމްގެ މި ދިގު ހަޔާތުގައި އޭނާ ވަނީ އެކި ގައުމުތަކުގައި މަސައްކަތްކޮށް، އާއިލާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައި

ސެޕްޓެމްބަރު 18، 2025 ގައި ހޯލްމާކް ލޭކްވިއު ކެއާ ހޯމްގައި ނަގާފައިވާ އީތެލް ކެޓަހަމްގެ ފޮޓޯއެއް | އެލަމީ
ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ޝަރަފު ހޯދާފައިވާ އިނގިރޭސިވިލާތުގެ އީތެލް ކެޓަހަމް، އޭނާގެ 117 ވަނަ އުފަންދުވަސް ހުކުރު ދުވަހު ފާހަގަކޮށްފި އެވެ.
ލަންޑަންއާ ގާތްގަނޑަކަށް 25 މޭލު ބޭރުގައި އޮންނަ ސަރޭގެ ކެއާ ހޯމެއްގައި ދިރިއުޅެމުންދާ ކެޓަހަމް އަކީ، ގިނިސް ވޯލްޑް ރެކޯޑްސްއިން ހާމަކުރާ ގޮތުގައި، 117 އަހަރާ ހަމައަށް ދިރިހުރި ފުރަތަމަ އިނގިރޭސި ރައްޔިތެވެ.
ޔޫކޭގެ ޕީއޭ މީޑިއާ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ކެޓަހަމް ބުނީ، އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަރަށް އުފާވެރި ދުވަހެއް ހޭދަކޮށްފި ކަމަށާއި، ކުރިއަށް އޮތް އަހަރު ގެނެސްދޭނެ ކަންތައްތަކަށް އިންތިޒާރު ކުރާ ކަމަށެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން ރިޕޯޓްކުރާ ގޮތުގައި، ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ފިރިހެން މީހާ ކަމަށްވާ ބްރެޒިލްގެ ޖޮއާއޯ މަރީނިއޯ ނެޓޯ ވެސް ވަނީ ކެޓަހަމްއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.
ކެޓަހަމްގެ 116 ވަނަ އުފަންދުވަހާ ގުޅިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ރަސްގެފާނު ޗާލްސް ވަނީ އޭނާއާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ކެޓަހަމް ވަނީ 1969 ވަނަ އަހަރު ޗާލްސްގެ އުމުރުފުޅުން 21 އަހަރުގައި ޕްރިންސް އޮފް ވޭލްސްގެ ލަގަބު އެރުވުނު ރަސްމިއްޔާތުގެ ހަނދާންތައް އާކޮށްފަ އެވެ. އެގޮތުން "އެ ދުވަސްވަރު ހުރިހާ އަންހެން ކުދިންވެސް ތިބީ މަނިކުފާނު ދެކެ ލޯބިން ކަމަށާއި، އެންމެންވެސް ބޭނުންވީ މަނިކުފާނާ ކައިވެނިކުރަން" ކަމަށް ކެޓަހަމް ރަސްގެފާނު އަރިހުގައި ބުންޏެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކެޓަހަމްއާ ބައްދަލުކުރައްވަނީ | ޕީއޭޭ
ކެޓަހަމްގެ 117 އަހަރުގެ ދިގު ހަޔާތުގައި ދުނިޔޭގެ ދެ ބޮޑު ހަނގުރާމައާއި، ޓައިޓޭނިކް ބަނޑުންޖަހާލި ހާދިސާއާއި، ރަޝިއާގެ އިންގިލާބުގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަން ވަނީ ތަޖުރިބާކޮށްފަ އެވެ. ގިނިސް ވޯލްޑް ރެކޯޑްސްއިން ފާހަގަކުރާ ގޮތުގައި، 2020 ވަނަ އަހަރު އުމުރުން 110 އަހަރުގައި ކޮވިޑް ޖެހުމަށްފަހު، އެ ބަލިން ސަލާމަތްވި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.
ދެކުނު އިންގްލެންޑްގެ ހެމްޕްޝަޔާގެ ޝިޕްޓަން ބެލިންޖާގައި 21 އޯގަސްޓް 1909 ގައި އުފަންވި ކެޓަހަމް އަކީ އާއިލާގެ އަށް ކުދިންގެ ތެރެއިން ދެވަނައަށް އެންމެ ހަގު ކުއްޖާ އެވެ. އަދި އޭނާއަކީ އެޑްވާޑް ހަތްވަނަ ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު އުފަންވެ، މިހާރު ދުނިޔޭގައި ހުރި ހަމައެކަނި މީހާވެސް މެއެވެ.
އުމުރުން 18 އަހަރުގައި އޭނާ އެކަނި އިންޑިއާއަށް ދަތުރުކޮށް، އެ ގައުމުގައި ސިފައިންގެ އާއިލާއެއްގެ ކުދިން ބަލާ މީހެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ. އޭގެ ފަހުން 1931 ވަނަ އަހަރު ބޭއްވި ޖާފަތެއްގެ ތެރެއިން އިނގިރޭސި އަސްކަރިއްޔާގެ މޭޖާ ނޯމަން ކެޓަހަމްއާ ބައްދަލުވެ، އޭގެ ދެ އަހަރު ފަހުން އެ ދެމީހުން ކައިވެނި ކުރި އެވެ.
އެ ދެމަފިރިން ސެލިސްބަރީގައި ދިރިއުޅުމަށްފަހު ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކުރި އެވެ. އޭގެ ތެރޭގައި ހޮންކޮންގްގައި އުޅުނު ދުވަސްވަރު ކެޓަހަމް ވަނީ އެ ގައުމުގައި ކިންޑަގާޓަންއެއް ހުޅުވާފަ އެވެ. ފަހުން އެނބުރި އިނގިރޭސިވިލާތަށް އައިސް ދެ އަންހެން ދަރިން ބޮޑުކުރި ނަމަވެސް، އެ ދެ ދަރިންވެސް މިހާރު ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އޭނާގެ ފިރިމީހާ މަރުވީ 1976 ވަނަ އަހަރު އެވެ.
ކެޓަހަމްގެ ތިން މާމަ ދަރިންނާއި ފަސް މުނިމާމަ ދަރިން ތިބެ އެވެ.
އޭނާގެ އުމުރުން މިހާ ގިނަ ދުވަސްވެފައިވީ ނަމަވެސް، އިންސާނަކު އެންމެ ގިނަ ދުވަހު ދިރިހުރި ކަމަށް ރަސްމީކޮށް ރެކޯޑް ކުރެވިފައިވާ މުއްދަތާ ހަމައަށް ދިއުމަށް ކެޓަހަމްއަށް އަދި ދުވަސްތަކެއް ބޭނުންވެ އެވެ.
އެންމެ ގިނަ ދުވަހު ދިރިހުރި މީހާގެ ރެކޯޑް އޮންނަނީ ފްރާންސްގެ ޖީން ކަލްމެންޓް އަތުގަ އެވެ. އޭނާ މަރުވީ 1997 ވަނަ އަހަރު، އުމުރުން 122 އަހަރާއި 164 ދުވަހުގަ އެވެ.



